ރަޝިއާ ޔުނިވާސިޓީއަކުން ސައުދީ ރަސްގެފާން ސަލްމާނަށް އޮނަރަރީ ޑޮކްޓުރޭޓެއް އަރުވައިފި

ރަޝިއާ ޔުނިވާސިޓީއަކުން ސައުދީ ރަސްގެފާން ސަލްމާނަށް އޮނަރަރީ ޑޮކްޓުރޭޓެއް އެރުވުން ---

ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރަޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަޝިއާގެ ޔުނިވާސިޓީއަކުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓުރޭޓެއް އަރުވައިފިއެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުންނަ، ރަޝިއާގެ ފޮރިން މިނިސްޓަރު ހިންގަވާ މޮސްކޯ ސްޓޭޓް އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް އިން އެ ޑޮކްޓުރޭޓް ކިންގް ސަލްމާނަށް އެރުވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރަޝިއާގެ އެންމެ ފެންވަރު ރަނގަޅު ޔުނިވާސިޓީގެ ގޮތުގައި ފާހަގަކުރާ އެ ޔުނިވާސިޓީން ސައުދީ ރަސްގެފާނަށް އެރުވި މި އޮނަރަރީ ޑޮކްޓުރޭޓަކީ ސައުދީ އަރަބިއާ އާއި ރަޝިއާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް ސަލްމާން ރަސްގެފާނު އަދާކުރައްވާ ދައުރާއި ދުނިޔޭގައި ހަމަހަމަކަން ގާއިމްކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް އެރުވި އެވޯޑެކެވެ.

ރަޝިއާ ޔުނިވާސިޓީއަކުން ސައުދީ ރަސްގެފާން ސަލްމާނަށް އޮނަރަރީ ޑޮކްޓުރޭޓެއް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަލްމާން ރަސްގެފާން ހަނާާ އަޅުއްވަނީ ---

ސައުދީ ރަސްގެފާން ސަލްމާން ރަޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެގައުމަށް ވަޑައިގަތީ މިދިޔަ ބުދަ ދުވަހުއެވެ. އަދި ދަތުރުފުޅުގައި ރަސްގެފާން ސަލްމާން ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާއި ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑީވްއާ ބައްދަލުކުރައްވާފައެވެ.

"އަހަރެމެން (ރަޝިއާ އަދި ސައުދީ އަރަބިއާ)ގެ ގުޅުން އިތުރު އުސްމިންތަކަކަށް ގެންދިއުމަށް މިތިބީ ތައްޔާރަށް. އަދި ރައީސް ވްލަޑިމިއާ ޕުޓިންއާއެކު އިއްޔެ ބޭއްވި މަޝްވަރާތަކަކީ އެކަމުގެ ހެއްކެއް. އެ ބައްދަލުވުމުގައި ދެ ގައުމުގެ ދޭތެރޭގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަ ކުރުމަށް ވަނީ އެއްބަސްވެވިފައި،" ބޮޑުވަޒީރު މެޑްވެޑީވްއާއެކު ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ކިންގް ސަލްމާން ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ރަސްގެފާން އިތުރަށް ވިދާޅުވެފައިވަނީ، ގަލްފު އަދި މެދުއިރުމަތީގެ ސުލްހަ ގާއިމްކޮށް ޔެމެން އަދި ސީރިއާއަށް ދިމާވެފައިވާ ކާރިސާތަކުން އަރައިގަތުމަށް އިރާނުން މިހާރު ގެންގުޅޭ އަމިއްލަ ސިޔާސަތުތައް ދޫކޮށްލާ، ރަނގަޅު އަވަށްޓެރިއެއްގެ އުސޫލްތައް ގަބޫލުކުރަންޖެހޭ ކަމަށެވެ.

comment ކޮމެންޓް