އައިޓީބީ 2018އަށް ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ބާލިންގައި ބާއްވާ އައިޓީބީ ފެއާގައި ރާއްޖޭގެ ފަރާތުން ބަހައްޓާ ސްޓޭންޑުގެ ފަރުމާ -- އެމްއެމްޕީއާރުސީ

ޖަރުމަން ވިލާތުގެ ބާލިންގައި ބާއްވާ "އައިޓީބީ ފެއަރ 2018" އަށް ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައިޓީބީ ފެއަރ 2018ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އެމްއެމްޕީއާރްސީ އިން ސީރިއަލް ނަމްބަރެއް ދީފައިވާ "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" އެއް ގަތުމަށް ފަހުއެވެ. އޮކްޓޯބަރު ނުވަ ވަނަ ދުވަހުން އޮކްޓޯބަރު މަހުގެ 26ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 14:00 އާރްއެފްޕީ ވިއްކުން ކުރިއަށްދާނެ ކަމަށާއި އާރްއެފްޕީ އެއްގެ އަގަކީ 500 އެމެރިކާ ޑޮލަރު ކަމަށް އިއުލާނުގައި ވެއެވެ.

އާރްއެފްޕީ ގަންނަން ޖެހޭނީ އައިޓީބީ ފެއަރ 2018ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމުގައި ކަމަށްވެސް އިއުލާނުގައި ވެއެވެ.

އައިޓީބީ ފެއަރ 2018 އަށް ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ކަމަށާއި، މީގެ އިތުރުން ޕްރޮޕޯސަލްގެ ސޮފްޓް ކޮޕީއެއްވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެމްއެމްޕީއާރްސީގެ އިއުލާނުގައި ވެއެވެ.

comment ކޮމެންޓް