އަނަސްގެ މަރާ ގުޅިގެން އިތުރު ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި މުހައްމަދު އަނަސް މަރާލާފައި ---

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން އިތުރު ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ފަސްގެ ތެރެއިން ދެ މީހެއްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކަމަށެވެ. އަދި އަނެއް ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގަސްތުގައި މަރާލި ކަމުގެ ދައުވާ ލިބޭ މީހުން

  • އުސްމާން ޝަރީފް، މ. ދިމިޝްގް
  • އަހުމަދު ޒަޔާން، ޅ. ކުރެންދޫ، އަސުރުމާގެ

މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބޭ މީހުން

  • ޖުނައިހު އަބްދުﷲ، ލ. ގަން، ތުނޑި، ނަންނާރިގެ
  • ހަސަން މަހްފޫޒް، ސ. ފޭދޫ، ވެސްޓަންވިލާ
  • ސިމާހު މޫސާ، ދަފްތަރު 1746

އެ ފަސް މީހުންގެ އިތުރުން، އަނަސް މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

އަނަސްގެ މަރަށްފަހު ފުލައިގެން އުޅެނިކޮށް ހައްޔަރުކުރި ދެ މީހުން ކަމަށްވާ ތ. ކިނބިދޫ، ގުލްފާމްގޭ މުހައްމަދު ސާޒް އާއި މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގުގެ މައްސަލަ އަދި ޕީޖީ އޮފީހަށް ފޮނުވާފައެއްނުވެއެވެ. ފުލުހުން އަންނަނީ އެ ދެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:15 އެހައިކަންހާއިރު އަނަސް އަށް ވަޅިން ހަމަލާދިނީ މޫނުނިވާކޮށްގެން ތިބެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށެވެ.

comment ކޮމެންޓް