ޔަމަންގެ ހަނގުރާމައިގާ ސައޫދީ ސިފައިންގެ އެތައް ބަޔަކު މަރާލައިފި

ރިޔާޒް (އޮކްޓޯބަރ 9) : ސައޫދީ އަރަބިޔާއާއި ޔަމަންގެ ސަރަހައްދީ ރޮނގުގައި ޔަމަންގެ ހޫޘީ ހަނގުރާމަވެރިންނާއި ސައޫދީ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ސައޫދީ ސިފައިންގެ ދިހަ މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެއްޖެ އެވެ.

ސައޫދީ އަސްކަރީ ބަޔާނަކާ ހަވާލާދީ އެ ގައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނީ ހޫޘީންނާއި ސައޫދީ ސިފައިން ހަމަލާތައް ބަދަލުކޮށްފައި ވަނީ އެ ގައުމުގެ ދެކުނުގެ ނަޖްރާން ސަރަހައްދުގައި ކަމަށެވެ. މިއީ ޔަމަނާއި ސައޫދީގެ ސަރަހައްދީ ރޮނގު ގުޅިފައިވާ ސަރަހައްދެކެވެ. މި ދިޔަ ހޮނިހިރު ދުވަހު ސައޫދީ އާއި ޔަމަންގެ ސަރަހައްދީ ރޮނގު ގުޅިފައިވާ ޖަޒާން ސަރަހައްދުގައިވާ ސައޫދީ އަސްކަރީ މަރުކަޒަކަށް ހޫޘީން ދިން ޙަމަލާތަކެއްގައި ވެސް ސައޫދީ ސިފައިންގެ ހަތަރު މީހަކު މަރުވެފައިވެ އެވެ.

އެ 14 މީހުންނާ އެކު ފާއިތުވި ހަތަރު މަސްތެރޭގައި ހޫޘީން އެއްގަމު މަގުން ދިން ހަމަލާތަކުގައި މަރުވި ސައޫދީ ސިފައިންގެ އަދަދު ވަނީ 100 އަށް ވުރެ މައްޗަށް ގޮސްފައި ކަމަށް ސައޫދީ މީޑީއާ ބުނެ އެވެ. ސައޫދީންގެ ވައިގެ ހަމަލާތަކާއި ސައޫދީންގެ މަދަދު ލިބޭ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ބާރުތަކުންދޭ ހަމަލާތަކުގައި ހޫޘީންގެ އެތައް ބަޔަކު ވެސް މަރުވެފައިވެ އެވެ.

އަނެއްކޮޅުން ސައޫދީ ފައިޓާ ޖެޓްތަކުން އިއްޔެ ޔަމަންގެ ތަޢްޒު ސިޓީއަށް ދިން ހަމަލާތަކުގައި އާންމުންގެ ދިހަ މީހުން ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ތިން ކުޑަކުދިންނާއި ހަތަރު އަންހެނުން ހިމެނޭކަމަށް ޚަބަރުތައް ބުނެ އެވެ. ޔަމަނަށް އަސްކަރީ ގޮތުން ވަދެގެން އުޅޭ ސައޫދީ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް ވަނީ މިދިޔަ އަހަރު ޔަމަންގެ ސަންޢާގައި ބޭއްވި ޖަނާޒާއަކަށް ސައޫދީ ފައިޓާ ޖެޓްތަކުން ދިން ޙަމަލާތަކުގައި މަރުވި އެތައް ބައެއްގެ މަރުގެ ބަދަލު ސައޫދީ ސިފައިންގެ ކިބައިން ހިފާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

ހައިހޫނުކަމާއި ބަލިމަޑުކަން ތަހައްމަލްކުރާ ޔަމަންގެ ކުޑަކުދިން

ޔަމަންގައި ސައޫދީ ބާރުތަކާ އަދި ސައޫދީ އާ ގުޅިފައިވާ އަރަބި ކޯލިޝަންގެ ބާރުތަކާ ދެކޮޅަށް ހޫޘީންނާ އެކު ހަނގުރާމަ ކުރަމުންދާ ދެވަނަ ފަރާތަކީ ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކެވެ. ސާލިޙްގެ ބާރުތަކުގެ ގާތްގަނޑަކަށް 80 ޕަސެންޓް ޔަމަން ސިފައިންގެ ލަޝްކަރުތަކެވެ. ޔަމަން ސިފައިންގެ ލަޝްކަރުތައް އެގައުމުގެ މިހާރުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރަށް ވަފާތެރިވުމުގެ ބަދަލުގައި އެލަޝްކަރުތައް ވަފާތެރިވެފައި ވަނީ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް އަށެވެ.

