ކުޑަ އިންމަ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ގައުމީ ޓީމުގެ ފަރިތަކުރުމުގެ ޝެޝަނެއްގައި --- ފޮޓޯ/ އެފްއޭއެމް

ރާއްޖޭގެ ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އެންމެ ފަހުން ގައުމީ ޓީމުގެ ސްކޮޑުގައި ކުޑަ އިންމަ ހިމެނިފައި ވަނީ އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ އޮމާނާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައެވެ. އެ މެޗުގައި ކުޑަ އިންމަގެ ބޭނުން ގައުމީ ކޯޗު ޑެރަން ސްޓެވާޓް ހިފައިފައެއް ނުވެއެވެ.

ކުޑަ އިންމަ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި މިވަނީ 17 އަހަރަށްފަހު ކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލިތާ އަހަރެއް ވީތަނާއެވެ. ކުޑަ އިންމަ ކުޅުން ހުއްޓާލުމާ ގުޅިގެން މިހާރު ގައުމީ ޓީމުގެ ގޯލު ބަލަހައްޓަމުންދާ ތަޖުރިބާކާރު ގޯލްކީޕަރެއްގެ ގޮތުގައި ހުރީ ހަމައެކަނި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކީޕަރު މުހައްމަދު ފައިސަލެވެ.

މިހާރު ގައުމީ ޓީމުގައި ހުރި ހަމައެކަނި ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު ފައިސަލް --- ފޮޓޯ/ އެފްއޭއެމް

ގަވާއިދުން 2012 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގެ ސްކޮޑުން ކުޑަ އިންމައަށް ޖާގަ ލިބެމުންދިޔަ ނަމަވެސް، އޭގެ ތެރެއިން މެޗުތަކުގައި ގޯލް ބެލެހެއްޓުމަށް އޭނާއަށް ފުރުސަތު ލިބިފައިވަނީ މަދު މެޗުތަކެއްގައެވެ. ކުރިން އޭނާއަށް ޖާގަ ލިބެނީ ތަޖުރިބާކާރު ކީޕަރު އިމްރާނަށް އަނިޔާވެއްޖެ ހާލަތެއްގައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިމްރާން ކުޅުން ހުއްޓާލުމަށް ފަހު ގައުމީ ޓީމުގެ ފުރަތަމަ 11 އިން ފުރުސަތުދެނީ ފައިސަލަށެވެ. ކުރިއެކޭ އެއްގޮތަށް ކުޑަ އިންމަ ހަރަކާތްތެރިވާން ޖެހެނީ ބަދަލު ކީޕަރެއްގެ ގޮތުގައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލި އިމްރާން މުހައްމަދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރަތަމަ ޑިވިޝަންގައި ކުޑަ އިންމަ ފެންނަން ފެށީ 2009 ވަނަ އަހަރު ކްލަބު ވެލެންސިއާ އިންނެވެ. ވެލެންސިއާގެ އިތުރުން ކުޑަ އިންމަ ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަދި ޓީސީ ސްޕޯޓްސް ކްލަބުގެ ގޯލު ވެސް ބަލަހައްޓައިފަ އެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން ޓީސީއަށް ކުޑަ އިންމަ ދެއްކި ކުޅުން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ މާލޭ ލީގުގައި ކުޑަ އިންމަ ފެނިގެން ދިޔައީ ވިކްޓަރީ ސްޕޯޓްސް ކްލަބުންނެވެ. އެ ކްލަބުގައި ސީރިއާ ކީޕަރު މަހްމަދޫ އަލް ޔޫސުފް ހުރުމުގެ ސަބަބުން ފުރަތަމަ 11 އިން ކުޑަ އިންމައަށް ފުރުސަތު ނުލިބުނު ނަމަވެސް، ގައުމީ ސްކޮޑުން އޭނާއަށް ޖާގަ ލިބެމުންދިޔައެވެ.

މާލޭ ލީގުގައި ވިކްޓަރީގެ ގޯލު ބެލެހެއްޓުމުގެ ފުރުސަތު ކުޑަ އިންމައަށް ލިބުނީ އެންމެ މެޗެއްގައެވެ. މާލޭ ލީގަށްފަހު ވިކްޓަރީ ދޫކޮށް، ދިވެހި ޕްރިމިއާ ލީގުގައި މިހާރު ކުޑަ އިންމަ ކުޅެމުންދަނީ ށ. މިލަންދޫއަށެވެ. އެ ޓީމުން ޕްރިމިއާ ލީގުގައި ބޮޑެތި ޓީމުތަކާ ދެކޮޅަށް ދައްކާ މޮޅު ކުޅުމުގައި ކުޑަ އިންމަގެ ތަޖުރިބާ ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް