ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް އިތުރުވެއްޖެ

ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި ކޮންޓައިނަރުތަކެއް -- ސަން ފައިލް ފޮޓޯ

ފާއިތުވި ސެޕްޓެމްބަރު މަހު ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓް ކުރި މިންވަރު 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު އިތުރުވެއްޖެ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، ފާއިތުވި ސެޕްޓެމްބަރު މަހު ރާއްޖެއަށް 3.0 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާ ކަމަށެވެ. އެއީ ވޭތުވެދިޔަ އަހަރުގެ ސެޕްޓެންމަރު މަހު އެތެރެކޮށްފައިވާ 2.7 ބިލިއަން ރުފިޔާ އާ އަޅާބަލާއިރު 10 ޕަސެންޓް އިތުރު އަދަދެއް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ސެޕްޓެމްބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގުގެ ގޮތުން 23 ޕަސްންޓް ޔޫއޭއީން، 13 ޕަސެންޓް އިންޑިއާ، މެލޭޝިއާއިން އަށް ޕަސެންޓް، އަދި ޗައިނާއިން 11 ޕަސެންޓް އިމްޕޯޓްކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ، ފާއިތުވި ސެޕްޓެމްބަރު މަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ އަގު 160 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި އެ އަދަދަކީ 2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެކްސްޕޯޓް ކުރި 141 މިލިއަން ރުފިޔާއަށްވުރެ 13 ޕަސެންޓް އިތުރު އަދަދެއް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ 31 ޕަސެން ތައިލެންޑުން ހިއްސާ ކުރާއިރު 11 ޕަސެންޓް ހިއްސާ ކުރަނީ ޖަރުމަނުވިލާތުން ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި މައިގަނޑު ގޮތެއްގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވަނީ މަހުގެ ބާވަތްތަކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

މި ހަ އަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސްއަށް 216 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެ އަދަދަކީ 2016 ވަނަ އަހަރު އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު 203 މިލިއަން ރުފިޔާއަށްވުރެ ހަ ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

comment ކޮމެންޓް