ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އައްބާސް އިބްރާހިމްއަށް

ނޫސްވެރިންގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިިވްސް މީޑިއާ ކައުންސިލުން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އައްބާސް އިބްރހިމް އަށް އަރުވަނީ-- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

ނޫސްވެރިންގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިިވްސް މީޑިއާ ކައުންސިލުން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ނިޝާން ޢިއްޒުންދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް އަށް އަރުވައިފި އެވެ.

މީގެ ފަސް އަހަރު ކުރިން ފެށިގެން، މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑް ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އައްބާސް އަށް އެ އެވޯޑް ހަވާލުކޮށްދެެއްވީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އައްބާސް އިބްރާހިމް އަކީ ދިވެހި ރާއްޖޭގެ ނޫސްވެރިކަން ހުރިހާ ދައުރެއްގައި ތަޖުރިބާކޮށް އެކި ސިފަސިފައިގައި އެ ދާއިރާއަށް ހިދުމަތްކުރެއްވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު 2016 ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

ނޫސްވެރިކަމުގައި ގިނަ ޒަމާންތަކެއް ހޭދަ ކުރައްވައިފައިވާ އައްބާސް އިބްރާހިމް ވަނީ ރިޕޯޓާއި ޚަބަރު ލިޔުންވުމާއި، ހަބަރު ކިއުއްވުމުގެ މަސައްކަތުގެ އިތުރުން މަޖައްލާތަކުގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަން ވެސް ކުރައްވައިފަ އެވެ.

ސްކޫލު ދައުރުގައި އުޅުއްވިއިރު ޑރ. މުހައްމަދު ޒާހިރު ހުސެއިންއާއި ފަތުހުﷲ ޖަމީލާ ގުޅިގެން އައްބާސް ވަނީ އަތުން ލިޔެގެން މަޖައްލާއެއް ވެސް ނެރުއްވައިފަ އެވެ. އަދި ފަތިސް ނޫސް ވުޖޫދަށް ގެނައުމުގައި އައްބާސް ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ.

ސަރުކާރުން ނެރުނު ވިޔަފާރި މިއަދު މަޖައްލާގެ ބޭރު ދުނިޔޭގެ ބަޔަށް ވެސް އައްބާސް ވަނީ ލިއުއްވައިފަ އެވެ. އަދި އެ ދުވަސްރު ބޭރު ދުނިޔޭގެ ހޫނު މަޝްރޫއުގައި ހިނގަމުން ދިޔަ ހަބަރުތައް ދިވެހިންނާ ހިސާބަށް ގެނެސްދިނުމަށް ޓަކައި އައްބާސް ވަނީ ވަރަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވައިފަ އެވެ.

ބްރޯޑްކާސްޓިން ދާއިރާއިން ސްރީލަންކާގައި ކޯސް ފުރިހަމަ ކުރައްވައި އެ ދާއިރާއިން ރާއްޖޭގައި އެންމެ ފުރަތަމަ ތަމްރީންވެގެން ދިޔަ ބޭފުޅަކީ ވެސް އައްބާސް އިބްރާހިމް އެވެ.

comment ކޮމެންޓް