ކުޑަހުވަދޫ ޓީމު 25،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އާއި ށ. މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ކުޑަހުވަދޫ ޓީމުން ވަނީ ދަނޑުން ފައިބާފައި:---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ މަހު 22 ވަނަ ދުވަހުގެ ރޭ ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗު ފުރިހަމަ ނުކޮށް ދަނޑުން ފޭބުމުން ދ. ކުޑަހުވަދޫ ޓީމު 25،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށް ފަހު ކުޑަހުވަދޫ 25،000 ރުފިޔާ އިން ޖޫރިމަނާ ކުރީ މެޗު ހުއްޓާލުމުން އަލުން މެޗު ކުޅުމަށް ނަސޭހަތް ދިނުމުން ވެސް އެ ޓީމުން އެކަން ނުކޮށް މެޗު ދޫކޮށްދިއުމުންނެވެ.

އެފަދަ ކަމެއް ނުކުރުމަށް ހުރިހާ ކްލަބްތަކަށް ވެސް އެފްއޭއެމުން ވަނީ އިންޒާރުދީފި އެވެ.

އެ މެޗުގެ 76 ވަނަ މިނެޓުގައި މިލަންދޫން އެ ޓީމުގެ ދެވަނަ ލަނޑު ޖެހުމުން ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި، ކުޑަހުވަދޫ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް ހުރިހާ ކުޅުންތެރިންނަށް ދަނޑުން ފޭބުމަށް އިޝާރާތް ކުރުމުން ހުރިހާ ކުޅުންތެރިން މެޗުގެ ވަގުތު ހަމަ ނުވަނީސް ވަނީ ދަނޑުން ފައިބައިފަ އެވެ. އެއާ ގުޅިގެން މެޗު އަލުން ކުރިއަށް ގެންދިއުމަށް ކުޑަހުވަދޫ ޓީމުގެ މެނޭޖަރު އިސްމާއިލް މައުރޫފު އަށް ތަކުރާކުކޮށް އެންގުމުން ވެސް މެޗުގައި ރެފްރީކަން ކުރަމުންދިޔަ ރެފްރީ ހުރެގެން މެޗު ކުރިއަށް ނުގެންދާނެ ކަމަށް ބުނެ ކުޑަހުވަދޫ ޓީމުން ވަނީ މެޗު ހުއްޓާލައިފަ އެވެ.

މައްސަލަ ބެލުމުގައި އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ބެލީ މެޗު ކޮމިޝަނަރުގެ ހާދިސާ ރިޕޯޓާއި ރެފްރީގެ ނަތީޖާ ރިޕޯޓާއި ހާދިސާ ރިޕޯޓުގެ އިތުރުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑް އެވެ.

މިއީ މި ފަހަރު ލީގުގައި ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން މެޗެއް ހުއްޓާލި ދެ ވަނަ ފަހަރެވެ. މިދިޔަ މަހު 12 ވަނަ ދުވަހު މާޒިޔާ އާއި ގްރީން ސްޓްރީޓްސް މެޗު ހުއްޓާލި އިރު، އެ މެޗުން މާޒިޔާ މޮޅުވީ ކަމަށް ނިންމައި އެފްއޭއެމުން ވަނީ ގްރީން ސްޓްރީޓްސް 25،000 ރުފިޔާ އިން ޖޫރިމަނާކޮށް އެ ޓީމަށް ވެސް އިންޒާރު ދީފަ އެވެ.

comment ކޮމެންޓް