ދުވާފަރުގައި މާދަމާ އެމްޑަބްލިޔުއެސްސީން ކުޑަކުދީންގެ ހަވީރެއް ބާއްވަނީ

ރ. ދުވާފަރުގައި ކުރިއަށް ގެންދާ ސޭފް ވޯޓަރ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ކުޑަކުދީންގެ ހަވީރަށް ތައްޔާރުވުމަށް އެމްޑަބްލިއުއެސްސީގެ ޓީމެއް ދަނީ ދުވާފަރުގައި ހަރަކާތްތެރިވަމުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ ފަރާތުން އިންތިޒާމުކޮށްގެން، ހުކުރު ދުވަހު ރ. ދުވާފަރުގައި ކުޑަކުދީންގެ ހަވީރެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.

"ކުޑަކުދިންނާ އެކު އެމްޑަބްލިޔުއެސްސީ" މި ނަމުގައި މާދަމާ ދުވާފަރުގައި ބާއްވާ ކުޑަކުދިންގެ ހަވީރަކީ "ރައްކާތެރި ފެން، އެންމެނަށް އަބަދުވެސް" މި ޝިއާރުގެ ދަށުން ބާއްވާ ހަރަކާތެކެވެ.

މި ހަވީރުގައި ކުޑަކުދިން ޝައުގުވެރިވާ ގިނަ ކުޅިވަރުތަކެއް ހިމެނިގެން ދާނޭކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.

ދުވާފަރުގައި މާދަމާ ބާއްވާ މި ހަވީރުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުން އޮންނާނީ، ސްކޫލްތަކަށް ހާއްސަކުރެވިގެން ކުރިއަށް ގެންދިޔަ މަޒުމޫނު ލިޔުމުގެ މުބާރާތުން ވަނަ ވަނަ އަށް ހޮވުނު ކުދިންނަށް ހަނދާނީ ލިޔުމާއި އިނާމް ދިނުމެވެ.

ސްކޫލްތަކަށް ހާއްސަކުރެވިގެން ސެޕްޓެމްބަރު މަހުގެ 11 އިން 29 އަށް ދުވާފަރުގައި ވަނީ މަޒުމޫނު ލިޔުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަޒުމޫނު ލިޔުމުގެ މުބާރާތުގެ މައުލޫއަކީ "ސޭފް ވޯޓަރ ފޯ ޓުމޯރޯ" އެވެ.

comment ކޮމެންޓް