ވޭލްސް ކަޓުވާލުމަށް ފަހު އަޔަލެންޑް ޕްލޭއޮފަށް

ވޭލްސް އާއި އަޔަލެންޑު ބައްދަލު ކުރި މެޗުގައި އަޔަލެންޑްގެ ޖޭމްސް މެކްލީން ލަނޑު ޖެހުމަށް ފަހު-- ފޮޓޯ: އޭޕީ

އަވައްޓެރި ވޭލްސް ބަލިކޮށް އަޔަލެންޑުން ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭ އޮފް އަށް ދަތުރު ކޮށްފިއެވެ.

ގްރޫޕު 'ޑީ'ގެ މި މެޗު އަޔަލެންޑުން ކާމިޔާބު ކޮށްފައި ވަނީ 0-1ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އަޔަލެންޑަށް ގްރޫޕުގެ ދެވަނަ ލިބެނީ 10 މެޗުން 19 ޕޮއިންޓާ އެކުއެވެ. ވޭލްސް އަށް 10 މެޗުން ލިބުނީ 17 ޕޮއިންޓެވެ.

އަނިޔާގެ ސަބަބުން ވޭލްސް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، ގަރެތް ބޭލް ނުލައި ކުޅުނު މި މެޗު އެއްވަރު ކޮށްލައިގެންވެސް، ވޭލްސްއަށް ޕްލޭއޮފްގެ ފުރުސަތު ލިބުނީ ހެވެ. ނަމަވެސް އެ ޓީމުގެ އުންމީދު ފުނޑު ފުނޑު ކޮށްލީ ޖޭމްސް މެކްލީން 57 ވަނަ މިނެޓްގައި އަޔަލޭންޑަށް ޖަހައިދިން ލަނޑުންނެވެ.

އަޔަލެންޑު ޕްލޭއޮފަށް ކޮލިފައިވެފައިވާ އިރު، އެ ޓީމުން ޕްލޭއޮފް ކުޅޭނީ ސީޑު ނުކުރެވޭ ޓީމެއްގެ ގޮތުގައެވެ. އޭގެ މާނަ އަކީ އަޔަލެންޑަށް ޕްލޭއޮފް ގައި އިޓަލީ، ކްރޮއޭޝިއާ އަދި ފަހަރެއްގައި ޕޯޗުގަލް ފަދަ ޓީމަކާއި ކުޅެން ޖެހިދާނެއެވެ.

ގުރޫޕް 'އައި' ގައި ކްރޮއޭޝިއާ ކުޅުނު ފަހު މެޗުގައި ޔޫކްރޭން 0-2 އިން ބަލިކޮށް ވަނީ ޕްލޭއޮފްގެ ޖާގައެއް ހޯދާފައެވެ. ކޮރޭޝިއާގެ ދެ ލަނޑު ކާމިޔާބު ކުރީވެސް އަންދުރޭ ކްރަމަރިޗް އެވެ.

ކޮރޭޝިއާ އާއި އަޔަލޭންޑް މޮޅުވުމުން، ގުރޫޕް 'އެޗް' ގެ ފަހު މެޗުން ބޮސްނިއާ ހެޒްރޮގޮވިނާ މޮޅުވިޔަސް އެ ޓީމަށް ޕްލޭއޮފްގެ ފުރުސަތު ނުލިބޭނެ ކަން ވަނީ ޔަގީންވެފައެވެ. ޕްލޭއޮފްއަށް ދާނީ ނުވަ ގުރޫޕްގެ ތެރެއިން، ތާވަލުގެ ދެ ވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ އަށް ޓީމެވެ.

comment ކޮމެންޓް