އުތުރު ކޮރެއާއިން ވަނީ ދެކުނު ކޮރެއާ އާއި އެމެރިކާގެ ސިއްރު ލިޔުންތަކެއް ވަގަށް ނަގާފަ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން. އެގައުމުން ދެކުނަށް ސައިބާ އެޓޭކްތައް ދިން ކަމަށް ދެކުުނުން ބުނޭ -- ފޮޓޯ: އޭއެފްޕީ

ސޯލް (އޮކްޓޯބަރު 10): އުތުރު ކޮރެއާގެ ހެކަރުންތަކެއް ވަނީ ދެކުނު ކޮރެއާގެ އަސްކަރީ ލިޔެކިޔުންތަކެއް ވަގަށް ނަގާފައި ކަމަށް ރިޕޯޓުކޮށްފި އެވެ.

ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ރީ ޗޮލް ހީ ވިދާޅުވި ގޮތުގައި އެއީ އެގައުމުގެ ޑިފެންސް މިނިސްޓްރީއަށް ނިސްބަތްވާ ލިޔެކިޔުންތަކެކެވެ. އެގޮތުން އުތުރުން ވަނީ 235 ގިގަބައިޓްގެ އަސްކަރީ ލިޔުންތައް ނަގާފައި ކަމަށާއި އޭގެ ތެރެއިން 80 ޕަސެންޓް ލިޔުންތަކުގައި ހުރި މައުލޫމާތު ޔަގީންވެފައި ނުވާ ކަމަށް ރީ ވިދާޅުވި އެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ރީ ވިދާޅުވި ގޮތުގައި އުތުރުން ނެގި މައުލޫމާތުތަކުގެ ތެރޭގައި ހަނގުރާމައިގެ ހާލަތުގައި އަމަލު ކުރާނެ ގޮތާ ބެހޭ ގޮތުން ދެކުނު ކޮރެއާއިން އެމެރިކާއާ ގުޅިގެން ހަދާފައިވާ ޕްލޭންތަކަކާއި، ކިމް ޖޮންގް އުން މަރާލުމަށް ހަދާފައިވާ ރޭވުމެއްވެސް ހިމެނެ އެވެ.

އެރިޕޯޓާ ބެހޭ ގޮތުން ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީން އަދި ވަކި އެއްޗެކޭ ބުނެފައި ނުވި ނަމަވެސް މިދިޔަ މޭ މަހު އެގައުމުން ވަނީ އުތުރު ކޮރެއާއިން ސައިބާ އެޓޭކްތަކެއް ދިން ކަމަށް ބުނެފައެވެ. ރީ ވިދާޅުވި ގޮތުގައި އުތުރު ކޮރެއާއިން އެހަމަލާ ދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

އުތުރު ކޮރެއާއިން ވަނީ އެތުހުމަތުތައް ދޮގުކޮށް، އެއީ ދެކުނުން ހަދަހަދައިގެން ދައްކާ ވާހަކަތައް ކަމަށް ބުނެފައެވެ. (ބީބީސީ)

comment ކޮމެންޓް