ރިޔާސަތު މޭޒު ވަށައިގެން ޖަހާފައިވާ ލަކުޑި ފެންސުގެ މޭސްތިރިއަކީ މޫސަ: ނިހާން

މަޖިލީހުގެ ރިޔާސަތު ކުރިމަތީގައި ޖަހާފައިވާ ފެންސުގެ ކުރިމަތީގައި މޫސަ ހުއްޓިލައިގެން --- ފޮޓޯ: ނިހާން

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އުސްކޮށް އެތަނުގެ ވަށައިގެން ހަދާފައިވާ ލަކުޑި ފެންސްގެ މޭސްތިރިއަކީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ނިންމާލުމަށް ފަހު އާ ރިޔާސަތު ކައިރީގައި މޫސަ ހުއްޓިވަޑައިގެން ހުންނެވި ފޮޓޯއެއް ޓުވީޓް ކުރައްވައި ނިހާން ވިދާޅުވީ މަޖިލިސް ރިޔާސަތުގެ އާ ޑިޒައިންގެ މޭސްތިރިއަކީ މޫސާ މަނިކު ކަމަށެވެ.

މޫސައާ ހަވާލާދީ ނިހާން ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާލުވެފައި ވަނީ އެހެން ގައުމުތަކުގައި ވެސް މަޖިލިސް ޗެމްބަރުގެ ރިޔާސަތު މޭޒު އުސްކޮށް ރީއްޗަށް ހަދާފައި ހުންނަ ކަމަށެވެ.

މަޖިލީހުގެ ރިޔާސަތަށް އެ ބަދަލު ގެނެސްފައި ވަނީ އިދިކޮޅު މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލި ފަހުންނެވެ.

މިދިޔަ ދައުރުގައި ބޭއްވި ހުރިހާ ޖަލްސާއެއްގައި ވެސް އިދިކޮޅު މެންބަރުން ދިޔައީ މަޖިލީހުގެ ރިޔާސަތަށް މަސީހް ވަދެވަޑައިގަތުމަށް ހުރަސް އަޅުއްވައި އިހްތިޖާޖު ކުރަމުންނެވެ. އެހެން ކަމުން މަޖިލީހުގެ ޖަލްސާތައް ބާއްވާފައި ވަނީ ގިނަ އަދަދެއްގެ ސިފައިންގެ އެހީތެރިކަމާ އެކު އިދިކޮޅު މެންބަރުން ހުއްޓުވައިގެންނެވެ.

comment ކޮމެންޓް