އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުން ފަސްކުރުމަށް ޓްރަމްޕް ނިންމަވައިފި

ވޮޝިންޓަން (އޮކްޓޯބަރު 8) : އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްގައި ހުންނަ އެމެރިކާ އެމްބަސީ، އިސްރާއިލު ގަދަބާރުން ވެރިވެފައިވާ ފަލަސްތީނުގެ ގުދުސަށް ބަދަލުކުރުމުގެ ކަންތައް މިހާރަށް މަޑުޖައްސާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އެންބަސީ ގުދުސަށް ބަދަލުކުރުމަކީ ކޭންޕޭން ވައުދެއް ނަމަވެސް އެކަން ކުރަން އަދި މަޑުޖައްސާލުމަށް ނިންމާފައިވާ ކަމުގައެވެ. އެކަން މަޑުޖައްސާލީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް މަގުފަހި ކުރުމުގެ ގޮތުންކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ވައިޓް ހައުސް އިން ވަނީ ފަލަސްތީނާއި ބައެއް އަރަބި ގައުމުތަކާ އެކު ސުލްހައިގެ މޭޒުދޮށަށް އިސްރާއީލުގެ ގެނައުމަށް ޓްރަމްޕް ޚާއްސަ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަން ހާމަކޮށްފަ އެވެ. މިކަމުގައި އިސްކޮށް އުޅުއްވަނީ ޓްރަމްޕްގެ ދަނބި ދަރި ޖަރެޑް ކުޝްނާ އެވެ. ކުޝްނާ ދާދިފަހުން ވަނީ އިސްރާއިލާއި ފަލަސްތީނާ އަދި ބައެއް އަރަބި ގައުމުތަކަށް ޒިޔާރަތް ކުރައްވައިފަ އެވެ. މެދުއިރުމައްޗާ ބެހޭ އެއްވެސް ތަޖްރިބާއެއްނެތް ޒުވާން ކުޝްނާއަށް އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ފަދަ ބޮޑު އަދި ޒަމާންވީ މައްސަލައެއް ހައްލުކުރެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އިސްރާއީލުން ގުދުސްގެ ހުޅަނގުބައި ހިފާފައި ވަނީ 1948ގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެ، ކިޔާ އިސްތިއްމާރީ ގައުމު އުފެއްދުމާއެކުގަ އެވެ. އެކަމާ އދ. އިން އަޅާލާފައެއް ނުވެ އެވެ. ނަމަވެސް އިސްރާއީލުން ގުދުސްގެ އިރުމަތީބައި ހިފާފައި ވަނީ 1967ގައި ހިނގި އަރަބި އިސްރާއީލުގެ ހަނގުރާމައިގަ އެވެ. ގުދްސުގެ މިބައި އިސްރާއީލުން ހިފުމުން އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ 1976ގެ ހަނގުރާމައިގާ އިސްރާއީލު ހިފި ބިންތަކުން ފޭބުމަށް އިސްރާއީލަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ.

މިއާ އެކު 1976ގެ ހަނގުރާމައިގާ އިސްރާއީލު ހިފި ފަލަސްތީނުގެ ބިންތަކާއި ސޫރިޔާގެ ގޯލާންގެ ބިންފަދަ އަރަބި އެހެން ބިންތަކަކީ އިސްރާއީލު ގަދަބާރުން ވެރިވެގަނެ އިސްތިއްމާރީ ގޮތުން ހިފާފައިވާ ބިންތަކުގެ ގޮތުގައި ބައިނަލްއަގްވާމީ މުޖްތަމައުން ދެކެއެވެ.

އެއަށް ފަހު 1982 ވަނަ އަހަރު އިސްރާއީލުން ވަނީ ގުދްސުގެ އިރުމަތީ ބަޔާއި ހުޅަނގުބައި ހިމެނޭ ގޮތަށް މުޅި ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ހަމަޖައްސާފަ އެވެ. ނަމަވެސް ގުދްސުގެ އިރުމަތީ ބަޔަކީ އިސްރާއީލު ވެރިވެގަނެގެންއުޅޭ ބިމަކަށްވާތީ އިސްރާއީލުގެ މިނިންމުން އދ. ންވެސް އަދި ބައިނަލްއަގްވާމީ މުޖްތަމައުން ވެސް ގަބޫލެއް ނުކުރެ އެވެ. އެހެންކަމުން އިސްރާއީލުގެ ޓެލްއަވީވްގައި ހުންނަ ދުނިޔޭގެ ގައުމުތަކުގެ އެމްބަސީތައް، އިސްރާއިލު ގަދަބާރުން ވެރިވެފައިވާ ފަލަސްތީނުގެ ގުދުސަށް ބަދަލުކުރުމަށް އެއްވެސް ގައުމުން މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ނަމަވެސް ޓްރަމްޕް ވަނީ އދ.ގެ ގަރާރުތަކަށް ގޮން ޖައްސަވައި އޭނާއަށް އެމެރިކާގެ ވެރިކަން ލިބިއްޖެ ނަމަ އެމެރިކާގެ އެންބަސީ ގުދުސަށް ބަދަލުކުރައްވާނެ ކަމަށް ކޭންޕޭންގެ ދުވަސްވަރު ވިދާޅުވެފަ އެވެ. ޓްރަމްޕަކީ ކޭންޕޭންގެ ދުވަސްވަރު މިބާވަތުގެ ދެކޮޅު ނުޖެހޭ އެތައް ވާހަކަތަކެއް ދައްކަވައި ގާނޫނާ ޚިލާފު އެތަށް ވައުދެއް ވެފައިވާ ބޭފުޅެކެވެ. މިކަންކަން އޭނާ ކުރައްވަނީ އެމެރިކާގައި ބާރުގަދަ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ ތާއީދު ހޯދުމުގެ ނުބައި މަގްސަދުގަ އެވެ. ނަމަވެސް މިގޮތަށް ވެފައިވާ ގިނަ ވައުދުތައް ފުއްދައި ދިނުމުގައި ޓްރަމްޕް ވަނީ ނާކާމިޔާބުވެފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް