"ކެޔޮޅާ": ނާޝިދުގެ އަޑުނީވި އޮތް "ޖާނީ" އިން ތަންކޮޅެއް!

ޒީރޯ ޑިގްރީ އެޓޯލްސް ބޭންޑުން ރާއްޖޭގައި އުފެދުނު މިއުޒިކީ ލެޖެންޑް އަހުމަދު ނާޝިދު (ފުލޫ ނާޝިދު) ޝޯއެއްގައި ހުށަހަޅައިދެނީ --- ފޮޓޯ/ އޮބޮފިލި

ދިވެހި މިއުޒިކީ ދާއިރާއަށް އިންގިލާބެއް ގެނުވި މަޝްހޫރު ބޭންޑް ޒީރޯ ޑިގްރީ އެޓޯލްސް އިން ރާއްޖޭގައި އުފެދުނު މިއުޒިކީ ލެޖެންޑް، އަހުމަދު ނާޝިދު (ފުލޫ ނާޝިދު) އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ތަފާތު އެއް މިއުޒިކީ ފަންނާނެވެ. އަމިއްލަވަންތަ ކަމާއި ދިވެހި ސަގާފަތުގެ ރަހަ އެކުލެވިގެންވާ އޭނާގެ ލަވަތައް މި ދިވެހި ޖައްވުން ފަޑުވެ ނުދާކަމީ އޭގެ ހެއްކެކެވެ.

ގަދަ ހިތްވަރާއެކު ކެންސަރާ ހަނގުރާމަ ކުރަނިކޮށް މީގެ އެއް އަހަރު ކުރިން ނާޝިދު ނިޔާވި ނަމަވެސް، ދުނިޔެ ދޫކޮށް ދިޔައީ އޭނާގެ ހަނދާންތައް އަބަދުމެ އާކުރާނެ އެއްޗެއް ދޫކޮށްފައެވެ. އެއީ އޭނާގެ "ޖާނީ" އެވެ.

ނާޝިދުގެ ބައްޕަ ލިޔެފައިވާ ޅެންތަކެއްގެ މައްޗަށް ހަދާފައިވާ ލަވަތަކެއް ހިމެނޭ އެ އަލްބަމަކީ އޭނާ ކެންސަރަށް ޑައިގްނޯސް ވުމުގެ ކުރިން ފެށިގެން މަސައްކަތް ކުރަމުންދިޔަ އަލްބަމެކެވެ. ބަލި ހާލަތު ހުރި ގޮތުން ދުނިޔޭގެ ތަންތަން ބަލާލަން ނުދެވުނު ދަތުރުގައި، ބެލުންތެރިން ގެންދިއުމަށް ހެދި އަލްބަމެކެވެ.

އެ އަލްބަމުގައި ނާޝިދު އަމަލީ ގޮތުން ބައިވެރިވެ މިއުޒިކް ކުޅެފައިވާއިރު ނާޝިދު ބުނެފައިވާ ގޮތުން މިއީ އޭނާގެ ފޭނުންނަށާއި މިއުޒިކަށް ލޯބިކުރާ މީހުންނަށާއި އޭނާގެ އެކުވެރިންގެ އިތުރުން ހަތުރުންނަށް އޭނާ ދޫކުރާ އެއްޗެކެވެ.

އެ އަލްމަބް ރިލީޒް ކުރާނެ ކަމުގެ އިންތިޒާރުގައި އެތައް ބަޔަކު ތިބިއިރު އިއްޔެ މިވަނީ އެ އަލްމަބުގެ އެއް ލަވަ ބެލުންތެރިންނާ ހަމައަށް އިއްވާލާފައެވެ. "ކެޔޮޅާ"ގެ ނަމުގައި ނެރުނު އެ ލަވަ ރިލީޒް ކޮށްފައިމިވަނީ ނާޝިދު ނިޔާވިތާ އެއް އަހަރު ފުރުނު ދުވަހު އެވެ.

ލަަވަ އަޑު އަހާލުމުގެ ފުރުސަތު ލިބޭނީ ރާއްޖޭގަައި އުފެއްދި ފުރަތަމަ މިއުޒިކް ސްޓްރީމިން އެޕް "ލަވަފޮށި" އެޕް މެދުވެރިކޮށެވެ.

