ސުޒޭންގެ އިރުޝާދުގެ ދަށުން ތިނަދޫ ކުޅުނު ފުރަތަމަ މެޗުގެ ނަތީޖާ ގޯހެއް ނޫން!

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ޓީސީއާއި ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-2 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ތަޖުރިބާކާރު ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ގދ. ތިނަދޫ ކުޅުނު ފުރަތަމަ މެޗުން ހަނި ތަފާތަކުން ޓީސީ ސްޕޯޓްސް ކްލަބު އަތުން ބަލިވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ތިނަދޫގެ މައްޗަށް ޓީސީން ކުރި ހޯދީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވި ނަމަވެސް، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ފުރަތަމަ ހާފުގައި ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި ސްޓެވާޓް ކޯނެލިއަސްއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައިރު، ތިނަދޫގެ އަހްމަދު ރިޒްވާން (ރިޒޭ)އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ 15 މިނެޓު ތެރޭ، ޓީސީން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 51 ވަނަ މިނެޓުގައި ޓީސީއަށް ކޯނެލިއަސް ލީޑު ހޯދައިދިންއިރު، އޭގެ ފަސް މިނެޓް ފަހުން ފެނުނު ޓީސީގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އޭނާއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ޓީސީއާއި ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-2 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓީސީގެ ދެ ލަނޑަށްފަހު ތިނަދޫގެ ކުޅުން ރަނގަޅުކޮށް، ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައިވެއެވެ. މެޗުގެ 63 ވަނަ މިނެޓުގައި ތިނަދޫގެ ފުރަތަމަ ލަނޑު ރިޒޭ ކާމިޔާބުކޮށްދިން އިރު، މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހޯސޭ އެލެކްސެންޑާ ހެނާންޑޭޒް އަވީލާއެވެ.

ތިނަދޫން ނަތީޖާ ހަމަހަމަކުރިތާ ތިން މިނެޓް ފަހުން ޓީސީން ވަނީ އަލުން ލީޑު ހޯދައިފައެވެ. އެ ލަނޑު ތިނަދުއަށް ކާމިޔާބު ކޮށްދިނީ މިއަހަރު އެ ކްލަބާ ގުޅި މޮޅު ކުޅުމެއް ދައްކަމުންދާ ފޭދޫ އިއްބެއެވެ. މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، ތިނަދުއަށް ނަތީޖާ ހަމަހަމަ ކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އަންސަރު އިބްރާހިމް (އަންކޮ)އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ.

އެ ނަތީޖާއާއެކު އެއް މެޗު އިތުރަށް ކުޅެގެން ޓީސީ ވަނީ ތާވަލުގެ އެއް ވަނައަށް ޖެހިލައިފައެވެ. ޓީސީއަށް އަށް މެޗުން 19 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތް މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. މިއަދު ހަވީރު ކުޅުނު މެޗުން ބަލިވި ތިނަދޫ އޮތީ ކުޅުނު އަށް މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާއާއި ދ. ކުޑަހުވަދޫއެވެ.

comment ކޮމެންޓް