ސިޔާސީ ފަރާތްތަކަށް ފަނޑިޔާރުގެއަށް ފާޑެއް ނުކިޔޭނެ: ރައީސް

ރައީސްގެ ދެކަނބަލުން އިސް ރަށްވެހިންނާ ބައްދަލުކުރެއްވުމަށް ރޭ ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ/ ރައީސް އޮފީސް

އަދުލު އިންސާފުގެ ނިޒާމަށް ފާޅުގައި ފާޑު ކިޔުމުގެ ހައްގު ސިޔާސީ ފަރާތްތަކަށް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސްގެ ދެކަނބަލުން އިސް ރަށްވެހިންނާ ބައްދަލުކުރެއްވުމަށް ރަސްފަންނުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހުރިހާ ކަމަކަށްވުރެ އިސްކަމެއް ދީގެން މުގައްދަސް ކަމެއްގެ ގޮތުގައި އޮންނަން ޖެހޭނީ އެތަނެއްގައި އޮންނަ ހަމަޖެހުން ކަމަށެވެ.

އަދި ވިދާޅުވީ ކުށަށް އަރައިގަތުމަށް ގޮވާ ނުލެވޭނެ ކަމަށާއި އެއީ ޑިމޮކްރެސީގެ ސިފައެއް ނޫން ކަމަށެވެ.

"މުއައްސަސާތައް ހަލާކުކޮށްލާކަށް އަޑެއް ނޫފުލޭނެ. މިއީ ޑިމޮކްރެސީގެ ސިފައެއް ނޫން. ފަނޑިޔާރުގެއަކަށް އަދުލު އިންސާފުގެ ދާއިރާއަކަށް ފާޅުގައި ސިޔާސީ ލީޑަރުންނަކަށް ފާޑެއް ނުކިޔޭނެ. މިއީ ޑިމޮކްރެސީގެ ސިފައެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންނަށް ހަމަލާދޭން އާންމުތަންތަނަށް ނުކުންނާކަށް ގޮވައެއް ނުލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ގައުމުގައި ރުކުރުވާލެވިފައި ހުންނަ ސިފަތައް ހަލާކުކޮށްލަން ކުރެވޭ މަސައްކަތް ކަމަށެވެ. އެއީ "އެނާޗިސްޓް ވިސްނުން ތަނެއް ފަނާ ކުރާ ވިސްނުން" ކަމަށް ރައީސް ވިދާޅުވި އެވެ.

"ޑިމޮކްރެސީގެ ހަމަތަކަކީ އުސޫލާއި ގާނޫނާއި ގަވާއިދުގެ ތެރޭން ކަންކަން ކުރުން. އެއީ ޑިމޮކްރެސީއަކީ. ޑިމޮކްރެސީއަކީ އެކެއްގެ ބަނޑުން ވިހޭ މަފްހޫމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ނަން ބޭރު ދުނިޔޭގައި ހައްގު ނޫން ގޮތުގައި އިޝްތިހާރުކުރަން ޖާގަ ނުލިބޭނެ ކަމަށެވެ.

މަގު ދައްކަން ޖެހޭ އެންމެ މުހިންމު މަސްދަރަކަށް ޑިމޮކްރެސީ ވެފައި އޮތް ނަމަވެސް ގައުމުގެ ހަމަޖެހުމާއި ސުލްހަޔާއި ގައުމުދެކެ ލޯބިވުމުގެ ކުރިއަކަށް އެއްވެސް ކަމެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ގައުމުގައި ހަމަޖެހުންނެތި ކުރާ މަސައްކަތުގައި ޑިމޮކްރެސީ އަށައެއް ނުގަންނާނެ. އެއީ ހަމަ ފެއިލްޑް ނޫނީ ފެއިލްވާނެ ނިޒާމެއް ގޮތަށް ދުނިޔެގެ އެތަން މިތަނުގައި ދައްކައިފި،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ކުށްތައް ގިނަ ވަނީ ކީއްވެތޯ ދިރާސާކޮށްލުމަށް ބަޔަކާ ހަވާލު ކުރި ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން މި ހިނގާ 2017 ވަނަ އަހަރާ ހަމައަށް ހިނގާފައިވާ ކުށްތައް ދިރާސާކޮށް ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ރިޕޯޓު މިހާރު ސަރުކާރުގެ އިސްބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި ރިޕޯޓުގެ އަލީގައި ކުރާނެ ކަންކަން ބަލަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ދައުލަތަކަށް ކުރެވިދާނެ ކަންކަން ކަމަށާއި އެހެން ނަމަވެސް ގައުމަކަށް ބަލާ ކަމަށް ވާނަމަ އެވަރަކުން ނުފުދޭ ކަމަށެވެ.

comment ކޮމެންޓް