ފުރާވަރު އުމުރުގައި އުފެދޭ ރަހުމަތްތެރިކަމަކީ ނަފްސާނީ ދުޅަހެޔޮކަމަށް މުހިއްމު ގުޅުމެއް!

--/

ފުރާވަރުގެ ދުވަސްވަރަކީ ގިނަ ރައްޓެހިން ހޯދުމަށް މަސައްކަތް ކުރާ އުމުރެކެވެ. ސްކޫލުގައި އުޅޭ އިރު ދިމާވާ ރައްޓެހިންނާ ގާތް ގުޅުމެއް ބޭއްވުމަށް މި އުމުރުގެ ކުދިން މަސައްކަތް ކުރެއެވެ. ހާއްސަ ގުރޫޕަކަށް ނިސްބަތްވެ، އެ ގްރޫޕުގެ ކުދިންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަކީ މި އުމުރުގެ ކުދިން އިސްކަންދޭ ކަމެކެވެ.

ފުރާވަރުގެ އުމުރަކީ ކުއްޖާގެ ހަޔާތުގައި މުހިއްމު ދުވަސްވަރެކެވެ. މި ދުވަސްވަރު ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ހަށިގަނޑަށް ބޮޑު ބަދަލެއް އާދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ސްކޫލު ދައުރުގައި އުފެދޭ ރަހުމަތްތެރިކަމަކީ ބޮޑުވަމުން އަންނަ އިރު، ހާއްސަކޮށް ޒުވާން އުމުރަށް އަޅާއިރު ނަފްސާނީ ގޮތުން މުހިއްމު ރޯލެއް އަދާކުރާ ގުޅުމެކެވެ.

ޔުނިވާސިޓީ އޮފް ވާޖީނިއާގެ ކްލިނިކަލް ސައިކޮލަޖީ އިން ޕީއެޗްޑީ ހާސިލްކުރާ ކެނޑިޑޭޓެއް ކަމަށްވާ ރޭޗަލް ކޭ ނާރް ވިދާޅުވާގޮތުގައި ފުރާވަރުގެ އުމުރު އުފެދޭ ރަހުމަތްތެރިަކމުގެ ގުޅުމަކީ އެނޫން އުމުރުތަކުގައި އުފެދޭ މިފަދަ ގުޅުންތަކަށް ބަލާއިރު ވަރުގަދަ ގުޅުމެކެވެ.

"ފުރާވަރުގެ އުމުރުގައި، ހާއްސަކޮށް ހައި ސްކޫލުގެ ދުވަސްވަރު އުފެދޭ ރަހުމަތްތެރިކަމުގެ ގުޅުންތަކަކީ އެހެން އުމުރުތަކުގައި އުފެދޭ ރަހުމަތްތެރިކަމަށްވުރެ ކޮލިޓީ ރަނގަޅު ގުޅުމެއް. މި ދުވަސްވަރު ކުދިންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވޭ. ހަޔާތުގައި އަންނަ މުހިއްމު މި ދުވަސްވަރު ގޮތްނިންމުމުގައި އެންމެ ބޮޑަށް ބަލަނީ ރައްޓެހިންގެ ހިޔާލު ހުރި ނެތްގޮތް،" ރޭޗަލް ވިދާޅުވެފައިވެއެވެ.

ރޭޗަލް ވަނީ 10 އަހަރު ވަންދެން ފުރާވަރު އުމުރުގެ 169 ކުދިންގެ އުޅުން ހުރިނެތްގޮތް ބަލައިފައެވެ. އެކި ގައުމުތަކުގެ، އެކި މުޖްތަމައުތަކުގައި އުޅޭ ކުދިންތަކެއް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބައިވެރިވި ކެނޑިޑޭޓުންގެ މައުލޫމާތު އަހަރަކު އެއްފަހަރު އެއްކޮށްފައިވާއިރު އެކުވެރިންނާއެކު އޮންނަ ގުޅުންތައް، އާއިލާގެ ކަންތައް ހުރި ނެތްގޮތް ފަދަ މައުލޫމާތު ވަނީ އެއްކޮށްފައެވެ.

މި ދިރާސާގައި އެންމެ ވަރުގަދަ ގުޅުންތައް ނުވަތަ "ސްޓްރޯންގް ފްރެންޑްޝިޕް"ގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ އުމުރުން 14 - 15 އަހަރުން ފެށިގެން ބެސްޓް ފްރެންޑުންގެ ގޮތުގައި އުޅޭ މީހުންގެ ގުޅުމެވެ. މި ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ އެކުވެރިންނާއި ސްކޫލު ރަހުމަތްތެރިންގެ މެދުގައި މި ފަރާތްތައް މަގުބޫލު މިންވަރުވެސް ވަނީ ބަލައިފައެވެ. ދިރާސާގައި ބުނެފައިވަނީ މި އުމުރުގައި ރައްޓެހިންނާއި، އެމީހުންނާއެކު އޮންނަ ގުޅުމަކީ މުހިއްމު ގުޅުމެއްކަމަށް ދެކޭ ފަރާތްތައް ބޮޑުވަމުން އަންނަ އިރު ނަފްސާނީ ގޮތުން ދުޅަހެޔޮ ކަމަށެވެ. އެގޮތުން ސްޓްރެސް އާއި ޑިޕްރެޝަން، އެންޒައިޓީ ފަދަ ކަންތަކުން މި ފަރާތްތައް ދުރުކަން ދިރާސާގައި ވަނީ ފާހަގަ ކޮށްފައެވެ.

"ފުރާވަރުގެ އުމުރުގައި ރައްޓެހިން ހޯދުމާއި އެކަމުގެ މުހިއްމުކަން މި ދިރާސާ އިން ހާމަވި. ހާއްސަކޮށް އެކުވެރި ކުދިންގެ މެދުގައި އޮންނަ ގުޅުމުގެ ވަރުގަދަކަމުން މި ދުވަސްވަރު ދިމާވާ ގޮންޖެހުން ތަކުން ސަލާމަތްވުމަށް މި އުމުރުގެ ކުދިންނަށް ފަސޭހަވޭ. މިއީ އިޖްތިމާއީ ގޮތުންވެސް މީހާ ވަރުގަދަ ވާކަމެއް،" މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވެލެއްވި ވާޖީނިއާ ޔުނިވާސިޓީގެ ސައިކޮލަޖީ ޕްރޮފެސަރ ޖޯސެފް އެލެން ވިދާޅުވިއެވެ.

comment ކޮމެންޓް