"ފޭކް" މި ބަސް އުފެއްދީ އަޅުގަނޑު: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ -- ފޮޓޯ: ރޮއިޓާސް

އިނގިރޭސި ލަފްޒު "ފޭކް" އުފެއްދެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ މީޑިއާ އަކީ "ފޭކް"އެއް ކަމަށާއި މި ބަސް މީގެ ކުރިން އެހެން ބަޔަކު ބޭނުން ކުރިކަން އެމަނިކުފާނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

ޓްރިންޓީ ބްރޮޑްކާސްޓިންގް ނެޓްވޯކަށް ޓްރަމްޕް ދެއްވި އިންޓަވިއުގެ މި ވީޑިއޯ ކޮޅަށް ޓްވިޓާގައި ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ބައެއް މީހުން ބުނަމުން އަންނަނީ ޓްރަމްޕް "ފޭކް" އޭ ވިދާޅުވަނީ "ފޭކް ނިއުސް" ނުވަތަ ހަގީގަތާ ހިލާފު ހަބަރުގެ ވާހަކަ ދެއްކެވުމަށް ކަމަށެވެ. ފަހަރުގައި އެބަހަކީ ވެސް އެމަނިކުފާނު "އުފެއްދެވި" ބަހެއް ކަމަށް ޓްރަމްޕް ވިދާޅުވެދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި ކަމާ ގުޅިގެން މެރިއަމް ވެބްސްޓާ އިން ވަނީ "ފޭކް ނިއުސް" މި ބަހުގެ ތާރީހާ ބެހޭ ދިރާސާއެއް ކޮށްފަ އެވެ. އެމެރިކާގެ މަޝްހޫރު ޑިކްޝަނަރީ އަދި ރެފަރެންސް ފޮތް އުފައްދާ ކުންފުނިން ބުނެފައި ވަނީ "ފޭކް ނިއުސް" މި ބަހަކީ 1800ގެ އަހަރުތަކުގައި ވެސް ބޭނުން ކުރަމުން އައިސްފައިވާ ބަހެއް ކަމަށެވެ.

ޓްރަމްޕްގެ މި އިންޓަވިއުއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ޓްވިޓާގައި ޓްރަމްޕް އަށް ފާޑުކިޔަމުންނެވެ. މީގެ ތެރޭގައި މަޝްހޫރު "ހެރީ ޕޮޓާ"ގެ ލިޔުންތެރިޔާ ޖޭކޭ ރޯލިން ވެސް ހިމެނެ އެވެ.

comment ކޮމެންޓް