ޞަޙާބީންގެ މަތިވެރިކަން -16

1 ސެޕްޓެމްބަރު 2017: ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ތެރެއިން: -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

.

ސާދާވެރީން

ކީރިތި ޤުރުއާނުގައި މާތްﷲ އިރުޝާދު ދެއްވައިފައިވެއެވެ. އެކަލާނގެ އާޚިރަތުގެ ނިޢުމަތުގެ ގޮވަތި އެބަޔަކަށްޓަކައި ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް އަދި ފަސާދަކުރުމެއް ވިޔަސް ނޭދޭ މީހުންނަށެވެ. ހެޔޮ ނިމުން ވަނީ ތަޤްވާވެރީންނަށެވެ.

މިބާވަތުގެ އިރުޝާދުދެއްވާ އާޔަތްތަކާއި ޙުކުމްތައް ކީރިތި ޤުރުއާނުގައި ވަރަށް ގިނައެވެ. މިތާނގައި އަޅުގަނޑުމެން ވިސްނައިލަންޖެހޭ ކަމަކީ ބިމުގައި ބޮޑާވެގެން އުޅޭ މީހުންނަކީ ކޮބައިތޯއާއި، ފަސާދަކުރާ މީހުންނަކީ ކޮބައިތޯ ހޯދައިބެލުމަށެވެ. ޝައްކެއްނެތެވެ. ފަރުދަކަށްވެސް އޭނާގެ ދާއިރާގައި ޙައްދުފަހަނަޅައިގޮސް ފަސާދަކުރެވިދާނެއެވެ. ނަމަވެސް މިކަން ފުޅާ ދާއިރާއެއްގައި ކުރެވޭނީ ބިމުގައި ވެރިކަމާއި ބާރު ލިބިފައިވާ މީހުންނަށެވެ. އެފަދަ މީހުންނަށް ލިބިފައިވާ އިޚްތިޔާރެއްގެ ނުފޫޒުގައި އެފަދަ މީހުންނަށް ބިން ފަސާދައިން ފުރައިލެވިދާނެއެވެ.

ބިމުގައި ބޮޑާވެނުގަތުމާއި ފަސާދަނުކުރުމަކީ އިންސާނުންގެ ކިބައި ހުރުން ނުހަނު ބޮޑަށް އެދެވިގެންވާ ދެސިފައެވެ. އެދެ ސިފަ ލިބިފައިވާ ނަމޫނާ ޖަމާޢަތަކަށް ތާރީޚު ދެކެފައިވާ ހަމައެކަނި ޖަމާޢާތަކީ ޞަހާބީންގެ ޖަމާޢަތެވެ. އެބޭކަލުންނަށް ވެރިކަން ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ވެރިކަން އެބޭކަލުންގެ ހިތްޕުޅުގައި ބޮޑާކަމެއް ނުއުފައްދައެވެ. އެބޭކަލުންނަށް ބިމުގައި މަތީ މަޤާމާއި ޢިއްޒަތް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އެބޭކަލުން ދިރިއުޅުއްވީ ޢާންމު ރައްޔިތުންނެކޭ އެއް ބީދަޔަކުންނެވެ. އެބޭކަލުންނަކީ ބޮޑެތި އިޚްތިޔާރުތަކުގެ ވެރީންނެވެ. އެބޭކަލުންނަށް ވެރިކަމާއި ބާރު ލިބިވަޑައިގަތުމަކުން އެބޭކަލުން ފަސާދަ އުފައްދާ އަނިޔާވެރީން ކަމުގައި ވެވަޑައެއް ނުގަންނަވައެވެ. މިތާނގައި މިނަކަލު ކުރަނީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުލް ފާރޫޤު ރަޟިޔަﷲ ޢަންހުގެ ޙަޔާތްޕުޅުގެ ޙާދިޘާއެކެވެ. މި ޙާދިޘާއަކީ މި މަސްއަލައިގައި ނަމޫނާއެއް ކަމުގައި ބެލެވޭފަދަ ޙާދިޘާއެކެވެ.

ފަޟުލުބިން ޢުމައިރާ ވިދާޅުވިއެވެ. އަހްނަފުބިން ޤައިސު ޢިރާޤުކަރައިގެ ވަފުދަކާއެކު ޢުމަރުބުނުލް ޚައްޠާބުގެ އަރިހަށް މަދީނާއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގަތީ ހޫނު މޫސުމުގެ ދުވަހެއްގައެވެ. އެދުވަހަކީ ވަރަށް ހޫނުގަދަ ދުވަހެކެވެ. ޢުމަރުގެފާނު އުނަގަނޑުފުޅުގައި ޢަބާކޮޅު އައްސަވައިލައްވައިގެން ޖަމަލެއްގައި ތެޔޮލައްވާން ހުންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަޙްނަފެވެ. ހެދުންކޮޅު ބާލުއްވައިފައި މި ޖަމަލުގެ މައްސަލައިގައި އަމީރުލް މުއުމިނީނަށް އެހީވެދެއްވާށެވެ. އެހެނީ މިއީ ބައިތުލްމާލުގެ ޖަމަލެކެވެ. މީގައި ޔަތީމުންނާއި، މިސްކީނުންނާއި ، ހުވަފަތްވެފައިތިބި އަންހެނުންގެ ޙައްޤު އެކުލެވެއެވެ. މީސްތަކުންކުރެ އެކަކު ދެންނެވިއެވެ. މާތްﷲ ކަލޭގެފާނަށް ޢަފޫކުރައްވާށިއެވެ. އޭ މުއުމިނުންގެ އަމީރެވެ. ކަލޭގެފާނު ބައިތުލްމާލުގެ އަޅުންކުރެ އަޅަކަށް ތިޔަކަން ކުރުމަށް އަމުރުނުކުރެއްވީ ކީއްވެގެންތޯއެވެ؟ އޭނާ ކަލޭގެފާނުގެ ފަރާތްޕުޅުން ތިޔަކަން ކޮށްފީހެވެ. ޢުމަރުގެފާނު ޖަވާބުދެއްވިއެވެ. އަހަންނަށްވުރެ އަޅުވެތިކަން ބޮޑު މީހަކީ ކާކުހެއްޔެވެ؟" (ތާރީޚު ޢުމަރުބުނުލް ޚައްޠާބު، އިބްނުލްޖައުޒީ، ޞަފްޙާ : 71)

ޞަޙާބީންގެ ހަޔާތްޕުޅުން މިފަދަ ނަމޫނާތަކެއް ފެނުނުކަމުގައި ވިޔަސް ވަރަށް ގިނަ ފަހަރަށް ވެރިކަން ލިބުމުން މީހާ ކޮރަޕްޓްވެއެވެ. އެކަން ޢާންމުވެފައިވާވަރުން، ލޯޑު އެކްޓިން (1834-1902) ގެ އަންނަނިވި ބަސްފުޅު ވަނީ މިސާލުބަހަކަށް ވެފައެވެ. " ބާރު ފަސާދަކޮށްލައެވެ. ފުރިހަމަ ބާރު ލިބުމުން މުޅީން ފަސާދަކޮށްލައެވެ."

Power corrupts and absolute power corrupts absolutely.

ތާރީޚުގައި ޖަމާޢަތެއްގެ ގޮތުން ބަލާއިރު އިތުރު ޞަޙާބީންގެ މިސާލަކީ އިސްތިސްނާ މިސާލެކެވެ. އެބޭކަލުންނަށް ބިންމަތީގައި ވެރިކަން ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ވެރިކަމަކީ އެބޭކަލުން ފަސާދަކުރި ކަމަކަށެއްނުވިއެވެ. އެބޭކަލުންނަށް މީސްތަކުންގެ މައްޗަށް ވެރިކަން ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އެބޭކަލުން މީސްތަކުންގެ މެދުގައި އުޅުއްވީ އާދައިގެ ރައްޔިތުންކުރެ ބައެއްގެ ޙައިޘިއްޔަތުންނެވެ. ޞަޙާބީންގެ ދައުރުގެ ޚަލީފާއިންނާއި އޮފިސަރުންނާއި ގަވަރުނަރުންގެ ތެރެއިން މިބާވަތުގެ އެތައް މިސާލެއް ފެންނާން އެބަހުއްޓެވެ.

ވެރިކަމުގައި ތިބޭ ބަޔަކަށް އާދައިގެ ސާދާ ދިރިއުޅުމެއް އުޅުމަށް އިރުޝާދު ދިނުމަށްޓަކައި މިސާލެއްގެ ގޮތުން އެބަޔަކު ދެއްކޭފަދަ ބަޔަކަށް ތާރީޚުން ފެނިފައިވަނީ ހަމައެކަނި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނެވެ.

އިންޑިޔާގައި އެންމެ ފުރަތަމަ ފަހަރަށް ކޮންގްރެސްގެ ކެބިނެޓެއް އުފެދުނީ 1937 ގައެވެ. މަހާތަމާގާނދީ އެކެބިނެޓް އުފެދުމާ ގުޅިގެން އޭނާގެ އިނގިރޭސިނޫހުގައި ކޮންގްރެސްގެ ވަޒީރުންނަށް ސާދާ ދިރިއުޅުއްވުމަކަށް މަޝްވަރާ ދެއްވަމުން ލިޔުއްވައިފައިވެއެވެ. " އަޅުގަނޑަކަށެއް ތިޔަ ބޭފުޅުންގެ ކުރިފުޅުމައްޗަކަށް ރާމްޗަންދަރާއި ކްރިޝަންގެ ޙާވާލާ ހުށަހެޅޭކަށެއް ނެތެވެ. އެހެނީ އެއީ ތާރީޚީ ޝަޚްސިއްޔަތުތަކެއްނޫނެވެ. އަޅުގަނޑަށް މަޖްބޫރުވެފައިވަނީ ސާދާ ވެރީންގެ މިސާލުޖެހުމަށްޓަކައި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ނަންފުޅު ހުށަހަޅާށެވެ. އެބޭކަލުންނަކީ ވަރަށްބޮޑު ރަސްކަމެއްގެ ވެރީން ކަމުގައި ވެވަޑައިގަތުމާއެކުވެސް އެބޭކަލުންގެ ދިރިއުޅުއްވީ އެންމެ އަތްމަތިދަތި މީހުން ދިރިއުޅޭ ގޮތަށެވެ." (ހަރީޖަން 27 ޖުލައި 1937)

ވެރިކަމާއި ބާރު ލިބިތިބެ އާދައިގެ ދިރިއުޅުމެއް އުޅުމަކީ އެއްގޮތަކަށްވެސް އާދައިގެ ކަމެއް ނޫނެވެ. އެއީ އުނދަގޫ ކަންތައްތަކުގެ ތެރެއިންވެސް އެންމެ އުނދަގޫ ކަންތަކެވެ. މިކަމުގައި ޞަޙާބީންގެ މިންގަނޑަށް ފެތެވޭނީ މަޤާމަކީ ޢިއްޒަތެއްކަމުގައި ބެލުމުގެ ބަދަލުގައި ޒިންމާއެއް ކަމުގައި ބަލާ މީހުންނަށެވެ. ދިރިއުޅުމުގެ ވަސީލަތްތަކަކީ އުފާ ލިބިގަތުމުގެ ޒަރީޢާތަކެއްކަމުގައި ބެލުމުގެ ބަދަލުގައި އަޖުމަ ބެއްލެވުމުގެ ވަސީލަތްތަކެއް ކަމުގައި ބަލާ މީހުންނަށެވެ. ތިމާގެ ނަފުސުގެ އެދުންތަކުގެ މަތީން ހިނގުމުގެ ބަދަލުގައި ތިމާގެ އީމާންކަމުގެ ޝުޢޫރުގެ ދަށުން ޢަމަލުކުރާ މީހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނަކީ މިދެންނެވި އުނދަގޫމަގު އޭގެ ހުރިހާ އުނދަގޫތަކަކާއެކުވެސް އެބޭކަލުންގެ ޙަޔާތްޕުޅުގައި ޚިޔާރުކުރެއްވި ތެދުވެރި މުއުމިނުންނެވެ.

comment ކޮމެންޓް