ނަރުސްކަން ކިޔަވާ 74 ދަރިވަރަކު އަމަލީ ތަމްރީނަށް އިންޑިއާ އަށް

މާދަމާ އަމަލީ ތަމްރީނަށް ފުރަން ހަމަޖެހިފައިވާ ދަރިވަރުން ކޮޅެއް- ސަމް ފޮޓޯ- ފަޔާޒު މޫސާ

ނަރުސްކަން ކިޔަވާ 74 ދަރިވަރަކު އަމަލީ ތަމްރީނަށް މާދަމާ އިންޑިއާ އަށް ފުރަން ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ޕޮލިޓެކްނިކްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 500 ނަރުހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމްގެ ދަށުން މާދަމާ 74 ދަރިވަރަކު އިންޑިއާ އަށް ފުރަން ހަމަޖެހިފައިވާ ކަމަށާއި ގައުމީ ޔުނިވާސިޓީ އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން (ޓިވެޓް އޮތޯރިޓީ)އާ ގުޅިގެން ކުރިއަށް ގެންދާ އެ ކޯހަކީ އޮންލައިންކޮށް ކިޔެވޭ އަދި ހިލޭ ކިޔެވޭ ކޯހެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާއިލާ ގާތުގައި ހުރެގެން ކިޔަވުމުގެ ފުރުސަތު ތަނަވަސްވުމަކީ ދަރިވަރުންނަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ.

މާދަމާ 74 ދަރިވަރުން އަމަލީ ތަޖްރިބާ ހޯދުމަށް ރާއްޖެއިން ބޭރަށް ފުރާއިރު ސަރުކާރުން 14 އަހަރުގެ ހިލޭ ތައުލީމަށް ފަހު ވެސް ކުއްޖާއަށް 18 އަހަރު ފުރުމުން އެ ކުއްޖަކު ބޭނުން ދާއިރައަކުން ކުރިއަށް ދިޔުމުގެ މަގު ތަނަވަސްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު ޝިހާމް ވާހަކަފުޅު ދައްކަވަނީ- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ފަސްސަތޭކަ ނަރުހުން ތަމްރީން ކުރަން ހަމަޖެހިފައިވީ ނަމަވެސް މިހާރު ވެސް 1000 އެއްހާ ކުދިން އެބަތިބި ކޯހަށް އެޕްލައި ކޮށްފައި. ފަސްސަތޭކަ ކުދިން ތަމްރީން ވިޔަސް ވެސް ކުދިން ތަމްރީނު ކުރުން ކުރިއަށް ގެންދާނަން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކިޔަވަން ބޭރަށް ދާ ކޮންމެ ކުއްޖެއްގެ ވެސް އަޒުމަކަށް ވާންޖެހޭނީ ރާއްޖެއަށާއި އަމިއްލަ ނަފްސަށް ރީތި ނަމެއް ހޯދައި ދިނުން ކަމަށެވެ.

އެ ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ލިބޭނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސަނަދު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް