މި ލެވެލަށް ރާއްޖޭގެ ޓީމު އަދި ފިޓެއް ނޫން: ސްޓެވާޓް

ގައުމީ ޓީމުގެ ކޯޗު ޑާރެން ސްޓެވާޓް އޮމާން މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި-- ސަން ފޮޓޯ: ފަޔާޒު މޫސާ

އޮމާން އޮތް ލެވެލްގައި ކުޅުމަށް ރާއްޖޭގެ ޓީމު އަދި ފިޓު ނުވާކަމަށް ގައުމީ ޓީމުގެ ކޯޗު ޑެރަން ސްޓެވާޓް ބުނެފިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރޭ އޮމާން އަތުން ލިބުނު ދެވަނަ ބައްޔާއެކު ރާއްޖެއަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފައެވެ. ރޭގެ މެޗުން އޮމާން މޮޅުވެފައި ވަނީ 1-3 ގެ ނަތީޖާ އަކުންނެވެ.

މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗު ބުނީ ޓީމުގެ ފިޓްނަސް ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ނަމަވެސް އޭގެ ސަބަބު ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ.

"މި ލެވެލްގައި ކުޅުމަށް ފިޓްނަސް މިއަށް ވުރެ ރަނގަޅު ކުރަން ޖެހޭ. ޓީމުން އެންމެ ބޮޑަށް ރަނގަޅު ކުރަން ޖެހޭނީ ފިޓްނަސް އާއި މެޗަށް ތައްޔާރުވާ މިންވަރު. ކުރިއަށް އޮތް ތާނގައި އެކަން ހަނދާނުގައި ބަހައްޓައިގެން މަސައްކަތް ނުކޮށްފިނަމަ ނިކުންނާނީ މިފަދަ ނަތީޖާއެއް. ފިޓްނަސް ރަނގަޅު ނޫން ސަބަބު އެނގޭ، އެކަމަކު އެކަން ވަކި ބަޔެއްގެ ބޮލުގައި އަޅުވާކަށް ބޭނުމެއް ނޫން،" ސްޓެވާޓް ބުންޏެވެ.

ސްޓެވާޓް ވަނީ ޓީމުގެ ކުޅުމަށް ތައުރީފު ކޮށް ޓީމާ ދޭތެރޭ ފަހުރުވެރިވާ ކަމަށް ބުނެފައެވެ. އޭނާ ބުނީ ބަލިވުމުން އެކަމުގެ ޒިންމާ ނަގާނީ ކޯޗު ކަމަށާއި ކުޅުންތެރިން ނޫން ކަމަށެވެ.

"ކޮންމެ ކުޅުންތެރިއެއް ވެސް 100 ޕަސެންޓު ދިން. ރައްޖޭގެ ކޮންމެ ރައްޔިތެއް ވެސް ފަހުރުވެރިވާނެ ފަދަ ކުޅުމެއް ޓީމުން ދެއްކީ. އެކަމަށް އަހަރެން ވެސް ފަހުރުވެރިވޭ. ބަލިވީމަ އެކަމުގެ ޒިންމާ އަހަރެން އުފުލަން. ކުޅުންތެރިންގެ އެއްވެސް މައްސަލައެއް ނެތް،" ސްޓެވާޓް ބުންޏެވެ.

އޭނާ ބުނީ މިއީ އެއްވެސް މީހަކަށް ތުހުމަތު ކުރަންވީ ދަނޑިވަޅެއް ނޫން ކަމަށާއި މިއީ ޓީމުގެ ކުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކޮށް ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެން ވީ ވަގުތު ކަމަށެވެ. މީގެ އިތުރުން ކޯޗު ބުނީ އޭޝިއަން ކަޕަށް ރާއްޖެ ދެން ކޮލިފައިވާނީ "މިރަކަލް"އަކުން ކަމަށެވެ.

ކޮލިފައިންގެ 'ގްރޫޕް ޑީ'ގައި ރާއްޖެ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. ދެވަނައިގައި އޮތް ފަލަސްތީނަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ އެއްވަނާގައި އޮތް އޮމާނަށް ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ބޫޓާނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް