މިފަހަރުގެ ނޫސްވެރިކަމުގެ އިނާމު ސަންއާއި މިހާރާއި ވީގެ އިތުރުން އަވަސްއަށް

ނޫސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދިން ނޫސްވެރިކަމުގެ އެވޯޑް ލިބުނު ފަރާތްތައް ފޮޓޯއަކަށް ހުއްޓިގެން--- ސަން ފޮޓޯ/ މުހައްމަދު އަފުރާހު

ނޫސްވެރިންގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން، ނުވަ ދާއިރާއަކުން ދިން އެވޯޑްތައް ސަން އޮންލައިން، މިހާރު، އަދި ވީނިއުސްގެ އިތުރުން އަވަސް މީޑިއާއަށް ލިބިއްޖެއެވެ.

މީގެ ފަސްއަހަރު ކުރިން ފެށިގެން ދެމުން އަންނަ ނޫސްވެރިކަމުގެ އެވޯޑްގައި 2016 ވަނަ އަހަރު އެންމެ މޮޅު ފޮޓޯގްރާފަރުކަން ސަންގެ ފޮޓޯގްރަފަރު ފަޔާޒު މޫސާއަށް ލިބުނު އިރު އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓަކަށް ހޮވިފައި ވަނީ ވީ މީޑިއާގެ ސީނިއާ އެޑިޓަރު އައިމިނަތު އަމީނާ އެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

އިޖުތިމާއީ ދާއިރާއިން މިހާރު ނޫހުގައި މަސައްކަތްކުރައްވާ ނޫސްވެރިޔާ އާސިޔަތު މުހައްމަދު ސައީދަށް އެވޯޑު ލިބުނުއިރު ވިޔަފާރީގެ ދާއިރާއިން އެވޯޑް ހާސިލްކުރީ ސަން އޮންލައިންގެ ނޫސްވެރިޔާ އިބްރާހިމް މާހިލް މުހައްމަދުއެވެ.

ޝަރުއީ ދާއިރާއިން މި އަހަރުގެ އެވޯޑް ހާސިލްކޮށްފައިވަނީ މިހާރު ނޫހުގައި މަސައްކަތްކުރާ ނޫސްވެރިޔާ މުއިއްޒު އިބްރާހިމްއެެެވެ. ކުޅިވަރުގެ ދާއިރާއިން ވެސް އެވޯޑް ހާސިލް ކުރީ މިހާރުގެ ނޫސްވެރިއެކެވެ. އެއީ އައްޒާމް އަލިފުޅެެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ފޮޓޯ ޖާނަލިސްޓަކަށް ހޮވުނު ސަންގެ ސީނިއާ ފޮޓޯގްރާފަރު ފަޔާޒު މޫސާއަށް ނޫސްވެރިކަމުގެ އިނާމު ހަވާލު ކުރަނީ-- ސަން ފޮޓ/ މުހައްމަދު އަފްރާހު

ސިޔާސީ ދާއިރާއިން އެވޯޑް ހާސިލްކުރީ ފްރީލާންސްކޮށް މަސައްކުރާ ނޫސްވެރިޔާ ނާފިޒް އަލީއެވެ. ނޫސް ވެރިކަމުގެ އެވޯޑަށް އަލަށް ހުޅުވާލި ފީޗާ ކެޓެގަރީން އެވޯޑް ހާސިލްކުރީ މިހާރުގެ ނޫސްވެރިޔާ ނިއުމަތުﷲ އިދުރީސްއެވެ.

މިއަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔަކަށް ހޮވިފައިވަނީ އަވަސް ނޫހުގައި މަސައްކަތްކުރާ މޫސާ ރަޝީދެެވެ. އަދި ލައިފް ޓައިމް އެޗީވްމަންޓު އެވޯޑް ހާސިކޮށްފައިވަނީ އާފަތިސް ނޫހުގެ މަސްއޫލުވެރިޔާ، ނިޝާން ޢިއްޒުންދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމެވެ.

އެންމެ އުއްމީދީ ނޫސްވެރިޔަކަށް ހޮވުނު ނޫސްވެރިޔާ މޫސާ ރަޝީދަށް އެވޯޑް އަރުވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފުރާހު

ރޭ އެވޯޑުތައް ލިބުނު ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ބީއެމްއެލްގެ ފަރާތުން ވަނީ 15،000 ރުފިޔާގެ ގިފްޓު ވައުޗަރެއް ހުށަހަޅައިފައެވެ. އޭގެ އިތުރުން ދިރާގުން އެއްއަހަރުގެ އިންޓަނެޓް ޕެކޭޖެއް ހުށަހަޅައިފައިވާއިރު އިންޑިއަން ހައިކޮމިނޝަނުގެ ފަރާތުން އިންޑިއާ ދަތުރެއް ވެސް ވަނީ ހުށަހަޅައިފައެވެ. އަދި މިނޫނަސް ރާއްޖޭގެ ބައެއް ކުންފުނިތަކުން، އެވޯޑް ލިބުނު ފަރާތްތަކަށް ވަނީ ވަރަށް ގިނަ އިނާމްތަކެއް ހުށަހަޅައިފައެވެ.

ނޫސްވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓު އެވޯޑު ލިބުނު އައްބާސް އިބްރާހިމަށް މާބޮޑިއެއް ހަދިޔާ ކުރަނީ -- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

ރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ހިތްގައިމު އަޑުން ލަވަތައް ހުށަހަޅައިދިން އިރު ރާއްޖޭގެ ބޮޑުބެރު ގްރޫޕު ހަބޭސް އިން ވެސް ވަނީ ދިވެހި ސަގާފީ އައިޓަމްތަކުން ރަސްމިއްޔާތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ.

comment ކޮމެންޓް