މަސްތުވާތަކެތީގެ މައްސަލައެއްގައި ކުރި ހުކުމެއް ޕީޖީ އިން އެދިގެން ބާތިލްކޮށްފި

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު 15 އަހަރަށް ޖަލަށްލުމާއެކު 25،000 ރުފިޔާ އިން ޖޫރިމަނާކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ޕީޖީ އޮފީހުން އެދިގެން ހައިކޯޓުން ބާތިލްކޮށްފިއެވެ.

އެ މައްސަލާގައި ހުކުމްކޮށްފައި ވަނީ ރ. ރަސްމާދޫ، ޒަމާނީކުލަ އަބްދުލްފައްތާހު ހުސައިންގެ މައްޗަށެވެ.

ފައްތާހުގެ މައްޗަށް ދައުލަތުން އުފުލީ ޑައިމޯފިނުން މުއާމަލާތްކުރުމުގެ ދައުވާއެެވެ. އެ ދައުވާ އުފުލީ 2013 ވަނަ އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހުގެ 11:30 ހާއިރު ފުލުހުން އޭނާ ހައްޔަރުކޮށް ޗެކްކުރި އިރު، 0.0195 ގްރާމް ޑައިމޯފިން ހުރި ރަބަރު ޕެކެޓެއް އޭނާގެ އަތުން ފެނިފައިވާތީއެވެ.

ހައިކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ އެ މަސްތުވާތަކެއްޗަކީ ބޭނުންކުރުމަށް ގަތް މަސްތުވާތަކެތި ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފައްތާހު ބުނެފައިވާ ކަމަށެވެ.

ޑައިމޯފިނުން މުއާމަލާތްކުރުމުގެ ދައުވާ އުފުލާފައިވާ ހާލަތުގައި ޕީޖީ އޮފީހުން އަމަލުކުރާ އުސޫލަކީ ބޭނުންކުރަން ގެންގުޅުނު މަސްތުވާތަކެތި ކަމަށް އިއުތިރާފުވެއްޖެނަމަ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ދައުވާ އުފުލާފައިނުވާނަމަ، އެ މީހަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހެއް ކަމަށް ބަލައި މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ދައުވާ ޑްރަގް ކޯޓުގައި އުފުލުމެވެ.

ނަމަވެސް އެ މައްސަލާގައި އެ އުސޫލަށް އަމަލުކުރެވިފައިނުވާތީ އެ މައްސަލަ ބާތިލްކޮށްދިނުމަށް ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އެދިފައެވެ.

އެހެންކަމުން އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ ބެލުމުގެ އިހްތިސޯސް ލިބިފައިވާ ކޯޓަކަށް ހުށަހަޅައިފިނަމަ އަލުން މައްސަލަ ބެލޭނެ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް