ކޯނޭ ބްރޭންޑްގެ އެލިވޭޓާސް އެސްޓީއޯއިން ރާއްޖެއަށް ތައާރަފު ކޮށްފި

ކޯނޭގެ ރާއްޖޭގެ އޮތޯރައިޒް ޑިސްޓްރިބިއުޓާރ އަކަށް އެސްޓީއޯ

ޔޫރަޕް އަދި މެދު އިރުމަތީގައި މަޝްހޫރުކަން ހޯދާފައިވާ ކޯނޭ ބްރޭންޑްގެ އެލިވޭޓާސް ރަސްމީކޮށް އެސްޓީއޯއިން ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޯނޭ ބްރޭންޑްގެ އެލެވޭޓާސް ރާއްޖެއަށް ރަސްމީކޮށް ތައާރަފް ކޯށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު މޫސާ ޝަހީރު ވިދާޅުވީ، އެސްޓީއޯ އިން ރާއްޖޭގެ ކޮންސްޓަރްޝަން ދާއިރާއަށް ބޭނުންވާ ސާމާނު އަބަދުވެސް ފޯރު ކޮށްދެމުން އަންނަ ކަމަށާއި ގެދޮރު ޒީނަތްތެރި ކުރުމަށް ބޭނުންވާ ތަކެތި ވެސް އެސްޓީއޯ އިން އަބަދުވެސް އާމުންނާ ހަމައަށް ގެނެސްދެވޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ.

ރާއްޖޭގެ އުމްރާނީ ތަރައްގީ ކުރިއަރަމުން އަންނަ އިރު ލިފްޓަކީ މިހާރު ވަރަށް މުހިއްމު އެއްޗެއް ކަމަށާއި އާންމުނަށް އަފްޓާ ސޭލްސްގެ ހިދުމަތް ފަސޭހަކޮށް ލިބޭ، ފެންވަރު ރަނގަޅު ލިފްޓެއް އާންމުން ބޭނުން ވެފައިވާ ކަމަށް ޝަހީރު ވިދާޅުވި އެވެ. އެގޮތުން މިއަދު ތައާރަފް ކުރި ލިފްޓަކީ އެސްޓީއޯއިން ބެލި ބެލުމުން މާކެޓުން މިހާރު ފެންނަށް ހުރި އެންމެ ފެންވަރު ރަނގަޅު ބްރޭންޑްގެ ލިފްޓް ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

ކޯނޭގެ މެނޭޖިން ޑިރެކްޓަރު ޑޮގުލަސް ޕައި ވިދާޅުވީ، ކޯނޭ ބްރޭންޑްގެ އެލެވޭޓާއަކީ އެ ދާއިރާގައި އެންމެ ކުރީގައި އުޅޭ ބްރޭންޑް ކަމަށާއި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ހަތަރު ބިލިއަން މީހުން ކޯނޭގެ ލިފްޓްގެ ހިދުމަތް ބޭނުން ކުރައްވާ ކަމަށެވެ.

އެސްޓީއޯއިން ބުނީ، ކަސްޓަމަރު ބޭނުންފުޅުވާ ގޮތަކަށް އެލަވޭޓާ ޑިޒައިންކޮށް އިންސްޓޯލްކޮށްދީ އާފްޓާ ސޭލްސް ސާވިސްގެ ހިދުމަތް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން ލިބެން ހުންނާނެ ކަމަށެވެ.

ކޯނޭއަކީ އެލިވޭޓާސްގެ އިތުރުން އެސްކަލޭޓާސް އަދި އޯޓޯ ވޯކް އަދި އޮޓޯ ޑޯސް ވެސް އުފައްދާ ކުންފުޏެކެވެ. ކޯނޭ އިން ވަނީ މި ހުރިހާ ޕްރޮޑަކްޓްސްގެ ރާއްޖޭގެ އޮތޯރައިޒް ޑިސްޓްރިބިއުޓާއަކަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ހަމަޖައްސައިފަ އެވެ.

comment ކޮމެންޓް