އިއާދަކުރެވޭ ހަކަތަ 2020 އަންނަ އިރު 20 މެގަވޯޓަށް އިތުރުކުރާނަން: ނާއިބު ރައީސް

ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު އެއޯސިސްގެ މިނިސްޓަރުންގެ ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނާއިބު ރައީސް ވާހަކަ ދައްކަވަނީ--

ވިހި ވިހި އަންނަ އިރު ރާއްޖޭގައި އިއާދަކުރެވޭ ހަކަތަ 20 މެގަވޯޓަށް އިތުރުކުރާނެ ކަމަށް ރާއްޖޭގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއާގެ ހައިސިއްޔަތުން ރާއްޖެއިން އިސްނަގައިގެން އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ) ގުޅިގެން އިނީޝިއޭޓިވް ފޯ ރިނިއުބަލް އައިލެންޑް އެނާޖީ (އައިރީ)ގެ މިނިސްޓަރުންގެ ބައްދަލުވުން ފެށުމަށް މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު އިއާދަ ކުރެވޭ ހަކަތައިގެ ނިސްބަތަކީ ހަ މެގަވޯޓުކަމަށެވެ. އަދި 2020 އަންނަ އިރު އަމާޒަކީ އެ އަދަދު 20 މެގަވޯޓަށް އިތުރުކުރުން ކަމަށް ޖިހާދު ވިދާޅުވި އެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު އެއޯސިސްގެ މިނިސްޓަރުންގެ ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

"ތަރައްގީގެ އެންމެ އުސްމިނަށް ވާސިލްވުމަށް އަޅުގަނޑުމެން ދުވާލަކު ހަކަތައަށް ބޭނުންކުރާ 30 އިންސައްތަ އިއާދަކުރެނެވި ހަކަތައަށް ހުރިހާ ރަށެއްގައި ހަދަން މިދަނީ މަސައްކަތް ކުރަމުން. މިހާރު އަޅުގަނޑުމެން އިއާދަ ކުރަނިވި ހަކަތައިގެ ގޮތުގައި ހަ މެގަވޯޓު ބޭނުންކުރަން، ނަމަވެސް 2020 އަންނަ އިރު އަޅުގަނޑުމެން އެއަދަދު 20 މެގަވޯޓަށް އިތުރުކުރާނަން،" ޖިހާދު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު އެއޯސިސްގެ ބާރުއެޅުމާ ނުލައި ޕެރިސް އެގްރީމަންޓް ތަސްދީގުވެގެން ނުދިޔައީސް ކަމަށާއި ރާއްޖެއިން އެ ޖަމިއްޔާގެ ޗެއާ ގޮތުގައި މަސައްކަތްކޮށްފައިވާތީވެ، ފަހުރުވެރިވާ ކަމަށެވެ. އަދި ޕެރިސް އެގްރީމަންޓް ކާމިޔާބު އެގްރީމަންޓަށް ހެދުމަށް އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޖިހާދު ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ އިއާދަ ކުރެވުނު ހަކަތައާ ބެހޭ ގޮތުން ބައްދަލުވުން 1989 ބޭއްވި އިރު އިއާދަ ކުރެވުނު ހަކަތައާއާ މެދު ދެކުނީ ވަރަށް ތަފާތު ގޮތަކަށް ކަމަށާއި އެހެންނަމަވެސް މިހާރު އޭގެން އަޅުގަނޑުމެންގެ ރަށްތަކަށް ލިބޭނެ ފައިދާތަކާ މެދު އާންމުންގެ މެދުގައި ވަރަށް ބޮޑަށް ހޭލުންތެރިކަން އިތުރުވެފައިވާ ކަމަށެވެ. އަދި އިއާދަކުރެވޭ ހަކަތައަކީ ރާއްޖެއަށް މިހާރު އެންމެ ބޮޑަށް ބޭނުންވާ ހަކަތަ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

comment ކޮމެންޓް