އެމެރިކާއިން ދަނީ އައިއެސްއަށް އެހީވަމުން: ހިޒްބުﷲ

ހިޒްބުﷲ ގެ ސެކެޓްރީ ޖެެނެރަލް ސައްޔިދު ހަސަން ނަސްރުﷲ--

އައިއެސް ނައްތާލުމަށް އެމެރިކާއިން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އޭގެ ބަދަލުގައި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން އެމެރިކާއިން އައިއެސްއަށް އެހީވަމުންދާ ކަމަށް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ސެކެޓްރީ ޖެެނެރަލް ސައްޔިދު ހަސަން ނަސްރުﷲ ވިދާޅުވެއްޖެއެވެ.

ހިޒްބުﷲ ކޮމާންޑަރަކާއި ހަނގުރާމެވެރިއަކު ސީރިއާގައި އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަނިކޮށް ޝަހީދުވެފައިވާތީވެ އެމީހުންގެ ޝަރަފުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސްރުﷲ ވިދާޅުވީ އައިއެސް ޖަމާއަތް ބަލިވާން އެމެރިކާއިން އެއްވެސް ވަރަކަށް ނޭދޭ ކަމަށެެވެ.

ހިޒްބުﷲ ހަނގުރާމެވެރިން އިރާނުގެ ސިފައިންނާއެކު ސީރިއާގެ ސިފައިންނަށް މަދަދު ދިނުމަށްޓަކައި ސީރިއާގައި ހަރަކާތްތެރިވަނީ--

ނަސްރުﷲ އިތުރަށް ވިދާޅުވީ އައިއެސް ނައްތާނުލައިފިނަމަ އެ ޖަމާއަތުގެ އަތްދަށުން ބީވެގެން ދިޔަ ސަރަހައްދުތައް އަލުން ހިފައި ކުރިއެކޭ އެއްގޮތަށް މީހުން މަރައި މުޅި ސަރަހައްދު ބިރުވެރިކަމުގެ ތެރެއަށް ވައްޓައިލާނެ ކަމަށެެވެ. އަދި އައިއެސްއަކީ ކެންސަރެއް ކަމަށާއި އެ ޖަމާއަތް މުލުން ލުހެލައި ނަައްތާލަންޖެހޭ ކަމަށްވެސް ނަސްރުﷲ ވިދާޅުވިއެވެ. އެހެން ނޫންނަމަ ސީރިއާއާ އިރާގަަށް އައިއެސްގެ ނުރައްކާ އަބަދުވެސް ކުރިމަތިވާނެ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

ނަސްރުﷲ ވިދާޅުވީ އައިއެސްއާ ދެކޮޅަށް ލުބްނާނުގެ ސިފައިން ހަނގުރާމަކުރުމަށް އެމެރިކާއިން ބޭނުންނުވާ ކަމަށެވެ. އަދި ލުބުނާނުގައި އައިއެސްއިން އަތްގަދަކޮށްގެން އުޅުނު ހިސާބުތަކަށް އެ ގައުމުގެ ސިފައިން ހަމަލާދޭން ފެށުމުން އެމެރިކާއިން ލުބްނާނަށް ދެމުންދިޔަ އެހީތައް ވެސް ދުވަސް ކޮޅަކަށް ހުއްޓާލި ކަަމަށް ނަސްރުﷲ ވިދާޅުވިއެވެ.

ނަސްރުﷲ ވަނީ އެމެރިކާއާ ސައުދީ އަރަބިއްޔާ ގުޅިގެން އިރާނުގެ ދުވަސް ދުއްވާލުމަށް މެދުއިރުމަތި ހަމަނުޖެހުންތަކުގެ ތެރެއަށް ވައްޓާލުމަށް މަސައްކަތް ކުރާކަމަށް ތުހުމަތުކޮށްފައެވެ. އަދި ސީރިއާގެ ހައްދުފަހަަނަ އަޅާފައިވާ ގްރޫޕުތަކަށް ސައުދީން ކިތަންމެ ވަރަކަށް ހަތިޔާރާއި އެހީ ފޯރުކޮށްދިނަސް އާހިރުގައި އެކަން ކާމިޔާބު ނުވާނެކަމަށްވެސް ނަސްރުﷲ ވިދާޅުވިއެވެ.

comment ކޮމެންޓް