ރައީސް ހާދީގެ ބާރުތަކުގައި ހިމެނެނީ ޔަމަން ސިފައިންގެ މަދުބަޔަކާއި ދެން އަލީ އަބްދުﷲ ސާލިޙް އާ އިދިކޮޅު ގަބީލާތަކުގެ ތަކުގެ ހަނގުރާމަވެރިންނެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސައޫދީ ވައިގެ ސިފައިން ޔަމަންގެ ޖަނާޒާ އަކަށް ދިން ވައިގެ ހަމަލާތަކެއްގައި އާންމުންގެ 30 މީހުން މަރުވި ކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުން ޔަމަންގައި ބާއްވާ ކައިވެނީގެ ޕާޓީތަކަށާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ވެސް ސައޫދީ ވައިގެ ސިފައިންނާއި ސައޫދީން ހިމެނޭ އަރަބި ކޯލިޝަންގެ ވައިގެ ހަމަލާއް އަމާޒުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިގޮތުން ސައޫދީ އިސްކޮށް އޮވެގެން އުފައްދާފައިވާ އަރަބި ކޯލިޝަން ޔަމަންގެ ހަނގުރާމައިގެ ތެރެއަށް ވަންފަހުން އެކޯލިޝަނުން ދިން ހަމަލާތަކުގައި ޔަމަންގެ އާންމުންގެ ދިހަ ހާސް މީހުން މަރާލައި އެތައް ހާސްބަޔަކު ޒަޚަމްކޮށްލާފައިވާ ކަމަށް އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެ އެވެ.

އަރަބި ކޯލިޝަނުން ޔަމަންގެ އާންމުންނަށް ދޭ ހަމަލާތަށް ގިނަކަމުން އދ. އިން ވަނީ އެކޯލިޝަން އދ.ގެ ކަޅު ލިސްޓުގައި ހިމަނައިފަ އެވެ. ނަމަވެސް މިކަން ތަހްގީގްކޮށް އެކަމުގެ ފަހަތުގައިވާ ފަރާތްތައް ބައިނަލްއަގްވާމީ އަދާލަތަށް ޙާޒިރު ކުރުމަށް އދ.ގެ އެތެރޭން ކުރަމުން ގެންދާ މަސައްކަތްތައް ސައޫދީންގެ ފިއްތުންތަކާ ގުޅިގެން އަދި ކާމިޔާބުވެފައެއް ނުވެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ އަރަބި ކޯލިޝަނުން ޔަމަންގެ އާންމުންނަށްދޭ ހަމަލާތަކާއި އިސްރާއީލުން ޣައްޒާގެ ހަނގުރާމައިގާ ފަލަސްތީނަށް ދިން ހަމަލާތަކާއި ސޫރިޔާ ސިފައިންނާއި ރަޝިޔާ ސިފައިން ސޫރިޔާގެ އާންމުންނަށް ދޭ ހަމަލާތަކާ އަދި އެމެރިކާ ސިފައިން ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިރާގާއި އަފްޣާނިސްތާނާއި ސޫރިޔާ ފަދަ ގައުމުތަކަށް ދޭ ހަމަލާތަކަކީ އެއްބާވަތެއްގެ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ސިފަކޮށްފަ އެވެ.

މީގެއިތުރުން ޔަމަންގެ ހޫޘީންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކުންދޭ ހަމަލާތަކުގައި ވެސް ޔަމަންގެ އާންމުން މަރުވަމުންދާކަން އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ފާހަގަ ކުރެ އެވެ. ޔަމަންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެގައުމުވަނީ ސޫރިޔާއެކޭ އެއްގޮތަސް މުޅިން ފުނޑުފުނޑުވެ ވީރާނާވެ ރައްޔިތުންގެ 80 ޕަސެންޓް ހާލުގައި ޖެހިފަ އެވެ. މީގެ އިތުރުން ޔަމަންގެ ރައްޔިތުން ދަނީ ކޮލެރާއާއި ނުރައްކާތެރި ހުންފަދަ ބަލިމަޑުކަމުގެ ޝިކާރައަކަށްވެ މުޅިން ފަނާވަމުންނެވެ. އަދި ޔަމަންގައި ވަނީ ހައިހޫނުކަން ވެސް އާންމު ވެފަ އެވެ.

ޔަމަންގެ ހަނގުރާމައަށް އަހަރެއްގެ މައްޗަށް ސައޫދީ ބަޖެޓުން 50 ބިލިޔަން ޑޮލަރު ޚަރަދުކުރާއިރު ސައޫދީ އަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ވެސް މައިގަނޑު ސަބަބަކީ ޔަމަންގެ ހަނގުރާމައާއި ސޫރިޔާ ފަދަ ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ކުރަމުންގެންދާ ބޮޑެތި ޚަރަދުތައް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ އިތުރުން ހޫޘީންނާއި އަލީ އަބްދުﷲ ސާލީހްގެ ބާރުތަކުން ދޭ ހަމަލާތަކުގެ ސަބަބުން ސައޫދީ އާއި ޔަމަންގެ ސަރަހައްދީ ރޮނުގެ ކައިރީގައިވާ ސައޫދީ އަވަށްތަކާއި ވިލެޖްތައް ވެސް ވަނީ ވީރާނާވެ އެތަންތަން ދޫކޮށް ސައޫދީ ރައްޔިތުން ވަނީ ރައްކާތެރި ތަންތަނަށް ހިޖްރަކޮށްފަ އެވެ.

ހޫޘީންނާއި އަލީ އަބްދުﷲ ސާލީހްގެ ބާރުތަކުން ދޭ ހަމަލާތަކުގައި ސައޫދީގެ ވެސް އެތަށް ސްކޫލަކާއި އާންމުންގެ ގެދޮރާއި މަދަނީ އެތައް ތަނެއް ވަނީ ހަލާކުވެ ސުންނާފަތިވެފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް