ޑޮނާޑް އިންވެސްޓްމަންޓްގެ ދެވަނަ އައުޓްލެޓް ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލޭގައި ހުޅުވި ޑޮނާޑް އިންވެސްޓްމަންޓްގެ ދެވަނަ އައުޓްލެޓް "ޕްރިންޓް ސައިން" --

ރާއްޖޭގައި ޕްރިންޓް އެންޑް ޑިޒައިންގެ ދާއިރާގައި ހިދުމަތްދެމުން އަންނަތާ 17 އަހަރު ވެފައިވާ ޑޮނާޑް އިންވެސްޓްމަންޓްގެ ދެވަނަ އައުޓްލެޓް "ޕްރިންޓް ސައިން" ހުޅުމާލޭގައި ހުޅުވައިފިއެވެ.

ހުޅުމާލޭ ހަނދުވަރީ ހިނގުމުގައި އެ ފިހާރަ ހުޅުވައިދެއްވީ ޑޮނާޑް އިންވެސްޓްމަޓްގެ މެނޭޖިން ޑިރެކްޓަރު ޔާމީން އާދަމް އެވެ.

ޕްރިންޓް ސައިން ހުޅުވައިދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންޓް ސައިންގެ ޖެނަރަލް މެނޭޖަރު ޝާހީން އާދަމް ވިދާޅުވީ، ހުޅުމާލޭގައި ހުޅުވި އައުޓްލެޓުންވެސް މާލޭގައި ޑޮނާޑުން ހިންގަމުން އަންނަ "މެޓަލް ސައިން" އިން ލިބޭ ހުރިހާ ހިދުމަތެއް އެއް އަގެއްގައި ލިބިގެން ދާނެ ކަމަށެވެ.

ޝާހީން ވިދާޅުވީ، ހުޅުމާލޭގައި ސައިން ބޯޑު ފަދަ ތަކެތި ހަދައި އެފަދަ ހިދުމަތްތަށް ދޭ ތަނެއް ނެތުމުން އާންމުންނަށް މާލެ ގޮސް އެ ހިދުމަތް ލިބިގަތުމަށް އުނދަގޫތަށް ދިމާވާކަމަށެވެ. ނަމަވެސް ހުޅުމާލޭގައި ހުޅުވި ފިހާރައިން ކަސްޓަމަރުން ގުޅާލައިފަ ބުނުމުން ސައިން ބޯޑުތަށްވެސް މިން ނެގުމަށްފަހުގައި ގެނެސް ހަރުކޮށްދިނުމުގެ ހިދުމަތްވެސް ދެެމުންގެންދާނެ ކަމަށް ޝާހީން ވިދާޅުވިއެވެ.

"މިން ނަގައިގެން މާލެއަށް ގޮސް ސައިން ބޯޑުތަށް ހަދައިގެން އައިސް އިންސްޓޯލް ކުރަން ވަރަށް އުނދަގޫ ކަމަކަށް ވެފައި އޮންނަނީ. އެކަމަކު މިހާރު މިކޮޅަށް ގުޅާލީމަ ގޮސް މިންނަގައިގެން ހަދައިގެން އައިސް އިންސްޓޯލްވެސް ކޮށްދޭގޮތަށް މިހަދަނީ. އެހެންވީމަ ކަސްޓަމަރުން ނުޖެހޭނެ އެކަމާ އިތުރަށް ވިސްނާކަށް. ހަމަ ގުޅާލީމަ މިކޮޅުން އިންސްޓޯލް ކޮށްދިނުމާ ހުރިހާ ކަމެއް ކޮށްދޭނަށް،" ޝާހީން ވިދާޅުވިއެވެ.

ޑޯނާޑަކީ ރާއްޖޭގެ ފުޅާ ދާއިރާއެއްގައި އެވޯޑްތައް ހަދައި ދިނުމާއި، ސައިން ބޯޑުތަށް ހަދައިދިނުމާއި، ބޭނުންވާ ގޮތަށް ގިފްޓްތަށް ޕްރިންޓް ކޮށްދިނުމާއި، އަދި އެނޫންވެސް ޕްރިންޓް އެންޑް ޑިޒައިނާ ގުޅޭ ތަފާތު ހިދުމަތް ތަކެއް ދެމުން އަންނަ ކުންފުންޏެކެވެ. ޑޮނާޑްގެ ފުރަތަމަ ފިހާރަ "މެޓަލް ސައިން" ހުޅުވާފައި ހުންނީ މާލޭ އަމީނީ ހިނގުމުގައެވެ.

comment ކޮމެންޓް