ކެތަލޯނިޔާއިން މިރޭ މިނިވަންކަން އިޢްލާންކުރަނީ، ސްޕޭންގެ ކުއްލި ހާލަތުގައި

ކެތަލޯނިޔާގެ ވެރިރަށް ބަސެލޯނާ

ބާސެލޯނާ (އޮކްޓޯބަރ 10): ކެތަލޯނިޔާގެ ރައީސް ރައީސް ކާލްސް ޕުއިގްޑެމޮންޓް މިރޭގެ ވަގުތެއްގައި އެ ސަރަހައްދުގެ މިނިވަންކަން އިޢްލާން ކުރައްވާނެ ކަމަށް ބެލެވޭތީ ސްޕެއިންގެ މައި ސަރުކާރުގެ ސަލާމަތީ ބާރުތަކުން ކެތަލޯނިޔާގެ މުހިއްމު ތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ސްޕެއިންގެ މައި ސަރުކާރުގެ ފުލުހުން ބުނީ ކެތަލޯނިޔާގެ އިގްތިސާދީ ސަރަހައްދުތަކާއި ރޭލްވޭ ސްޓޭޝަންތަކާއި ކަނޑުގެ ބަނދަރުތަކާއި ވައިގެ ބަނދަނރުތަކާއި ސަރުކާރުގެ އިމާރާތްތަކާއި ޕާލަމެންޓް ފަދަ ކެތަލޯނިޔާގެ މުހިއްމު ތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާ ކަމުގައެވެ. ކެތަލޯނިޔާގެ މިނިވަންކަން އިޢްލާން ކުރުމަށް މިއަދު ހެނދުނު ބޭއްވުމަށް އެ ސަރަހައްދުގެ ޕާލަމެންޓުން ނިންމި ބައްދަލުވުމަކީ ޣައިރު ގާނޫނީ ބައްދަލުވުމެއް ކަމަށް ސްޕެއިންގެ ސްޕްރީމް ކޯޓުން ނިންމުމުން އެ ބައްދަލުވުން ކެންސަލް ކުރުމަށްފަހު ޕާލަމެންޓުން ވަނީ އެހެން ބައްދަލުވުމެއް މިރޭ ބޭއްވުމަށް ތާވަލުކޮށްފައެވެ.

މި ބައްދަލުވުމުން ކެތަލޯނިޔާގެ މިނިވަންކަން އިޢްލާން ކުރާނެކަން ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ. ކެތަލޯނިޔާގެ ޕާލަމެންޓްގައި ހުންނަވައިގެން ރައީސް ކާލްސް ޕުއިގްޑެމޮންޓް މިނިވަންކަން އިޢްލާން ކުރެއްވުމާއެކު ކެތަލޯނިޔާގައިވާ ސްޕޭންގެ ސަލާމަތީ ބާރުތަށް އެ ސަރަހައްދުން ނުކުތުމަށް އަމުރު ކުރާނެއެވެ. އަދި ނުނުކުމެއްޖެނަމަ ސްޕޭންގެ ސަލާމަތީ ބާރުތައްވާނީ އިސްތިއްމާރީ ބާރުތަކެއްގެ ގޮތުގައެވެ. އެފަދަ ހާލަތެއްގައި ކެތަލަންގެ ސަލާމަތީ ބާރުތަކާއި ސްޕެއިންގެ ސަލާމަތީ ބާރުތަކާދެމެދު ކުރިމަތިލުމެއް ހިނގުމަކީ ދުރުކަމެއްނޫނެވެ.

މިނިވަންކަން އިޢްލާން ކުރުމާއެކު ސްޕޭންގެ ސްޕްރީމް ކޯޓުގެ ބާރެއް ވެސް ކެތަލޯނިޔާއަކަށް ނުހިނގާނެއެވެ. އެހެންކަމުން ސްޕޭއިންއަށް ޖެހޭނީ އެންމެފަހުން ކެތަލޯނިޔާއިން ފައިބައިގެންދާން ކަމަށް ގާނޫނީ މާހިރުން ދެކެވަޑައިގަންނަވައެވެ. ކެތަލޯނިޔާ ދެން ސްޕޭންގެ ދަށުގައި ނުބޭއްވޭނެކަން ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ. މިއާއެކު ސްޕޭނުގެ ބޮޑެތި ކުންފުނިތަށް ވެސް ގެންދަނީ ކެޓަލޯނިޔާއިން ފޭބުމަށް ތައްޔާރުވަމުންނެވެ. އަދި ކެތަލޯނިޔާއިން ގެންދަނީ މިނިވަން ދައުލަތެއް ހިންގައި މެނޭޖް ކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައްވަމުންނެވެ.

ކެތަލޯނިއާއަކީ ސްޕޭނުގެ އެންމެ މުއްސަނދި އަދި އެންމެ އުފެއްދުންތެރި އެއް ސަރަހައްދެވެ. ސްޕޭންގެ ސިނާއަތާއި ދަނޑުވެރިކަމުގެ ބާވަތްތަކުގެ ފަންސަވީސް އިންސައްތައަށްވުރެ ވެސް ބޮޑުބައެއް ހިއްސާ ކުރަނީ ކެތަލޯނިޔާއިންނެވެ. އާބާދީއަށް ބަލާއިރު ވެސް ކެތަލޯނިޔާއަކީ ގާތްގަނޑަކަށް 7.5 މިލިޔަން މީހުންގެ އާބާދީއެވެ.

ކެތަލޯނިޔާ އަކީ މެޑިޓަރޭނިޔަން ކަނޑަށް އައްސޭރިވާގޮތަށް އޮންނަ ވަރަށް ރީތި އަދި ސްޓްރެޓީޖިކް ސަރަހައްދެކެވެ. އެ ސަރަހައްދު ސްޕޭނުން ވަކިވިކަން އިޢްލާންކޮށްފިނަމަ ބާރުގެ ބޭނުންކޮށްގެން އަލުން ސްޕޭންގެ ދަށަށް ގެންދިޔުމަކީ ދެން ނުވާނެ ކަމެއް ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

މިހާރު ޔޫރަޕްގެ ގައުމުތަކުން ކެތަލޯނިޔާގެ މިނިވަންކަމާ ދެކޮޅު ހެދިނަމަވެސް ކެތަލޯނިޔާ މިނިވަން ދައުލަތެއްގެ ގޮތުގައި ގަބޫލުކުރުމަށް ދުނިޔޭގެ އެތަށް ގައުމެއް އޮތީ ތައްޔާރަށް ކަމަށާއި އެގައުމު އެކަހެރިވެގެން ދުވަސްކޮޅެއްގައި އުޅެންޖެހުނު ނަމަވެސް ފަހުން ޔޫރަޕްގެ ގައުމުތަކުން ވެސް ކެތަލޯނިޔާގެ ދައުލަތަށް އިޢްތިރާފްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް