މޫޝަންގެ އާ އަލްބަމް މާދަމާ ރޭ ރިލީޒްކުރަނީ، އަޑުއެހުންތެރީ ކެތްމަދުވެފައި!

ދިވެހި މިއުޒިކީ އުޑުގައި ފިޔަޖަހަމުން އަންނަ ޒުވާން ލަވަކިޔުންތެރިންގެ މޫޝަން މުބާރަކް -- ފޭސްބުކް ފޮޓޯ: މޫޝަން

މިއުޒިކަށް ލޯބިކުރާ މީހުން ރާއްޖޭގައިވެސް ވަރަށް ގިނައެވެ. ކޮންމެ ކަމެއްގައި މަޝްއޫލުވީ ނަމަވެސް ލަވައެއް އަޑުއަހައިލުމުން އެކަމެއް ޖޯޝާ ފޯރީގައި ކުރެވިގެން ދާކަން ގަބޫލުކުރާ މީހުންވެސް ގިނައެވެ. 'ސްޓްރެސް' ފިލުވައިލަން ވެސް މިއުޒިކް އަޑު އެހުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. މާޔޫސްވެފައި ތިބޭ މީހުންގެ މޫނު މައްޗަށް، މިއުޒިކްގެ ސަބަބުން އުފާވެރިކަން ގެނުވައެވެ.

ރާއްޖޭގައި މިހާރު ކުޅަދާނަ އެތައް ލަވަ ކިޔުންތެރިންނެއް ތިބި އިރު އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ގިނަ ތަރިންތަކެއް އެބަ ތިއްބެވެ. ވަކި މީހެއްގެ ލަވައެއް އަޑު އިވުމުން ނުވަތަ ވަކި އަޑެއް އިވުމުން އެ އަޑުގެ ޖާދޫގައި ޖެހި، ލަވަ އެއްކޮށް ނިމޭ އިރުވެސް ގިނަ ބަޔަކަށް ރޭކާވެސް ނުލައެވެ.

ރާއްޖޭގެ މިއުޒިކީ ދުނިޔޭގައި މިހާރު ފިޔަޖަހަމުން އަންނަ ސޯލޯ ލަވަ ކިޔުންތެރިންގެ ތެރޭގައި މޫޝަން މުބާރަކް އަކީ ހަމަގައިމުވެސް ފާހަގަކޮށްލެވޭނެ ނަމެކެވެ. އޭނާއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު، ބެލުންތެރިންގެ ލޯތްބާއި އިހްތިރާމް ހޯދައިފައިވާ ހިތްގައިމު އަޑެއްގެ ވެރިއެއް ވެސް މެއެވެ.

މޫޝަންގެ "ރީތިކަން" އެ ލަވަ އަށް ފަހު ކުޑަ ދުވަސްކޮޅަކަށް އޭނާގެ އަޑު ކެނޑުނު ކަމުގައި ވީނަމަވެސް އޭނާ އަނެއްކާވެސް އެނބުރި އަތުވެއްޖެއެވެ. "ސަޕްރައިޒް" އަކާ އެއްކޮށްވެސް މެއެވެ.

މާދަމާ ރޭ މޫޝަންގެ ފުރަތަމަ ސޯލޯ އަލްބަމް ރިލީޒްކުރަނީ- ފޮޓޯ/ މޫޝަން

މޫޝަން މުބާރަކްގެ ފުރަތަމަ ސޯލޯ އަލްބަމް މާދަން ރޭ ނެރުމަށް ވަނީ ހަމަޖެހިފައެވެ. 'ސަން' އަށް ދިން އިންޓަވިއުއެއްގައި މޫޝަން ބުނީ މާދަމާ ރޭ ނުވަ އެއް ޖަހާއިރު ސީ ހައުސްގައި ރިލީޒްކުރާ އެ އަލްބަމަކީ ހުސް ވެސް އަމިއްލަ ރާގު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އަލްބަމެއް ކަމަށެވެ.

"މާދަން ރޭ އަލްބަމް ރިލީޒްވެގެންދާނެ. ވަރަށް އެކްސައިޓެޑް. އަލްބަމްގައި މުޅިއެކު އަށް ލަވަ ހިމެނޭ އިރު އޭގެ ތެރެއިން ދެ ލަވަ އަކީ އަށް ލަވައިގެ ތެރެއިން ހަދާލައިފައި އިން ރިމިކްސް އެއް. މިއީ އޯޑިއޯ އަލްބަމެއް. އަލްބަމް ރިލީޒްކުރާ ގަޑީ ވަރަށް ގިނަ ސަޕްރައިޒިންގް ތަކެއް ލިބޭނެ،" އޭނާ ބުންޏެވެ.

މޫޝަން ބުނީ އަލްބަމް ރިލީޒް ކުރާ ވަގުތުން ފެށިގެން ހާއްސަ ޕްރޮމޯޝަނެއް ފެށޭނެ ކަމަށެވެ.

"ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމުން އެެ ޕޯސްޓް ލައިކްކޮށްލާ. އަދި ޝެއާ ކުރުމާއެކު ހޭޝްޓޭގް މޫޝަން މުބާރިކް ޖަހާލާ. އޭރުން ގުރުއަތުން ހޮވާލެވޭ ފަސް ފަރާތަކަށް އެ އަލްބަމް ލިބިގެންދާނެ،" އޭނާ ބުންޏެވެ.

މީގެ ހަފްތާއެއް ކުރިން އޭނާ ޕޯސްޓް ކޮށްފައިވާ ޕޯސްޓަށް ޝެއާ ކުރުމުގެ ވަގުތު މިރޭ 12:00 އަށް ހަމަވެގެންދާއިރު އޭގެ ތެރެއިން ހޮވާލާ ކޮންމެވެސް އެއް ފަރާތަކަށް މޫޝަން އާއި އެކީ ނަސީބުވެރިޔާގެ ރަހުމަތްތެރިންނާއި އެކީި ލަވަ ހުށަހަޅާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި މަހު 6 ވަނަ ދުވަހު ޖަޒްޒް ކެފޭގައި މޫޝަން ލަވަ ހުށައަޅަނީ- ފޮޓޯ/ މޫޝަން

ޕޯސްޓް ޝެއާ ނުކުރާ ފަރާތްތަކުން އަވަހަށް އެ މަސައްކަތް ކުރަން ފަށާށެވެ. ހަމަ ޔަގީނުންވެސް މިއީ ތިޔަ ބޭފުޅުންނަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. ފުރުސަތުގެ ބޭނުން ރަގަޅަށް ހިފައިގެން މޫޝަން އާ އެކީ ލަވަ އެއް ކިޔުމުގެ ފުރުސަތު އަވަހަށް ހޯދާށެވެ. ފުރުސަތު އޮތީ ހަމަ ތިބޭފުޅުންގެ އަތްމަތީގައެވެ.

އަލްބަމް ރިލީޒްކުރަން މާ ގިނަ ވަގުތެއް ނެތެވެ. އަޑު އެހުންތެރިން ހަމަ ގައިމުވެސް މިހާރު ތިބޭނީ އަލްބަމް ނެރޭނެ ވަގުތަކަށް އިންތިޒާރުކޮށްލަ ކޮށްލައެވެ. މާދަމާ ރޭ ވެގެން ދާނީ ބޮޑު ރެއަކަށެވެ. އިންތިޒާރުގެ ނިމުން ފޮނިވާނޭ ބުނާ އަޑުއަހަމެވެ. ޔަގީންވާ އެކައްޗަކީ މޫޝަން ތިބޭފުޅުން މާޔޫސްކޮށް ނުލާނެ ކަމެވެ.

comment ކޮމެންޓް