ދިވެހިންނަށް އިނގިރޭސިވިލާތުގެ ދެވޭނެ ފަސޭހަ ގޮތްތަކެއް ފަހިކޮށްދީފި

ސިލްކު އެއާގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތު. ޕަސެންޖަރުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ވަނީ ބޮޑުބެރު ޖަހާފައި -- ސަން ފޮޓޯ

އިނގިރޭސިވިލާތަށާއި ޔޫރަޕުގެ ބައެއް ޤައުމުތަކަށް ދަތުރު ކުރާ މީހުންނަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ހިދުމަތެއް ކަމަށްވާ "ރެޖިސްޓަރޑް ޓްރެވެލަރ ސަރވިސް" ދިވެހިންނަށް ލިބޭނެ ގޮތް އެ ގައުމުން ހަމަޖައްސައިފި އެވެ.

އެ ހިދުމަތުގެ ދަށުން ރަޖިސްޓްރީވާ ދިވެހިންނަށް، ވައިގެ ބަނދަރުތަކުގައި ހުންނަ އީ ޕާސްޕޯޓްގެ ގޭޓުތައް ނުވަތަ ޔޫކޭ/އީޔޫއަށް ޚާއްޞަކުރެވިފައިވާ ޕާސްޕޯޓު ކިއުގައި ބައިވެރިވެ އިމިގްރޭޝަން އޮފިސަރަކާ އިތުރު މަޝްވަރާއެއް ކުރުމަކާނުލާ ޤައުމަށް އެތެރެވެވޭނެއެވެ.

މިއަދު ފޮރިންގް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މީގެ ކުރިން އެތައް ގަޑިއިރެއް އެއާޕޯޓްގައި މަޑުކުރަން ޖެހުނު ނަމަވެސް އަލަށް ތައާރަފްވެގެން ދިޔަ ހިދުމަތުގެ ސަބަބުން އެ ޤައުމަށް އެތެރެވާއިރު، އެއަރޕޯޓުގެ އިމިގްރޭޝަނަށް ހުށަހަޅަންޖެހޭ "ލޭންޑިން ކާޑު" ވެސް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ހިދުުމަތް ދިވެހިންނަށް ލިބިގެންދާނެ އެއާޕޯޓް ތަކުގެ ތެރޭގައި ބުނެފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ އެއަރޕޯޓުތައް ކަމުގައިވާ ގެޓްވިކް، ހީތްރޯ، ލަންޑަން ސިޓީ، ލޫޓަން، ސްޓެންސްޓެޑް އެއަރޕޯޓް، މެންޗެސްޓަރ ، ބަރމިންގހަމް، އީސްޓް މިޑްލަންޑްސް އާއި އެޑިންބަރާ އެއާޕޯޓެވެ.އޭގެ އިތުރުން ޔޫރޯ ސްޓާރ ޓަރމިނަލްތައް ކަމުގައިވާ ބްރަސަލްސް، ލީލް އަދި ޕެރިހުގައި ވެސް ރެޖިސްޓަރޑް އެ ހިދުމަތް ބޭޏުން ކުރެވޭޏެއެވެ.

ހިދުމަތް ހޯދަން ބޭނުންވާ ދިވެހިން އެ ހިދުމަތް ހޯދުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭނެ ކަންކަން ގޮތުގައި ބަޔާޏްކޮށްފައިވަނީ އިލެކްޓްރޯނިކް ޕާސްޕޯޓެއް އޮތުމާއެކު، ޚިދުމަތަށް ދައްކަންޖެހޭ އަހަރީ ފީ އެއް ދައްކައި، "ރެޖިސްޓަރޑް ޓްރެވެލަރ" އެއްގެ ގޮތުގައި އޮންލައިންކޮށް ރަޖިސްޓްރީ ވުމެވެ. ކުރުމުންނެވެ. އަދި"ރެޖިސްޓަރޑް ޓްރެވެލަރ ސަރވިސް" އަކީ އަހަރުން އަހަރަށް މެންބަރޝިޕް އައު ކުރަން ޖެހޭ ހިދުމަތެކެވެ.

ފޮރިން މިނިސްޓްރީން ބުނީ އާންމުކޮށް ބޮޑެތި ގައުމުތަކަށް ލިބިގެންދާ އެ ހިދުމަތް ދިވެހިންނަށް ލިބިގެންދާގޮތައް ހަމަޖެހިގެންދިޔައީ ދިވެހިން އިނގިރޭސިވިލާތަށާއި ޔޫރަޕުގެ ޤައުމުތަކަށް ދަތުރުކުރާއިރު އެއަރޕޯޓުގައި ހޭދަ ކުރަންޖެހޭ ވަގުތު އިތުރުވާތީ އުފުލަމުންދާ ތަކުލީފު ކުޑަކުރުމުގެ ގޮތުން، ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އެކި ބޭނުންތަކުގައި މިހާރުވެސް ދިވެހިން އިނގިރޭސިވިލާތައް އެތެރެވަމުންދާއިރު އެ ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހިލޭ "އޮން އަރައިވަލް" ވިސާ ލިބޭނެގޮތް ވަނީ ހަމަޖެހިފައެވެ.

"ރެޖިސްޓަރޑް ޓްރެވެލަރ ސަރވިސް" ހުއްދަ އިނގިރޭސިވިލާތުން މިހާތަނަށް ދީފައިވަނީ ހަމައެކަނި 40 ގައުމަކަށެވެ. ދިވެހިންނަށް އެ ހިދުމަތް ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ 5 އޮކްޓޫބަރު 2017 އިން ފެށިގެންނެވެ.

comment ކޮމެންޓް