މަޖިލީހުގެ ވަށާ ފާރު ވެސް އުސްކަރަން އެބަ ޖެހޭ: ރީކޯ މޫސަ

މަޖިލިސް ކުރާ ގެ: މަޖިލީހުގެ ވަށާފާރު އުސްކުރަން ޖެހޭ ކަމަށް މޫސަ ވަނީ ވިދާޅުވެފަ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ވަށައިގެން ލަކުޑި ފެންސެއް ޖަހެމުން، އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ދަނިކޮށް މަޖިލިސް ކުރާގެ ވާށައި ފާރު ވެސް އުސްކުރަން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 ގެ 'ނިއުސް ޓޯކް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ނިޒާމު ނުގެއްލޭ ގޮތަށް އެ އިރެއްގަ އޮންނަ ސަރުކާރަކުން ބޭނުންވާ ބަދަލުތަކެއް މަޖިލީހަށް ގެންނަމުންދާ ކަމަށާއި އެގޮތުން ޕީޕީއެމްގެ ސަރުކާރުން ވެސް ބޭނުންވާ ބަދަލުތަކެއް މަޖިލީހަށް ގެންނަމުންދާ ކަމަށެވެ.

"މަޖިލީހުގެ ޗެމްބަރު ތެރެއަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނަން ޖެހޭ ވަގުތުއްގައި ގެންނަން ޖެހޭ ގޮތަކަށް ކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހަކީ ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅާފައިވާ ތަނެއްކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ އެ ގައުމުގެ ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މަޖިލީހުގެ އާބާތުރު ފިލުވުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

"އޭގެ ދަށުން ވަރަށް ގިނަ މަސަތްކަތްތަކެއް ކުރެވެމުން މި ދަނީ. މުޅި މަޖިލީހުގެ މިހާރު ހުރި ކެމެރާ ސެޓަޕް ބަދަލުކުރުމާއި އޭގެ އިތުރުން މަގުމަތީ ފާރު ވެސް އުފުލަން އެބަ ޖެހޭ. އެ މަސަތްކަތް ވެސް ކުރާނެ ވަރަށް އަވަހަށް ދެން ފުރުސަތެއް ލިބުނީމަ،" އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރިޔާސަތު އުސްކޮށް ކުރިމަތީގައި ޖަހާފައިވާ ލަކުޑި ފެންސަށް އިޝާރައް ކުރައްވައި މޫސާ ވިދާޅުވީ އެއީ އެމަނިކުފާނުގެ މޭސްތިރިކަމުގައި ކޮށްފައިވާ ކަމެއް ކަމަށާއި ނަމަވެސް މާ ބޮޑުތަނެއް ރިޔާސަތު އުހެއް ނުވާނެ ކަމަށެވެ.

"ބައެއް ކަހަލަ އިދާރީ އެރޭންޖްތައް ގެންނަނީ. ދެން އެ ގެނެވޭއިރުގައި އެ ތަނުގެ އެންމެ ރީތި ކަމަށް އަދި އެހެން ޕާލިމެންޓްތައް ހަދާފައި ހުންނަ ގޮތަށް އެކަންކަމުގެ މައްޗަށް ބަލާފައި ބަދަލުތައް ގެންނަނީ،" އޭނާ ވިދާޅުވިއެވެ.

މޫސަ ވަނީ އިދިކޮޅު ހަތަރު ލީޑަރުން އިސްވެ އުފްއްދާފައިވާ އިއްތިހާދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެ އިއްތިހާދު ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި 'ރޫޅި ބައިބައި' ވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް