ދިރާގު މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން މިމަހު 30ގައި

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ މަޓާޓޯ

މި މަހުގެ 30 ވަނަ ދުވަހު ކ. މާފުށީގައި ބާއްވަން ހަމަޖެހިފައިވާ ދިރާގު މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގެ ފަހުގެ ތައްޔާރީތައް ވަމުން ދާކަމަށް، އެ އިވެންޓް އިންތިޒާމްކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފިއެވެ.

މަޓާޓޯއިން ބުނީ 2016 ވަނަ އަހަރާ ހަމައަށްވެސް ގެސްޓްހައުސް ތަކަށް އެވޯޑް ދެމުން އައީ ޓްރެވަލް އެވޯޑްގެ ގާލާ އިވެންޓްގައި ފަސް އެވޯޑެއް ކަމަށެވެ. ނަމަވެސް މިފަހަރު ގެސްޓްހައުސްތަކުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން ކުރާ މަސައްކަތާއި ހޯދާ ކާމިޔާބީތަށް ފާހަގަ ކުރުމަށްޓަކައި ގެސްޓްހައުސް ތަކަށް ވަކިން ހާއްސަ އިވެންޓެއް ބާއްވައި، ގެސްޓްހައުސް ތަކަށް ހާއްސަކޮށްގެން އެވޯޑު ދެވިގެންދާނެ ކަމަށެވެ.

ޖުމުލަ 12 ދާއިރާ އަކުން ގާތްގަނޑަކަށް 90 އަށްވުރެ ގިނަ ނޮމިނީޒް، ގެސްޓްހައުސް ޓްރެވަލް އެވޯޑަށް ވާދަކުރާކަމަށް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯއިން ބުނީ، މިފަހަރުގު ގެސްޓްހައުސް އެޑިޝަނަށް ޖަޖުކުރުމުގައި އެހެން ފަހަރުތަކާ ހިލާފަށް 40 ޕަސެންޓް ބޭނުން ކުރާނީ ޓްރިޕް އެޑުވައިޒާގެ ރިވިއުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ބާކީ 60 ޕަސެންޓް ޖަޖުކުރާނީ އެސްއެމްއެސް އަދި އޮންލައިން ވޯޓިން ބޭނުން ކޮށްގެން ކަމަށެވެ.

ގެސްޓް އެޑިޝަން ބާއްވަން ހަމަޖެހިފައިވާ މާފުއްޓަކީ ގެސްޓްހައުސްތަކާ ގުޅޭ އެވޯޑެއް ދިނުމަށް އެންމެ އެކަށޭނެ ރަށްކަމަށް މަޓާޓޯއިން ބުންޏެވެ. އަދި މިފަހަރުގެ އެ އިވެންޓްގައި ޓްރެވަލް އިންޑަސްޓްރީގެ 250 ހަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވާނެކަމަށްވެސް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯއިން ބާއްވާ ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނަށްފަހު ބާއްވާ، ގާލާ އިވެންޓް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ގާލާ އެޑިޝަނަށް ނޮމިނޭޝަން ހުށަހެޅުން މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ބަންދުވެ 20 ވަނަ ދުވަހު ވޯޓަށް ހުޅުވާލާނެކަމަށްވެސް މަޓާޓޯއިން ބުންޏެވެ.

ތިން އެޑިޝަނަކަށް ބަހާލައިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޖުމްލަ 55 ފަރާތަކަށް މަޓާޓޯ ޓްރެވަލް އެވޯޑް ދެވިގެންދާނެއެވެ.

comment ކޮމެންޓް