ކުޅުދުއްފުށީ ތިން މަގެއްގައި ތާރުއަޅައި ނިންމާލައިފި

ކުޅުދުއްފުށީ މަރުކަޒު މަގުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި -- ސަން ފޮޓޯ: އެމްއާރްޑީސީ

ހދ. ކުޅުދުއްފުށީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެރަށުގެ ތިން މަގެއްގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ރާއްޖޭގެ އުތުރުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ކުޅުދުއްފުށީ 18 މަގެއް ޒަމާނީފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީން)އާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއަކީ ފަސްދޮޅަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ.

އެމްއާރްޑީސީން ބުނީ، އެ ކުންފުނިން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު، ތާރުއަޅައި ނިންމާލާފައި ވަނީ، އެރަށު ފަނޑިޔާރު މަގާއި، މަރުކަޒުމަގުގެ އިތުރުން މަގާން މަގުގައި ކަމަށެވެ.

ކުޅުދުއްފުށީ މަގުތަކުގައި ތާރު އަޅަން ފަށާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. މިހާރު ތާރު އެޅުމުގެ މަސައްކަތް ކުރަމުންދަނީ ނިކަގަސްމަގުގައި ކަމަށް އެމްއާރްޑީސީން ބުންޏެވެ.

ކުޅުދުއްފުށީ މިސްކިތް މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ދަނީ. މިހާރު ވަނީ އެމަގުގައި ތާރުއަޅައި ނިމިފައި -- ސަން ފޮޓޯ: އެމްއާރްޑީސީ

އާބާދީގައި 12،000އަށް ވުރެގިނަ މީހުން ދިރިއުޅޭ، ކުޅުދުށްފުށީ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި، ވިއްސާރަމޫސުމުގައި މަގުތަކުގައި ފެންބޮޑުވުން ހިމެނެއެވެ. އެހެންކަމުން، މިހާރު އެރަށުގައި އެމްއާރްޑީސީން ކުރިއަށް ގެންދާ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ޖުމުލަ ފަހެއް ޕޮއިންޓް އަށެއް ކިލޯމީޓަރުގެ ދިގުމިނުގައި ތާރުއެޅިގެން ދާއިރު، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

އެމްއާރްޑީސީން ބުނީ، މި ދުވަސްވަރު ވިއްސާރަވުމުގެ ސަބަބުން މަގު ހެދުމުގެ މަސައްކަތް ތާވާލުކުރެވިފައިވާ ގޮތަށް ކުރިއަށް ނުގެންދެވޭކަަމަށެވެ. އެހެން ނަމަވެސް، ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢު މިއަހަރުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރާކަމަށް ވެސް އެކުންފުނިން ބުންޏެވެ.

"ކުޅުދުއްފުށީ މަގުހެދުމުގެ މަސައްކަތް މިހާރު ދާ ސްޕީޑަށް ބަލާއިރު މިމަސައްކަތް މިހާރު ކަނޑައެޅިފައިވާ މުއްދަތަ ނިންމާލެވޭނެ ކަމުގެ އުއްމީދު އެބައޮތް،" އެމްއާރްޑީސީން ބުންޏެވެ.

comment ކޮމެންޓް