ޕާކް ކޮށްފައި އޮޮތް، ސަރުކާރުގެ ކާރެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ޖަނަވަރީ މަގުގައި ޕާކް ކޮށްފައި އޮތް، ސަރުކާރުގެ ކާރެއްގައި ރޭ މެންދަމުގެ ވަގުތެއްގައު ރޯވެ އަނދަނީ، އަލިފާން ނިއްވާލީ އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން --- ސަން ފޮޓޯ: ކިޔުންތެރިއެއް

ޖަނަވަރީމަގުގައި ޕާކްކޮށްފައި އޮތް، ދައުލަތުގެ ކާރެއްގައި ރޯކޮށްލައި ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ، ކާރުގައި އަލިފާން ރޯވި ކަމަށް ރިޕޯޓް ލިބިފައި ވަނީ ރޭ މެންދަމު 3:03ގައި ކަމަށާއި ފަޔާ އެންޑް ރެސްކިއުގެ މަސަތްކަތުން 10 ވަރަކަށް މިނެޓް ތެރޭގައި އަލިފާން ގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ، އެ ހާދިސާގައި ކާރުގެ ފަހަތު ސީޓްގެ ބިއްލޫރި ގަނޑާއި ފަހަތު ބިއްލޫރި ގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ފަހަތު ސީޓް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަނަވަރީ ޕާކް ކޮށްފައި އޮތް، ސަރުކާރުގެ ކާރެއްގައި ރޭ ރޯވި އަލިފާން ގަނޑު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ފަޔާ ފައިޓަރުން ނިއްވާލަނީ --- ފޮޓޯ: އެމްއެންޑީއެފް

އެ ހާދިސާގައި އިތުރު އުޅަނދަކަށް އަދި މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު އެ މައްސަލަ އަންނަނީ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހުގެ ފަހުކޮޅުގައި ވެސް މާލޭގައި ވަނީ ގާތްގާތުގައި ދެ ކާރެއްގައި ރޯވެފަ އެވެ. ހެންވޭރު ކޮޅު ލޮނުޒިޔާރަތް މަގުގައި ޕާކްކޮށްފައި އޮތް ޕްރައިވެޓް ކާރެއްގެ ކުރީ ކޮޅުގައި ރޯވެފައިވާ އިރު އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވެ އެވެ.

ނަމަވެސް ޖެހިގެން އައި ދުވަހުގެ ރޭ ބޮޑުތަކުރުފާނު މަގުން ދަރުބާރުގޭ ކައިރިން ދުއްވާފައި ދިޔަ ޓެކްސީއެއްގެ ފަހަތުގައި އަލިފާން ހިފައި ރޯވީ ބެޓްރީ ސޯޓެއްގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރޭ ރޯކޮށްލާފައި ވަނީ ޕީޖީ އައިޝަތު ބިޝާމްގެ ކާރުކޮޅެވެ.

comment ކޮމެންޓް