މާނޭ އަށް އަނިޔާވެ ހަ ހަފްތާ އަށް ކުޅުމާ ދުރަށް

ލިވަޕޫލްގެ ފޯވާޑް ސާޑިއޯ މާނޭ--

ލިވަޕޫލްގެ ފޯވާޑް ސާޑިއޯ މާނޭގެ ފަޔަށް އަނިޔާވެ، ހަ ހަފްތާ އަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ސެނެގަލް އާއި ކޭޕް ވާޑޭ ބައްދަލު ކުރި މެޗުގައި މާނޭ އަށް ވަނީ އަނިޔާވެ ދަނޑުން ބާލައިފަ އެވެ. ލިވަޕޫލުން ވަނީ މާނޭގެ އަނިޔާގެ އިތުރަށް ބަލައި ހަ ހަފްތާ އަށް ނުކުޅެވޭނެ ކަން ހާމަ ކޮށްފަ އެވެ.

މާނޭ އަށް ލިބުނު އަނިޔާގެ ސަބަބުން ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑް އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ. އަދި އަނިޔާ އިން އެނބުރި އާދެވޭނެ ކަމަށް ލަފާކުރެވެނީ ޗެމްޕިއަންސް ލީގުގައި ސެވިއްޔާ އާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް ލަފާ ކުރެވެ އެވެ.

އުމުރުން 25 އަހަރުގެ މާނޭ އަށް ވޭތުވެ ދިޔަ ހަ މަސް ތެރޭ ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އެގޮތުން މިދިޔަ އެޕްރީލް މަހު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް ވަނީ ސީޒަން އަށް އަލްވަދާއު ކިޔަން ޖެހިފަ އެވެ.

މާނޭ އަށް އަނިޔާވެފައި މިވަނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗުގައި މާނޭގެ ބޫޓު މާ މައްޗަށް ނެގުމާ އެކު ސިޓީގެ ގޯލްކީޕަރު އެޑާސަންގެ ބޮލަށް އަނިޔާވި ހާދިސާގައި ތިން މެޗަށް އޭނާ ސަސްޕެންޑްކޮށް ކުޅުމަށް އެނބުރި އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

comment ކޮމެންޓް