ލޯންޗު އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ވަސީމް ނިޔާވެއްޖެ

ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި -- ސަން ފައިލް ފޮޓޯ: މުހައްމަދު ސަމާހް

މިދިޔަ މޭ މަހު ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރު ކުރި އުޅަނދެއް ރީތި ރަށް ރިސޯޓް ކައިރީ އަޅާފައި އޮތް އުޅަނދެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެންމެ ބޮޑަށް އަނިޔާވި މީހާ މަރުވެއްޖެ އެވެ.

އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ ސ. މީދޫ ހަނދުވަރުމަތީގޭ، އަލީ ވަސީމް،30، އަށެވެ.

ވަސީމްގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ އިރު އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އޭޑީކޭ އިން އޭރު ބުނެފައި ވަނީ ވަސީމްގެ ހާލު އައީ ރަނގަޅު ވަމުން ކަމަށާއި ނަމަވެސް އާއިލާއިން ބޭނުން ވާތީ އޭނާ ބޭރަށް ފުރުވާލީ ކަމަށެވެ.

ވަސީމް މަރުވެފައި ވަނީ ލިބުނު އަނިޔާތަކަށް އިންޑިއާގެ ކޮޗިނުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު އެވެ.

ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން، އެ ރިސޯޓްގެ 15 ސްޓާފުންނާ އެކު ދަތުރުކުރި އެ ލޯންޗު އެކްސިޑެންޓްވީ ރީތިރަށް ރިސޯޓް ކައިރީ އަޅާފައި އޮތް ދޯންޏަކާ ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ އެ ދޯނި އަޅާފައި އޮތް އިރު އޭގައި އެއްވެސް އަލިކަމެއް ނެތުމުން ލޯންޗުގެ ކައްޕިއަށް ދޯނި ނުފެނިގެންނެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ އެކްސިޑެންޓުގައި ދެފަރާތުގެ ވެސް އިހުމާލުވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހްގީގް ކުރަމުންނެވެ.

ސަމާ އައިލެންޑް ރިސޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާއިލާގެ އެދުމުގެ މަތީން ވަސީމްގެ ހަށިގަނޑު މާލެ ގެނައުމުގެ އިންތިޒާމު ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ އެ ހާދިސާގައި އަނިޔާވި ދެން ތިބި ހުރިހާ މީހުންގެ ހާލު ރަނގަޅު ކަމަށެވެ.

comment ކޮމެންޓް