މެދު އިރުމަތީގެ ހަތަރު ގައުމެއްގައި ބާއްވާ ރޯޑް ޝޯއެއްގައި ރާއްޖެއިން ބައިވެރިވަނީ

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާޒް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތް ތެރިވާ ފަރާތްތަށް ގުޅިގެން މެދު އިރުމަތީގައި އަންނަ އަހަރު ބާއްވާ އައުޓް ބޮންޑް ޓްރެވަލް ރޯޑް ޝޯވ 2018 (އޯޓީއާރު) ގައި ބައިވެރިވަން ނިންމައިފިއެވެ.

އަންނަ އަހަރުގެ ފެބްރުއަރީމަހުގެ 11 އިން 15 އަށް މެދު އިރުމަތީގެ ދުބާއީ، ކުއައިތު، ގަތަރު އަދި އޮމާން ގައި ކުރިއަށްދާ އެ ރޯޑް ޝޯގައި ފަތުރުވެރިކަމާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް ހިންގާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯއިން ބުނީ، މެދު އިރުމަތީގައި ބާއްވާ އެ ރޯޑް ޝޯއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ފަތުރުވެރިކަން ކުރާ ފަރާތްތަށް އެއްތަނަކަށް އައިސް އެ ބައެއްގެ ފަތުރުވެރިކަން މާކެޓް ކޮށް ރަނގަޅު ގިނަ ފަތުރުވެރިން ހޯދުމަށް މަގުފަހި ކޮށްދޭ ރޯޑް ޝޯ އެއްކަމަށެވެ.

މަޓާޓޯއިން ވަނީ މެދުއިރުމަތީގެ ރޯޑް ޝޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެ ގޮތުން ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ފުރުމަށްފަހު ބައިވެރި ވުމުގެ ފީއާއެކު މަޓާޓޯއަށް ހުށައަޅަން ޖެހޭނެ ކަމަށް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯއިން ބުނީ އެ ރޯޑް ޝޯގައި ބައިވެރިވުމަށް ފުލް ޕެކޭޖްގެ އަގަކީ 3800 ޑޮލަރު ކަމަށެވެ. އަދި އެއް ކުންފުންޏަޔަކަށް ނިސްބަތްވާ ދެ މީހަކު ދާނަމަ އިތުރަށް އެ ދާ ފަރާތަކަށް 1600 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވެސް މަޓާޓޮއިން ބުންޏެވެ.

ރޯޑް ޝޯ އޮންނަ ހަތަރުގައުމުގެ ތެރެއިން އޮމާން އަކީ އިހްތިޔާރީ ގައުމެއް ކަމުން އެ ގައުމުގެ ރޯޑް ޝޯގައި ބައިވެރިވާން ބޭނުންނަމަ 1270 ޑޮލަރުގެ ފީ އެއް ދައްކަން ޖެހޭނެ ކަމަށް މަޓާޓޯއިން ބުންޏެވެ.

comment ކޮމެންޓް