ހިންމަފުށީގައި ބިދޭސީއަކު މަރުވި މައްސަލާގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

ހިންމަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނީ -- ފޮޓޯ/ އީޝާލް އިސްމައިލް (ފޭސްބުކް)

މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކ. ހިންމަފުށީގައި ހުންނަ ލައިފް ފެން ފެކްޓަރީގައި މަސަތްކަތްކުރި ބިދޭސީއެއް މަރުވި މައްސަލާގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން 18 އަހަރުން މަތީގެ ދިވެއްސެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ގައިގައި އަތްލުމުގެ ދައުވާ އާއި ޖިނާއީ މަޖުބޫރު ކުރުމުގެ ދައުވާއެވެ.

އެ ދެ ދައުވާގެ އިތުރު ތަފްސީލެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެއެވެ. އަދި ދައުވާ އުފުލީ ކާކުގެ މައްޗަށް ކަމެއް ވެސް އެ އޮފީހުން ހާމައެއްނުކުރެއެވެ.

އެ ބިދޭސީ މީހާ މަރާލީތޯ ނުވަތަ ގުދުރަތީގޮތުން މަރުވީތޯ ނޫނީ އޭނާ މަރުވީ އެ ނޫން ގޮތަކަށްކަން ފުލުހުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.

ހިންމަފުށީގައި 38 އަހަރުގެ ބަންގްލަދޭޝް މީހަކު މަރުވެފައި އޮއްވައި ފެނިގެން އެމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން 44 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކު ހައްޔަރުކުރިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ފެން ޕްލާންޓްގެ މެނޭޖަރު ވެސް ހިމެނެއެވެ. ނަމަވެސް ބިޑި އަޅުވައިގެން ހައްޔަރުކޮށްފައިވާތީ އެތަނުން އެކަކު ދޫކޮށްލަން ކޯޓުން އަމުރު ކުރިއެވެ.

comment ކޮމެންޓް