އަނިޔާއަށް ފަހު އަގުއެރޯ އެނބުރި ފަރިތަކުރުންތަކަށް

ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ--

މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯ ދަތުރުކުރި ޓެކްސީއެއް އެކްސިޑެންޓްވެ، އޭނާއަށް ލިބުނު އަނިޔާއަށް ފަހު އެނބުރި ލުއި ޓްރެއިނިންގއަށް އަތުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގީ އެމްސްޓަޑަމްގައި އޮތް ކޮންސެޓަކަށް ޒިޔާރަތްކުރުމަށްފަހު ނެދަލޭންޑްސްއިން މެންޗެސްޓާއަށް އެނބުރި ދިއުމަށްޓަކައި، އެމްސްޓަޑަމް އެއާޕޯޓަށް އަގުއެރޯ ދަތުރުކުރި ޓެކްސީ ބާރު ސްޕީޑުގައި ގޮސް މަގުގެ އަރިމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އަގުއެރޯގެ އަރިކަށްޓަށް އަނިޔާވެފައިވާ ކަމަށް އޭނާއަށް ފަރުވާދޭ، މެންޗެސްޓާ ސިޓީގެ ޑޮކްޓަރު ވަނީ ބުނެފައެވެ. އަދި އެ އަނިޔާއަށް ފަރުވާދިނުމަށްޓަކައި ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް ނަގާނޭކަމަށް ޑޮކްޓަރާ ހަވާލާދީ ސިޓީން ބުނެފައިވެއެވެ.

އަގުއެރޯ އެނބުރި ފަރިތަކުރުންތަކަށް އައިސްފައިވާއިރު، އަނިޔާއާ ގުޅިގެން އޭނާއަށް ގާތްގަނޑަކަށް 11 ވަރަކަށް މެޗު ގެއްލޭނެއެވެ.

އުމުރުން 29 އަހަރުގެ އާޖެންޓީނާ ފޯވާޑްގެ ބައްޕަ، ލިއޮނެލް ޑެލް ކަސްޓިލޯ ބުނީ، އޭނާގެ ދަރިފުޅު ސަލާމަތްވީ ނަސީބު ރަނގަޅުކަމުން ކަމަށެވެ.

އަގުއެރޯ އަށް ސިޓީގެ އެންމެ ގިނަ ގޯލު މިހާތަނަށް ޖެހި ކުޅުންތެރިޔާ އެރިކް ބްރޫކް އާ ހަމަ ކުރުމަށް މިހާރު ބޭނުން ވަނީ އެންމެ ގޯލެކެވެ. ބްރޫކް ވަނީ ސިޓީއަށް 177 ލަނޑު ޖަހައި ދީފައެވެ.

comment ކޮމެންޓް