ފައިސާ ނުދީގެން އެމްޑީޕީން ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ދައުވާކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 156ވަނަ ބައްދަލުބުމުގެ ތެރެއިން ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މިއަހަރު ދޫކުރަން ހަމަޖެހިފައިވާ ފައިސާ ދޫކޮށްފައިނުވާތީ އިދިކޮޅު އެމްޑީޕީން ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ދައުވާކޮށްފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު "ސަން"އަށް މިރޭ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މިއަހަރު ދޫކުރަންޖެހޭ ފައިސާ އަދިވެސް އެ ޕާޓީއަށް ލިބިފައިނުވާ ކަމަށެވެ.

އެ ފައިސާ ލިބިފައިނުވާތީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 35 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 35 ވަނަ މާއްދާގެ (ޅ)ގައި ބުނާ މުއްދަތުގައި ފައިސާ ހަވާލުކޮށްފައި ނުވާތީ އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުވާކޮށްފައި ވަނީ މިއަހަރު އެ ޕާޓީއަށް ދޭންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 7.7 މިލިއަން ރުފިޔާ ހޯދުމަށް ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

"އެ ފައިސާ ވަގުތުން ހަވާލުކޮށްދިނުމަށް އަމުރުކޮށްދިނުމަށް އެދި މައްސަލަ ހުށަހެޅީ،" އަނަސް ވިދާޅުވިއެވެ.

ދައުލަތުން އެ ޕާޓީއަށް ދޭންޖެހޭ ފައިސާ ލިބިފައިނުވާތީ ޕާޓީ ހިންގުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެގޮތުން ފައިސާ ނެތިގެން އެ ޕާޓީގެ ކޮންގްރެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

comment ކޮމެންޓް