ކޮލިފައިންގެ ނާކާމިޔާބީއާއެކު ރޮބެން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ބަޔާން މިއުނިކްގެ ނެދަލެންޑްސް ފޯވަޑް އާރްޔެން ރޮބެން: ވޯލްޑް ކަޕް ކޮލިފައިންގެ ނާކާމިޔާބީއާއެކު ރޮބެން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕް 2018 ކޮލިފައިންގެ ނާކާމިޔާބީއާއެކު ނެދަލެންޑްސް ގައުމީ ޓީމުގެ ތަޖުރިބާކާރު ފޯވަޑް އާރްޔެން ރޮބެން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ކޮލިފައިންގެ ފަހު މެޗުގައި ސްވިޑަން އަތުން 2-0 ލަނޑުގެ ނަތީޖާއަކުން ނެދަލެންޑްސް މޮޅުވި މެޗުގައި އެ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ކެޕްޓަންގެ ދައުރު އަދާކުރަމުންދިޔަ ރޮބެންއެވެ. އެ މެޗަށް ނުކުތްއިރު، ޕްލޭ އޯފްގެ ޖާގައެއް ވެސް ނެދަލެންޑްސްއަށް ލިބެން އޮތީ ހަތް ލަނޑު ޖަހައިގެންނެވެ.

ކޮލިފައިންގައި ސްވިޑަންއާއި ނެދަލެންޑްސް ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް، ގޯލުގެ ތަފާތުން ޕްލޭ އޯފްގެ ޖާގަ ލިބުނީ ސްވިޑަންއަށެވެ. އެ މެޗުގައި ރޮބެން ޖެހި ދެ ލަނޑާއެކު ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، އޭނާ ވަނީ 96 މެޗުން 37 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އުމުރުން 33 އަހަރުގެ ބަޔާން މިއުނިކްގެ ފޯވަޑް ރޮބެން، ގައުމީ ޓީމަށް ކުޅެން ފެށީ 2003 އަހަރުއެވެ. އޭރުން ފެށިގެން ނެދަލެންޑްސް ގައުމީ ޓީމުގެ ކާމިޔާބީގެ ފަހަތުގައި ރޮބެންގެ ދައުރު ފާހަގަކޮށްލެވެއެވެ. އެގޮތުން ވޯލްޑް ކަޕް 2010ގެ ފައިނަލަށް ނެދަލެންޑްސް ގެންގޮސްދިނުމުގައި ރޮބެންގެ ދައުރު ފާހަގަކޮށްލެވެއެވެ. ފައިނަލުގައި ސްޕެއިންއާ ވާދަކޮށް، ނެދަލެންޑްސް ބަލިވީ އިތުރު ވަގުތުގެ ތެރޭގައެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ވެސް ރޮބެންގެ ކުޅުން ފާހަގަކޮށްލެވެއެވެ. ނެދަލެންޑްސް އިން ސެމީ ފައިނަލުގައި ވާދަކުރި އެ މުބާރާތުގައި ރޮބެންގެ ފަރާތުން ތިން ލަނޑު ވެސް ފެނިގެންދިޔައެވެ.

ވޯލްޑް ކަޕް 2014އަށްފަހު ނެދަލެންޑްސްގެ ފަރާތުން ފެނިގެންދިޔައީ ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހޭ ޓީމެއްގެ ގޮތުގައެވެ. ވޯލްޑް ކަޕް 2018ގެ ޖާގައެއް ނެދަލެންޑްސްއަށް ނުލިބުނުއިރު، އެ ޓީމަށް މިދިޔަ އަހަރުގެ ޔޫރޯގެ ޖާގައެއް ވެސް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް