ހިމާޔަތެއް ނެތިފައި

28 ޖުލައި 2011 އާ ގުޅޭ

"އޭ ޒާން، ލޭ އާދޭ އެބަ، ކިހިނެތްތަ ވީ" ޔަޒާންއަށް ބަލަހައްޓައިގެން ހުރި ފައިޒަން ބުނެލިއެވެ.
"އެއީ ތެދެއް، އެކަމަކު ކޮންލެޔެއްތަ، ކީއްވެތަ ލޭ އަންނަންވީ" ނަޒްމީވެސް ޔަޒާންގެ ބުރަކައްޓާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.
"އައްދޯއި، ހާދަ ތަދެއް އެބަވެޔޭ، ދިލަވެސް އެބަ ނަގާ........" ޔަޒާން ދެކަކުލުގައި އަތްއަޅުވާލަމުން ގުދުވެއޮވެ ބުނަމުންދިޔައެވެ.
"ހިނގާބަލަ ގޭދޮށަށް ދެވޭތޯ އުޅެމާ، ތިވަރުން ޒާންއަށް ހިނގޭނެތަ.... އެހީއެއް ބޭނުންތަ" ފައިޒަން އަވަސްވީ ވާގަނޑުން ނުކުމެ ގެއަށް ދިއުމަށެވެ.
ޔަޒާން ބޯޖަހާލުމާއިއެކުވެސް ފައިޒަން އާއި ނަޒްމީ އޭނައަށް އެހީތެރިވިއެވެ. އެކުދިން ވަލަށް އާމުކޮށް ވަންނަދިމާލުން ނުކުންނަން ދިޔައެވެ. އެކަމަކު ނުކުމެވޭގޮތެއްނުވިއެވެ. ކޮންމެ ފަހަރަކުވެސް މަގު އޮޅެނީއެވެ. މިވަނީ ކިހިނެތްކަމެއް އެއްގޮތަކަށްވެސް އެމީހުންނަކަށް ނޭގުނެވެ. މީގެ ކުރިން ދުވަހަކުވެސް އެމީހުންނަށް މަގުއޮޅިފައެއް ނުވެއެވެ. ހަމައެއްދިމާލެއްގައި ތިން ހަތަރު ބުރުޖެހުނު އިރުވެސް ނުކުމެވޭ ގޮތެއްނުވިއެވެ. ކޮންމެ ދިމާލަކަށް ހިނގައިގަތަސް އެނބުރި އާދެވެނީ ތިބި ތަނަށެވެ. އޭރު އިރުއޮއްސި އަނދިރިވާން ފަށައިފިއެވެ. ތިންމީހުންނަށްވެސް ހަދާނެގޮތް ހުސްވެ ބިރުގަންނަން ފަށައިފިއެވެ. ދުރުދުރަށް ބޯކޮށް ހެދިފައިވާ ގަސްތައް ފެނި ހިތުގައި އެކިއެކި ބިރުވެރި ވަސްވާސްތައް އުފެދެން ފަށައިފިއެވެ. އޭރު ޔަޒާން ލައިގެން ހުރި ގަމީހުގެ ފަހަތް ލެއިން ތަތްތެޅިއްޖެއެވެ.
"އަހަރުމެން ނުކުންނަން މިދަނީ ހަމަ ރަނގަޅު ދިމާލަށް، ދެން ކީއްވެތަ އެނބުރި މިތަނަށް މިއާދެވެނީ، އަހަރެން ކުޑަކޮށް ހާސްވޭއެބަ، ހިނގާބަލަ އެހީއަކަށް ގޮވަމާ، ފަހަރެއްގަ މިހިސާބު އަތިރިމައްޗަށް އައިސް އުޅޭ ބަޔަކު އުޅެދާނެ......." ނަޒްމީ ބިރުގެންފައި ހުރިވަރު ފޮރުވަން މަސައްކަތް ކުރަމުން ބުނެލިއެވެ.
ފައިޒަން އާއި ޔަޒާންވެސް އެކަމަށް އެއްބަސްވިއެވެ. އަދި ތިންމީހުންގެވެސް ހިތުލަފައަށް ވަލުން ނުކުތުމަށް އެމީހުން އަބަދުވެސް ހިޔާރުކުރާ ދިމާލަށް ހިނގައިގަތެވެ. އަނެއްކާވެސް ކާމިޔާބެއް ލިބޭތޯއެވެ. ޔަޒާން އޭނަގެ ދެއެކުވެރިންނާއިއެކު އެހީއަކަށް އެދިގޮވަން ފެށިއެވެ. ވެރިވަމުން އައި ކަނު އަނދިރިކަމުގެ ތެރޭގައި ވަލުގައި ތިބެން އެމީހުންވެސް ޖެހިލުންވެއެވެ.
މިފަދަ ހާލެއްގައި އެހީއަށް އެދި ހަޅޭލަވަމުން އެމީހުން ހިނގިއެވެ. ތިންމީހުންވެސް ދާދިގާތުގައި އެކަކު އަނެކަކުގެ ގައިގާ ޖެހޭގޮތަށް ތިބެ އެތަނުން ނުކުންނަން މަސައްކަތްކުރަމުންދިޔައެވެ. ވަށައިގެންވި ކަނުއަނދިރިކަމުގެ ތެރެއިން އެކަކު އަނެކަކަށް ފެންނަނީވެސް ކިރިޔާއެވެ. ބިރުވެރިކަން އިންތިހާއަށް އިޙްސާސް ކުރެވިފައިވަނިކޮށް ކުއްލިއަކަށް އެމީހުންގެ ކަނާތް ފަރާތުން ހުދުކުލައިގެ ދެއަލިކޮޅު ފެނުނުހެން ހީވިއެވެ. އެއާއެކު ތިންމީހުންނަށްވެސް ތެޅިގަނެވުނެވެ. އަދި ޖެހިގެން ހުރި މީހާއަށް ފެނުނުތޯ ވައިއަޑުން އަހަންފެށިއެވެ. އެހެންތިބެގެން ވާނެކަމެއް ނޯންނާނެކަން އެނގި ކުރިއަށްވުރެ ބާރަށް ހަޅޭލަވަން ފެށިއެވެ. އޭރު އެމީހުންނަށް ފެނުނު ދެއަލިކޮޅު ފަހަރަކަށްވުރެ ފަހަރެއް ކައިރިވަމުންދިޔައެވެ.
ގޭތެރޭގައި ރަޒިއްޔާ ކަންބޮޑުވެފައި ހުއްޓެވެ. އިރުއޮއްސި މަޤްރިބު ނަމާދަށް ގޮވަންވާއިރަށް ގެއަށް ވަންނަ އޭނަގެ ދެދަރިން މިއަދު ގެއަށް ނައިސްގެންނެވެ.
"ރާޔާ، ކޮންއިރަކުތަ އެސޮރުމެން ދިޔައީ، ހާދަ ލަސްވެއްޖެއޭ ދޯ" ރަޒިއްޔާ އާއިއެކު ނަމާދަށް އަރަން ތައްޔާރުވަމުންދިޔަ އޭނަގެ ދޮށީ އަންހެން ކުއްޖާއަށް ބުނެލިއެވެ.
"މަންމާ، އަޅުގަނޑަކަށް ކޮއްކޮމެން ދިޔައިރެއް ބުނާކަށް ނޭގޭ، އެކަމަކު މިހާއިރުވަންދެން އެމީހުން ބޭރުގަ ނޫޅޭނެ، މިހިރަ އަޒުރާމެންގޭ ފިރިހެން ސޮރާއެއްކޮއް އެމީހުން ދާނީ، ނިކަން އެގޭ އަޒުރާގާތު އަހާބަލަ، ފަހަރެއްގަ އެގޭ ސޮރު އައިސް އުޅެދާނެ..." ރާޔާ ބުނެލިއެވެ.
"ދެން ދާނީ ނަމާދުކޮއްލައިގެން، މިރޭ އެމީހުން ގެއަށް އައިސްފިއްޔާ ވަރުގަދަ ބޮނޑިއެއް އަޅާނަން، އަބަދު މިކިޔަނީ އިރުއޮއްސެން ވާއިރަށް ގެއަށްވަންނަން ޖެހޭނެއޭ" ރަޒިއްޔާ ދެފިރިހެން ދަރިންނާއި ދޭތެރޭ ހިތްހަމަނުޖެހިފައި ހުރެ ނަމާދަށް އެރިއެވެ.
ނަމާދުން ފޭބިގޮތަށް ރަޒިއްޔާ އަވަސްވެގަތީ އަޒުރާމެންގެއަށް ދިއުމަށެވެ. ނަމާދުދޮޅި ބޭލުމާއިއެކު ބޮލަށް ބުރުގާ ހެޔޮވަރުކޮއްލަމުން އަވަސް ފިޔަވަޅުގައި ގޮސް އަޒުރާމެންގެއަށް ވަނެވެ.
"އެކޮއެ، ކޮބާ މަންމަ" ގޭތެރެއަށް ވަންނަމުން ރަޒިއްޔާ އަހާލީ ބޮޑުއަށިމަތީ އޮށޯވެލައިގެން ޓީވީއިން ޤުރުޢާން ކިޔަވާއަޑުއަހަން އޮތް ލައިބާގާތުއެވެ.
"ކޮޓަރީގަ، ގޮވާލަންވީ ދޯ" ލައިބާ ތެދުވެ ބޮޑުއަށިމަތިން ފުއްމާލަމުން ބުނެލިއެވެ. ރަޒިއްޔާވެސް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުން ލައިބާ ކުޑަކޮށް ދުވެލާފައިގޮސް އަޒުރާގެ ކޮޓަރީގައި ތަޅައިގަތެވެ.
"ސާބަސް...އަހާ ރަޒީ....މިގަޑީގަ، އަނެއްކާ ކިހިނެތްވީ" ކުއްލިއަކަށް ދޮރުހުޅުވާލި އަޒުރާ ލައިބާއަށް އެއްޗެއް ބުނަން އުޅެފަވެސް ރަޒިއްޔާ ފެނުމާއިއެކު ރާގުގަނޑު ބަދަލުވެގެންދިޔައެވެ.
"އަޒުރާ ކަލޭގެ ސޮރު ގޭގަ އެބައުޅޭތަ" ރަޒިއްޔާ ކަންބޮޑުވެފައި އަހާލިއެވެ.
"ތެދެއް ލައިބާ ދޮންބެ އެބައުޅޭތަ" އަޒުރާ އަހާލީ ލައިބާ ގާތުއެވެ.
"ދޮންބެ ދިޔައީ ފައިޒަންބެ އާއި ނަޒްމީބެ އާއިއެކު ކުއްޅަވައްހޮވާތަނަށް" ލައިބާ މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ.
"އެއީ ކޮންތަނެއް؟" ރަޒިއްޔާއަށް ނޭގޭ ކަމެއް ވީމަ އަހާލެވުނެވެ.
"މިހެން ދާއިރު އަތިރިމަތީ ދިމާލުގަ އޮންނަ" ލައިބާ އަތުގެ އިޝާރާތުން ކިޔާދިނެވެ.
"ކިހިނެތްތަވީ ރަޒީ..." އަޒުރާ ވެގެން އުޅޭގޮތެއް އޮޅުން ފިލުވަންބޭނުންވިއެވެ.
"މިއުޅެނީ އަހަރުމެންގޭ ދެސޮރުވެސް ގެއަށް ނައިސްގެން، އަދި ދުވަހަކުސް މިހާލަހެއްނުވޭ، ކޮންމެ ދުވަހަކުވެސް އަންނާނެ ނަމާދަށް ގޮވަންވާއިރަށް، މިހާރު އެއޮތްގެން ހަތެއްޖަހަނީ......އަހަރެން ވަރަށް ކަންބޮޑުވޭ، ކާސިމްބެއަށް ގުޅަންވީކަންނޭގެ" ރަޒިއްޔާ ނިތަށް ރޫއަރައިގެން ދިޔައީ ކަންބޮޑުވެ ހާސްވެފައި ހުރިވަރުންނެވެ.
"މިގޭ ޔަޒާންވެސް އެހެން ރޭ ރޭ އުޅޭނެ ގޭގަ މިހާއިރު ވާއިރު " އަޒުރާވެސް ވިސްނާލިއެވެ.
ރަޒިއްޔާ އޭނަގެ ގެއަށް ދުވެފައި ދިޔައެވެ. އަދި ނަމާދަށް އަރަމުން ފޮތްކަބަޑު މަތީ ބާއްވާފައި އޮތް އޭނަގެ ފޯނު ނަގާ ކާސިމުއަށް ގުޅާލިއެވެ. ކާސިމުއަކީ ރަޒިއްޔާގެ ބޮޑުބޭބެއެވެ. އޭނަ ގުޅާލިއިރު އަދި ކިރިޔާ ކާސިބު މަހުން ލަފައިގެން އައިސް ގެއަށްވަނީއެވެ. އެހެންނަމަވެސް ރަޒިއްޔާ މެންގެއަށްވީ މަސްކޮޅު ހިފައިގެން އޭނައަވަސްވެގަތީ އެގެއަށް ދިއުމަށެވެ.
ކައިރިއަވަށްޓެރިންނަށް ރަޒިއްޔާގެ ކަންބޮޑުވުމުގެ ހަބަރު ލިބުމާއިއެކު ކޮންމެ މީހަކު ހަބަރު އޮޅުންފިލުވަން ގޭދޮރުމައްޗަށް ނުކުމެތިއްބެވެ. ކާސިމު އާއި ހައްވަދައިތަގެ ފިރިމީހާ ހުސޭނުބެ އާއި އަދިވެސް ދެތިން ހަރު ފިރިހެނުން ގޮވައިގެން އެމީހުން ދިޔައީ ލައިބާ ބުނި ދިމާލަށެވެ. ޓޯޗުގެ އަލީގައި ވާގަނޑުގެ ތެރެއަށް ދެތިން ފޫޓު ވަދެވުމާއިއެކު ފައިޒަން އާއި ނަޒްމީގެ ހަޅޭކުގެ އަޑުއިވިއްޖެއެވެ. އެދިމާލަށް އެންމެން އަވަސްވެގަތް އިރު ބުރެއްހެން އެމީހުން ހިނގަމުން ހަޅޭލަވަނީއެވެ. ކާސިމު އާއި ހުސޭނުބެ އިސްކޮށްހުރެ އެތިންމީހުން ގޮވައިގެން ވަލުން ނުކުތެވެ. އޭރު ޔަޒާންގެ ހަބަރު ހުސްވަނީއެވެ. އޭނަގެ ލެއިން ތަތްތެޅިފައިވާ ގަމީސް ފެނި ކޮންމެ މީހެއްގެ ހިތުގައި އެކިއެކި ސުވާލުތައް އުފެދި ގިނަވަމުންދިޔައެވެ.
"އަސްތާ....ކިހިނެތްވެފަ އެސޮރު އެއޮތީ، ހޮސްޕިޓަލަށް ގެންދަމާ ހިނގާ" އަޒުރާ އާއި ރަޒިއްޔާގެ ގާތުގައި މަޑުކޮއްލައިގެން ހުރި ހައްވަދައިތަ ބުނެލިއެވެ. އޭރު ހައްވަދައިތަ މެންގެއާއި ޖެހިގެން ހުރި ގޭގެ ޖަމީލާ އާއި އެގޭ ކުރިމަތީގައި ހުރި ގޭގައި އުޅޭ އާސިޔަތު އައިސް މަޑުކޮއްލައިފިއެވެ.
