ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ ހައްޔަރު ކުރަން އަމުރު ނެރެފި

ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި އެ ގައުމުގެ ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ޗެއާޕާސަން ޚާލިދާ ޒިޔާ --- ފޮޓޯ/ ރޮއިޓާސް

ޑާކާ (އޮކްޓޯބަރު 12): ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި އެ ގައުމުގެ ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ޗެއާޕާސަން ޚާލިދާ ޒިޔާ ހައްޔަރު ކުރަން ދާކާގެ ދެ ކޯޓަކުން އަމުރު ނެރެފި އެވެ.

ޚާލިދާ ޒިޔާގެ އިތުރުން ބީއެންޕީގެ އެހެން ލީޑަރުންނާއި ޕާޓީއަށް ތާއިދު ކުރާ ފަރާތްތައް ހައްޔަރުކޮށްފައި ވާތީ ބީއެންޕީން ވަނީ އެއީ އަންނަ އަހަރުގެ އިންތިހާބާ ދިމާކޮށް ބަންގުލަދޭޝްގެ ސަރުކާރާ އިދިކޮޅު ފަރާތްތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ބުނެފަ އެވެ.

ޚާލިދާ ޒިޔާ ހައްޔަރު ކުރަން ފުރަތަމަ އަމުރު ނެރުނީ އަބުރާ ބެހުމުގެ މައްސަލައެއްގައި ކޯޓަށް ހާޒިރު ނުވުމުންނެވެ. އަދި ދެ ވަނަ އަމުރު ނެރުނީ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުންނެވެ.

މި ހަފްތާގެ ކުރީކޮޅު ވެސް ބަންގުލަދޭޝްގެ ކޯޓަކުން ވަނީ ޚާލިދާ ހައްޔަރު ކުރަން އަމުރެއް ނެރެފަ އެވެ. އެއީ 2015 ވަނަ އަހަރު ބަހެއްގައި ރޯކުރަން ބަޔަކަށް ހިތްވަރު ދެއްވި ކަމަށް ބުނެ އެވެ.

މި ވަގުތު ލަންޑަނުގައި ހުންނެވި ޚާލިދާ ހައްޔަރު ކުރަން މީގެ ކުރިން ކޯޓުން އަމުރު ނެރުނު ނަމަވެސް އޭނާ ހައްޔަރު ކުރަން ފުލުުހުން މަސައްކަތްކޮށްފައި ނުވެ އެވެ. ނަމަވެސް ބީއެންޕީ ހުއްޓުވުމުގެ ގޮތުން މިފަހަރު ޚާލިދާ ހައްޔަރު ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ލަފާ ކުރެ އެވެ.

ބަންގުލަދޭޝްގައި އެންމެ ފަހުން އާއްމު އިންތިހާބެއް ބޭއްވީ 2014 ވަނަ އަހަރެވެ. އެ ފަހަރުގެ އިންތިހާބަށް ވަކި ބަޔެއްގެ ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ބީއެންޕީން އިންތިހާބުގައި ބައިވެރިވެފައި ނުވެ އެވެ. (އައިބީޓީ)

comment ކޮމެންޓް