ވޯލްޑް ކަޕެއްގައި އިންޑިއާ ޖެހި ފުރަތަމަ ލަނޑާ އެކު ޖީކްސަން ތާރީހުގެ ތެރެއަށް

އިންޑިއާ އަށް ތާރީހީ ލަނޑު ކާމިޔާބު ކޮށްދިން ޖީކްސަން--

އިންޑިއާ އިން ވޯލްޑްކަޕެއްގައި ޖެހި ފުރަތަމަ ލަނޑާ އެކު، އެ ޓީމުގެ ޒުވާން މިޑްފީލްޑާ ޖީކްސަން ސިން ތާރީހީ ފޮތްތަކުން ޖާގަ ހޯދައިފި އެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި އިންޑިއާ އިން ކުޅުނު ދެވަނަ މެޗުން ބަލިވި ނަމަވެސް ވޯލްޑް ކަޕްގެ ފުރަތަމަ ލަނޑާ އެކު އިންޑިއާ އިން ވަނީ އުފަލުން ފޮޅިފަ އެވެ. ކޮލަމްބިއާ އާ ދެކޮޅަށް އިއްޔެ ކުޅުނު މި މެޗުން އިންޑިއާ ބަލިވީ 1-2ގެ ނަތީޖާ އަކުންނެވެ.

ނިއު ދެއްލީގެ ޖަވަހަރްލާ ނެހްރޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކޮލަމްބިއާ އިންނެވެ. މި ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި އެ ޓީމަށް ކަމިޔާބު ކޮށްދިނީ ހުއާން ޕެނަލޯޒާ އެވެ. އިންޑިއާ އަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ މެޗުގެ 82 ވަނަ މިނެޓު ޖީކްސަން ގެ ތާރީހީ ލަނޑުންނެވެ. ނަމަވެސް އިންޑިއާ ކުޅުންތެރިން ރޮއްވާލީ ޕެނަލޯޒާ އިތުރު ލަނޑެއް ޖަހައި އިންޑިއާ އަތުން ޕޮއިންޓެއް އަތުލުމުންނެވެ.

މިދިޔަ ހަފްތާގައި ފެށި މި މުބާރާތުގައި މިހާތަނަށް އިންޑިއާގެ ޒުވާން ޓީމު ވަނީ ދެ މެޗެއް ކުޅެފަ އެވެ. ފުރަތަމަ މެޗުން އެމެރިކާ އަތުން 3-0 އިން ވަނީ ބަލިވެފަ އެވެ.

ފުރަތަމަ މެޗުތަކަށް ފަހު އެމެރިކާގެ ކޯޗު ޖޯން ހެކްވޯތާއި ކޮލަމްބިއާގެ ކޯޗު އޯލަންޑޯ ރެސްޓްރެޕޯ ވަނީ އިންޑިއާގެ ފުޓްބޯޅަ ކުރިއަރަމުންދާކަން ފާހަގަކޮށް ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކަމަށް ބުނެފަ އެވެ. ހުޑް ބުނީ މި ވޯލްޑް ކަޕުން އިންޑިއާގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

މުބާރާތުގައި އިންޑިއާ ހިމެނޭ ގްރޫޕް އޭގައި ބާކީ ދެން އޮތީ އެންމެ މެޗެކެވެ. ގާނާ އާ ދެކޮޅަށް އިންޑިއާ ނިކުންނަ މި މެޗުން މޮޅުވެގެން ނޫނީ ދެވަނަ ބުރުގެ ފުރުސަތެއް އެ ޓީމަކަށް ނެތެވެ.

comment ކޮމެންޓް