އަހަރުގެ ވިޔަފާރި ނޫސްވެރިޔަކަށް މާހިލް، މޮޅު ފޮޓޯގްރާފަރަކަށް ފަޔާޒު

މިދިޔަ އަހަރުގެ އެންމެ މޮޅު ވިޔަފާރި ނޫސްވެރިޔާގެ އިނާމާއި މިދިޔަ އަހަރުގެ އެންމެ މޮޅު ފޮޓޯގްރާފަރުގެ އިނާމް ސަން އޮންލައިންގެ ދެ ނޫސްވެރިޔައަކަށް ލިބިއްޖެ އެވެ.

މިދިޔަ އަހަރުގެ ވިޔަފާރި ނޫސްވެރިޔާގެ އިނާމު ލިބުނީ ސަންގެ ވިޔަފާރި ނޫސްވެރިޔާ އިބްރާހިމް މާހިލް މުހައްމަދަށެވެ. އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ފޮޓޯގްރާފަރަކަށް ހޮވުނީ ސަންގެ ފޮޓޯގްރާފަރު ފަޔާޒު މޫސާއަށެވެ.

ސަން އޮންލައިންގެ އެ ދެ ނޫސްވެރިންނަށް ނޫސްވެރިކަމުގެ އިނާމް ލިބުނީ މީޑިއާ ކައުންސިލް މިރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ހަފްލާގަ އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ފޮޓޯ ޖާނަލިސްޓަކަށް ހޮވުނު ފަޔާޒު މޫސާއަށް، ނޫސްވެރިކަމުގެ އިނާމު ހަވާލު ކުރަނީ -- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ މާހިލަކީ މިދިޔަ އަހަރުން ފެށިގެން ސަންއަށް ހިދުމަތް ކުރަމުން އަންނަ ހީވާގި ނޫސްވެރިއެކެވެ. ބިޒުނަސް ޑިޕާޓްމަންޓްގެ ހެޑް، ޑެޕިއުޓީ އެޑިޓަރު އަހުމަދު މުޖުތަބާގެ ދަށުން އެންމެ ހީވާގިކޮށް އެ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ އެއް ނޫސްވެރިއަކީ ވެސް މާހިލް އެވެ.

އަހަރުގެ ވިޔަފާރި ނޫސްވެރިޔާގެ އެވޯޑު މާހިލަށް ލިބުނު އިރު އޭނާ ގެންދަނީ ޑެންމާކުގައި ތައުލީމު ހާސިލު ކުރަމުންނެވެ.

މިރޭގެ ހަފްލާގައި މާހިލްގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގެންނެވީ ސަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު ޙުސައިން ޙަސަނެވެ.

ފޮޓޯގްރާފަރެއްގެ ގޮތުގައި 2012 ވަނަ އަހަރުން ފެށިގެން ސަންގައި މަސައްކަތް ކުރަމުންދާ ފަޔާޒަކީ ސަން އޮންލައިންގެ ސީނިއާ ފޮޓޯގްރާފަރެވެ. ފަޔާޒަަށް ނޫސްވެރިކަމުގެ އިނާމް ލިބުނީ މިދިޔަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގައި ދިޔަ ކަންތައްތަކާއި ނުރައްކާތެރި ހާދިސާތަކާއި ކުޅިވަރުގެ އެކި އިވެންޓުތައް ފޮޓޯ ނަގައި، ވަގުތުން ވަގުތަށް ސަން އޮންލައިން މެދުވެރިކޮށް އާންމުންނާ ހިސާބަށް ގެނެސްދީފައިވުމުންނެވެ. އަދި ފޮޓޯ ނެގުމުގައި ގެންގުޅެފައިވާ އުކުޅުތަކާއި ނުރައްކާތެރި ހާލަތުގައި ފަސްޖެހުމެއް ނެތި ނަގާފައިވާ ފޮޓޯތަކުގެ ސަބަބުންނެވެ.

ސަން މީޑިއާ ގްރޫޕުގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދާއި ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ސިނާން އަލީ އާއި ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ)ގެ ފާރާތުންނާއި މެނޭޖުމަންޓާއި މުވައްޒަފުންގެ ފަރާތުން މާހިލަށާއި ފަޔާޒަށް މަރުހަބާ ކިޔަމެވެ.

comment ކޮމެންޓް