"ބައްޕަ ނިޔާވުމުގައި ހިތާމަ ކުރުމުގެ ބަދަލުގައި މިއަދު އަހަރެމެން މިވަނީ ބައްޕަގެ ދިރިއުޅުން ފާހަގަކުރަން ނިންމާފައި. އެކަން ފާހަގަކުރަން ބައްޕަގެ ނެރެން އޮތް އަލްމަބްގެ ލަވައެއް އަޑު އަހާލުމަށްވުރެ ރަނގަޅު ގޮތެއް ނޯންނާނެ،" ނާޝިދުގެ ތިން ކުދިންގެ ފަރާތުން ނިޝް ނާޝިދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ބައްޕަގެ ދަރިއެއް ފަދަ، އަދި ބައްޕަގެ އެންމެ އުދަނގޫ ވަގުތުތަކުގައި ހިތްވަރަކަށްވީ އެ އަލްމަބް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އަލްމަބްގެ އިތުރު ލަވަތަކެއް ރިލީޒް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"ލެޖެންޑް ގޮސްދާނެ. ނަމަވެސް އޭނާގެ އަޑާއި މިއުޒިކް ދެމިގެންދާނެ،"

ނާޝިދުގެ "ޖާނީ" އަލްމަބްގެ ލަވައެއްގެ އިތުރުން އިއްޔެ ލަވަފޮށީގައި ވަނީ ރާއްޖެއާއި ބައިނަލްއަގްވާމީ ގިނަ ޕްލެޓްފޯމްތަކެއްގައި ޑީޖޭގެ ހުނަރު ދައްކާލާފައިވާ މަޝްހޫރު ޑީޖޭ ކުރުން ތެރިޔާ، އިސްމާއިލް ނިޝާމް (ޑީޖޭ ޕައިޑޭ)ގެ ފަރާތުން ހާއްސަ ޓްރިބިއުޓެއް ދީފައެވެ.

ސްކޫލް ދައުރުން ފެށިގެން މިއުޒިކުގެ ތެރޭގައި އުޅެބޮޑުވި ނާޝިދުގެ ދިވެހިވަންތަ ރާގުގެ ލަވަތަކަކީ އަދިވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ލަވަތަކެވެ. އަދިވެސް ދިވެހިންގެ ވިންދާ ކުޅެމުންދާ ރާގުތަކެކެވެ. އޭނާ އަކީ ދިވެހި މިއުޒިކީ ދާއިރާއަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އެވަރު ދެވަނައެއް ނުވާ ފަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލެޖެންޑެކެވެ.

ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ވެސް އޭނާ އަކީ މަގްބޫލު ފަންނާނެކެވެ. އެކި ފެންވަރުގެ އެތައް އެވޯޑްތަކެއް ވެސް މިއުޒިކީ ދާއިރާއިން ހޯދާފައިވާ ހުނަރުވެރި އެކެވެ.

އެގޮތުން 2003 ވަނަ އަހަރު ބޭއްވި ނިއު ޔޯކު އިންޓަނޭޝަނަލް މިއުޒިކް ފެސްޓިވަލުގައި އޭނާއަށް ވަނީ ބެސްޓް އެކޯސްޓިކް ބުލޫސް އެކްޓުގެ އެވޯޑް ލިބިފައެވެ. އެ އެވޯޑާއެކު އޭނާ ވަނީ ނިއު ޔޯކުގެ މަގްބޫލު މެޑިސަން ސްކުއާ ގާޑަންގައި ހުށަހަޅައިދިނުމުގެ ޝަރަފް ލިބުނު ދިވެހި ފަންނާނުގެ މަގާމް ހޯދާފައެވެ.

ނާޝިދުގެ ފާހަގަކޮށްލެވޭ ހަނދާންތަކުގެ ތެރެއިން މިއުޒިކަށް އިންގިލާބެއް ގެނުވި "ދޯނި" އަލްބަމާއި "އައިލެންޑްސް ޕަލްސް" އަދި 2002 ވަނަ އަހަރު ރިލީޒްކުރި "ބާޑް އިން ފްލައިޓް" ހިމެނެއެވެ.

ލަވަފޮށިން މިހާރު އަޑު އަހާލެވޭނެ "ބާޑް އިން ފްލައިޓް" އަލްމަބް ޕްރޮމޯޓް ކުރުމަށް ނާޝިދު ވަނީ އޮސްޓްރޭލިއާ، ޖަރުމަން އަދި ނިއުޔޯކް ފަދަ ގައުމުތަކުގައި އެ އަލްބަމުގެ ލަވަތައް ހުށަހަޅައިދީފައެވެ.

ކެންސަރު ބައްޔާ ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމަ ކުރަމުންދިޔަ ނާޝިދު 53، ނިޔާވީ އިތުރަށް ހާލު ސީރިއަސްވެގެން އޭޑީކޭ އަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ނާޝިދު ނިޔާވި އިރު ދެ ކައިވެންޏެއްކޮށް ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.

އަދި ނާޝިދު ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކޮށް މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގައި އޭނާގެ ހަނދާނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމް އަރުވާފައިވާއިރު މީގެ ކުރިން އޭނާއަށް ވަނީ ރައީސްގެ ހާއްސަ އެވޯޑް ވެސް ލިބިފައެވެ.

comment ކޮމެންޓް