ބޮސްގެ ފުރަތަމަ ޝޯގެ ކޮންމެ ބެލުންތެރިއަކަށް ތަރީންގެ އަތުން ހަދިޔާއެއް!

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއް. ފިލްމުގެ ފުރަތަމަ 9 ޝޯގެ ޓިކެޓް މިހާރު ދަނީ އޮލިމްޕަހުން ވިއްކަމުން -- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް

ކްރިސްޓަލް އެންޓަޓެއިންމަންޓުން، މިމަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ، ދިވެހި ފިލްމު "ބޮސް"ގެ ފުރަތަމަ ޝޯގެ ކޮންމެ ބެލުންތެރިއަކަށްވެސް އެ ފިލްމުގެ ތަރީންގެ އަތުން ޚާއްސަ ހަދިޔާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.

ބޮސްގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ) ބުނީ، ފިލްގެ ފުރަތަމަ ނުވަ ޝޯގެ ޓިކެޓް މިހާރު ވިކެމުން ދާއިރު، އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބާއްވާ "ރެޑްކާޕެޓް ޝޯ"އަށް ވަންނަ ކޮންމެ މީހަކަށްވެސް، ފިލްމުގެ ލަވަކިޔުންތެރީންނާއި އަދި ތަރީންގެ އަތުން ވަރަށް ޚާއްސަ ހަދިޔާއެއް ލިބިގެން ދާނޭކަމަށެވެ.

ނަހޫގެ އަސަރުގަދަ ލޯބީގެ ވާހަކައަކަށް އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓްކުރާ "ބޮސް"ގެ ލީޑު ރޯލުން ފެނިގެންދާނީ، މަޝްހޫރު ޒުވާން ތަރި މަރިޔަމް އައްޒައާއި، ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އުންމީދީ ބަޠަލް، މުހައްމަދު ޔުނާންއެވެ.

"ބޮސް"ގެ ޕްރިމިއަރ ޝޯގެ ޓިކެޓެއް ވިއްކާނީ 200ރ އަށެވެ. އަދި އިތުރު ޝޯތަކުގެ ޓިކެޓް ވިއްކާނީ 100 ރުފިޔާއަށެވެ.

ނަހޫ ބުނީ، ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ހުޅުވާލި ޓިކެޓް ބުކްކުރުމުގެ ފުރުސަތު، މި މަހުގެ ތިން ވަނަ ދުވަހު ޓިކެޓް ވިއްކަން ފެށުމާއެކު، ބަންދުކޮށްލި ނަމަވެސް، އިއްޔެއާ ހަމައަށް ބުކްކުރި ޓިކެޓްތައް ބަހައްޓާފައިވާ ކަމަށެވެ. ނަމަވެސް ބުކް ކުރުމަށްފަހު، މިހާތަނަށް ނުނަގައި ހުރި ޓިކެޓް ބުކިންތައް މިއަދު ކެންސަލްކޮށް، އެ ޓިކެޓްތައް މިއަދު ވިއްކަން ފަށާފައިވާ ކަމަށެވެ.

މިއީ، ނަހޫގެ "ބޮސް" ބަލައިލަން ކެތްމަދުވެފައި، އެހެނަސް ފުރަތަމަ ޝޯގެ ޓިކެޓް ނުލިބި ތިބި ފަރާތްތަކަށް، ރަނުގެ ފުރުސަތަކަށް ވާނެއެވެ.

comment ކޮމެންޓް