ޕުއާޓަރިކޯއަށް މޮބައިލްފޯނުގެ ހިދުމަތް ދިނުމަށް ގޫގުލްއިން ބޮޑެތި ފުއްޕާހަން ބޭނުންކުރަނީ

ދުރު ސަރަހއްދުތަކަށް އިންޓަނެތް ފޯރުކޮށްދިނުމަށްޓަކައި ގޫގަލް އިން ބޭނުންކުރާ ބޮޑެތި ފުއްޕާހަން--

ހަރިކޭން މާރިއާ އެމެރިކާގެ ޕުއާޓަރިކޯއަށް އެރުމުގެ ސަބަބުން އެ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެ މުވާސަލާތީ ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް ދަތިވެފައިވާތީވެ ގޫގުލުން މޯބައިލް ފޯނުގެ ހިދުމަތް ދިނުމަށް ބޮޑެތި ފުއްޕާހަން ބޭނުންކުރުމަށް ނިންމައިފިއެވެ.

އެ ކާރިސާއަށް ފަހު ޕުއާޓަރިކޯގެ މޮބައިލު ފޯނުގެ 83 އިންސައްތަ ހިދުމަށް ވަނީ މެދުކެނޑިފައެވެ. އެމެރިކާގެ ފެޑެރަލް ކޮމިޔުނިކޭޝަންސް ކޮމިޝަން (އެފްސީސީން) އިން ވަނީ މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ފުއްޕާހަން ބޭނުން ކުރުމަށް ގޫގަލް އަށް ހުއްދަ ވެސް މިހާރު ދީފައެވެ.

ގޫގުލްގެ މައި ކުންފުނި އަލްފަބެޓް އިންކުން އިރުގެ ހަކަތަ ބޭނުންކުރާ ބޯޑެތި ފުއްޕާހަންތަކެއް ބޭނުންކޮށްގެން "ޕްރޮޖެކްޓް ލޫން" ނަމުގައި 2013 ވަނަ އަހަރު ވަނީ މީހުން އުޅޭ ދުރު ހިސާބުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށްޓަކައި ޕްރޮޖެކްޓެއް ލޯންޗު ކޮށްފައެވެ.

ޕުއާޓަރިކޯއަށް އެރި ތޫފާނަށް ފަހު ދިމާވެފައިވާ ގޮން ޖެހުންތަކުން އަރައިގަތުމަށްޓަކައި ހަރިކޭން ރިކަވަރީ ޓާސްކްފޯހެއް އުފައްދާނެ ކަމަށް އެފްސީސީގެ ޗެއާމަން އަޖިތު ޕައި ވަނީ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައެވެ.

"މުވާސަލާތީ ނިޒާމު އަލުން ގާއިމުކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އެބަޖެހޭ ގުޅިގެން ވަރަށް ފުރިހަމަ ނިޒާމެއް އަލުން ގާއިމުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން،" އަޖިތު ވިދާޅުވިއެވެ.

comment ކޮމެންޓް