ފަތްހު ޖަމާއަތާއި ހަމާސް ޖަމާއަތުގެ ސުލްހައިގެ ވާހަކަތައް ވަރަށް ކާމިޔާބު: ހަނިއްޔާ

ހަނިއްޔާ ގާހިރާއިން ފުރާވަޑައިގަންނަވަނީ

ގާހިރާ (އޮކްޓޯބަރ 12) : މިސްރުގެ ގާހިރާގައި އިއްޔެ އަލުން ފެށި ފަލަސްތީނުގެ ފަތްހު ޖަމާއަތާއި ހަމާސް ޖަމާއަތުގެ ވާހަކަތައް ކާމިޔާބު ކަމަށާއި އެއްބަސްވުމަކާ ހަމައަށް ދެވިއްޖެ ކަމަށް ހަމާސް އިން ބުނެފި އެވެ.

ގާހިރާގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވިދާޅުވީ މިސްރު ސަރުކާރުގެ ބެލުމުގެ ދަށުން ގާހިރާގައި އިއްޔެ ހެނދުނު ފެށި ފަލަސްތީނުގެ ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ޖެހި އެއްބަސްވުމަކަށް އާދެވިފައިވާ ކަމުގަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ހަނިއްޔާ ނުދެއްވަ އެވެ.

ހަނިއްޔާ ވަނީ ވާހަކަތައް ކާމިޔާބުވުމާ އެކު އޭނާ މިއަދު އެނބުރި ޣައްޒާއަށް ވަޑައިގަންނަވާކަން ވެސް ހާމަ ކުރައްވައިފަ އެވެ.

މިސްރު ސަރުކާރުގެ ބެލުމުގެ ދަށުން ގާހިރާގައި ކުރިޔަށްދާ ސުލްހައިގެ ވާހަކަތަކުގެ އެންމެ ބޮޑު ބޭނުމަކީ ފަލަސްތީނުގައި ދާޚިލީ އެއްބައިވަންތަކަން ގާއިމް ކުރުމާއި ފަލަސްތީނުގައި ރިޔާސީ އިންތިޚާބާއި ޕާލަމެންޓްރީ އިންތިޚާބު ބޭއްވުމަށް މަގުފަހިކުރުމެވެ. މިކަންކުރުމަށް ޓަކައި ފަލަސްތީނުގެ ހުރިހާ ޖަމާއަތްތައް ހިމެނޭ ގޮތަށް ފަލަސްތީނުގައި ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލަން ޖެހެއެވެ. މިއީ ހަމާސް އާއި ފަތްހު ޖަމާއަތުގެ ސުލްހައިގެ ވާހަކަތައްކުގެ އެންމެ ބޮޑު ބޭނުމެވެ. ދެފަރާތުގެ ދެމެދުގައި ވާހަކަތައް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގަ އެވެ. އިއްޔެ ގާހިރާގައި ކުރިޔަށްދިޔައީ މިވާހަކަތަކުގެ ފަހުބުރެވެ.

މިސްރުގެ ބެލުމުގެ ދަށުން ފަތްހު ޖަމާއަތާއި ހަމާސް ޖަމާއަތާ ދެމެދު ކުރިޔަށް ދިޔަ ސުލްހައިގެ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން ހަމާސް އިން ވަނީ ޣައްޒާގައި އެ ޖަމާއަތުން ކުރަމުން ގެންދިޔަ ވެރިކަން ނިމުމަކަށް ގެނަސް ޣައްޒާގެ ވެރިކަން ފަލަސްތީނުގެ ސަރުކާރާ ހަވާލުކޮށްފަ އެވެ.

މި ކަމަށްޓަކައި ފަލަސްތީނުގެ ބޮޑުވަޒީރު ރާމީ ހަމްދަﷲ އާއި ފަލަސްތީނުގެ ގިނަ އަދަދެއްގެ ވަޒީރުން މިމަހުގެ ކުރީކޮޅުވަނީ ޣައްޒާއަށް ދަތުރުފުޅެއް ކުރައްވައި ޣައްޒާގެ ވެރިކަމާ ހަވާލުވެ ވަޑައިގެންފައެވެ. އޭގެ ތިންދުވަސްކުރިން ހަމާސް އިން ވަނީ އެޖަމާއަތުން ޣައްޒާގައި ވެރިކަންކުރަމުން ދިޔަ އިދާރީ އޮނިގަނޑު ރޫޅާލާފަ އެވެ.

ފަލަސްތީނުގެ ސަރުކާރުން ޣައްޒާގެ ވެރިކަމާ ހަވާލުވުމަށް ފަހު ޣައްޒާގައި އަވަސް ގޮތަކަށް ހައްލުކުރަން ޖެހޭ ގިނަ މައްސަލަތަކެއްވެ އެވެ. މީގެ ތެރޭގައި ޣައްޒާގައި ވާ ފަލަސްތީނުގެ ޕަބްލިކް ސެކްޓަރުގެ މުވައްޒަފުންނަށް މުސާރަ ދިނުމާއި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ލުއިކުރުމަށް މަސައްކަތް ކުރުމާއި މިސްރާ ވާހަކަދައްކައިގެން ރަފްހު ބޯޑަރު ހުޅުވުމަށް މަސައްކަތް ކުރުން ހިމެނެއެވެ. މީގެއިތުރުން ޣައްޒާއަށް ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމާއި އިސްރާއީލުގެ އުދުވާނުގެ ސަބަބުން ހަލާކުވެފައިވާ އިމާރާތްތަކާއި އިންފްރާސްޓްރަކްޗާ އަލުން މަރާމާތުކޮށް އާރާސްތު ކުރުންފަދަ އެތަށް ކަމެއް ހިމެނެއެވެ.

އިސްރާއީލުގެ އުދުވާނުގެ ސަބަބުންނާއި ހިސާރުގެ ސަބަބުން ޣައްޒާއަކީ ވަރަށް ނިކަމެތި ހާލުގައި މިހާރު އޮތްތަނެކެވެ. (އަލްޖަޒީރާ)

comment ކޮމެންޓް