ރޮހިންގާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް އުޅުނު އިސްލާމީ ތިން ޖަމާއަތެއް މަނާކޮށްފި

ރޮހިންގާ އަންހެނުންތަކެއް، ބަންގުލަދޭޝްއަށް އެތެރެވުމަށްފަހު އެ މީހުންގެ ދަރިން ގޮވައިގެން ހިނގާފައި ދަނީ--- ސަން ފޮޓޯ/ ޙުސައިން ޙަސަން

ރޮހިންގާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް އުޅުނު އިސްލާމީ ތިން ޖަމާއަތެއް ބަންގުލަދޭޝްއިން މަނާކޮށްފި އެވެ.

ބަނގުލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މަހްޖަބީން ހާލިދު ވިދާޅުވީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ބައެއް ޖަމާއަތްތަކުގެ ސަބަބުން އެ ގައުމުގެ ބޯޑަރުތަކުގެ ރެފިއުޖީ ކޭމްޕްތަކުގައި އުޅޭ ރޮހިންގާ މުސްލިމުން ހައްދުފަހަނަ އަޅައި ދިޔުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ބްލެކްލިސްޓުކުރި އެހީދޭ އިސްލާމީ ޖަމާއަތްތަކުގެ ތެރޭގައި މުސްލިމު އެއިޑް، އިސްލާމިކް ރިލީފްގެ އިތުރުން ބަންގުލަދޭޝްގެ ޖަމާއަތެއް ކަމަށްވާ އަލަމާ ފަޒުލުއްލާ ފައުންޑޭޝަން ހިމެނެ އެވެ.

އެސޯސިއޭޓޭޑް ޕްރެސް (އޭޕީ)އަށް ހާލިދު ދިން އިންޓަވިއުއެއްގައ ވިދާޅުވީ ސަލާމަތީ ސަބަބުތަކަށްޓަކާ ރޮހިންގާ މުސްލިމުންނަށް އެހީ ދޭން އުޅޭ ޖަމާއަތްތަކުުން އެހީ ހޯދަނީ ކިހިނެއްތޯ އާއި އަދި އެހީ ހޭދަ ކުރަނީ ކޮންގޮތަކުންތޯ ކަމަށް ބަލަމުންދާ ކަމަށެވެ.

ހާލިދު އިތުރަށް ވިދާޅުވީ ރޮހިންގާ މުސްލިމުން މިހާރު ތިބި ހާލަތުގެ ސަބަބުން ހައްދު ފަހަނައަޅައިފައިވާ ގްރޫޕްތަކުން އެމީހުންގެ ސިކުނޑިއާ ކުޅެލުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި އެހެންކަމުން އެމީހުންނާ މެދު ސަމާލުވާން ވަރަށް ބޮޑަށް ޖެހޭކަމަށެވެ.

މީގެ ކުރިން ވެސް 2012 ވަނަ އަހަރު ރޮހިންގާ މުސްލިމު ރަފިއުޖީން ގިނައަދަަކަށް ބަނގުލަދޭޝްއަށް އެތެރެވި ދުވަސްވަރު އެ މީހުންނަށް އެހީ ދިނުމަށް އުޅުނު މުސްލިމު ޖަމާއަތެއް ކަމަށްވާ މުސްލިމު އެއިޑް ޖަމާއަތް ބަންގުލަދޭޝްގައި ހަރަކާތްތެރިވުން މަނާކުރި އެވެ.

comment ކޮމެންޓް