"ޔަޒާން، މަގޭ ދަރި" އަޒުރާއަށްވެސް އަތުލަފިކޮއްލައިގެން ގެނައި ތިންކުދިންގެ ތެރެއިން ޔަޒާން އޮތްހާލު ފެނުމުން ބުނެލިއެވެ.
ރަޒިއްޔާ މެންގޭތެރެއަށް ތިންކުދިންވެސް ވައްދާ އެގޭ ބޮޑުއަށި މަތީ ބޭއްވިއެވެ. ޔަޒާން އޮތީ ބަންޑުން ބާއްވާފައެވެ. ފިރިހެންވެރިން ޔަޒާންމެން ފެނުނުއިރު އެމީހުންތިބި ހާލުގެ ވާހަކަ ކިޔާދިނެވެ. ތިންކުދިން ވަލުތެރޭގައި ވާވަދެ ދެވޭ ނުދެވޭ ދިމާލެއް ނޭގިގެން ބުރަކަށް އެނބުރެމުންދިޔަވާހަކައެވެ. އަދި އަތްލުމާއިއެކު ފައިޒަން އާއި ނަޒްމީ ހަބަރު ހުސްވެގެން ވެއްޓުނު ކަމާއި އޭރުވެސް ޔަޒާން އޮތީ މިހާލުގައި ކަމަށް ހުސޭނުބެއާއި ކާސިމު ކިޔާދެމުންދިޔައެވެ. ރަޒިއްޔާ އާއި ހައްވަދައިތަ އަތްކުރިއޮޅާލާފައި ޔަޒާން އާއި ފައިޒަން އާއި ނަޒްމީ ހޭއެރުވޭތޯ މަސައްކަތްކުރަމުންދިޔައެވެ. އަޒުރާވެސް ބޮޑުއަށި ކައިރީ ހުރިއިރު އޭނަގެ މޫނުމަތިންވެސް ހާސްކަން ފެންނަމުން ދިޔައެވެ.
"ކަނބުލޯ އިރާދަ ކުރެއްވިއްޔާ އެސޮރު ރަނގަޅުވާނެ، ހީވަނީ ބުރަކަށީގައި ގޮފިތަކަކުން އެޅިފައިހުރިހެން، އެހާ ފުންކޮށެއް ނޫން ހުރީ، ހައްވަދައިތަ ވަރަށް މޮޅުވާނެ އެކަހަލަ ކުދި ކުދި ކަންތައްތަކަށް ބޭސް ހަދާލަން" ހުސޭނުބޭ އަޒުރާގެ ހިތްހަމަޖައްސާލުމަށް ބުނެލިއެވެ. އޭރު ޔަޒާންގެ ގަމީސް ބޭލުވުމަށްފަހު ބުރަކަށި ފެންފޮތިކޮޅަކުން ސާފުކުރަމުންދިޔައެވެ. ކާސިމު ގޭތެރެއިން މީހުން މަދުކުރެވޭތޯ އުޅެންފެށިއެވެ.
"ނިކަން ބުނެބަލަ އެސޮރަށް ކިހިނެތްތަވީ، އެފަރާތު ވަލަށް ވަނީ ކީއްކުރަންތަ" ޖަމީލާ އޭނަގެ ގާތުގައި ހުރި އަވަށްޓެރިއެއްގެ ކައިރިން އަހާލިއެވެ. ރަޒިއްޔާމެންގޭތެރެއަށް އެއްވެ ތިބި މީހުންގެ ޗުކުޗުކުއެޅުވުމުގެ އަޑުފައްގަނޑު ހަރުލަމުންދިޔައެވެ. ކޮންމެ މީހަކުވެސް ކަމުގެ ހަގީގަތް ނޭގުނަސް ކޮންމެވެސް އެއްޗެކޭ ކިޔަމުންދިޔައެވެ. )ނުނިމޭ(
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު