ދެކުނު ކޮރެއާގެ މަޝްހޫރު ޓީ-އަރާ ގާލް ގްރޫޕްގެ ލަވަކިޔުންތެރިޔާ ހަޔޯމިން ރާއްޖޭގައި

ދެކުނު ކޮރެއާގެ މަޝްހޫރު ގާލް ގްރޫޕެއް ކަމަށްވާ ޓީ-އަރާގައި ހިމެނޭ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ހަޔޯމިން ---

ދެކުނު ކޮރެއާގެ މަޝްހޫރު ގާލް ގްރޫޕެއް ކަމަށްވާ ޓީ-އަރާގައި ހިމެނޭ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ޕާކް ސަން ޔަންގް ނުވަތަ ސްޓޭޖް ނަމުން މަޝްހޫރު ހަޔޯމިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ޓީ އަރާ ގްރޫޕުގެ މެމްބަރެއްގެ ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން ހިމެނޭ އުމުރުން 28 އަހަރުގެ ހަޔޯމިން ރާއްޖެ އައިސްފައިވަނީ ސީދާ ކޮންއިރަކު ކަމެއް އަދި ކޮން ބަޔަކާ އެކު ކަމެއް ނޭނގެއެވެ. އަދި ޗުއްޓީ ހޭދަ ކުރަމުންދަނީ ރާއްޖޭގެ ކޮން ތަނެއްގައި ކަމެއް ސާފެއް ނުވެއެވެ.

ނަމަވެސް އޭނާގެ އޮފިޝަލް އިންސްޓަގުރާމް އެކައުންޓުގައި ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ ވީޑިއޯތަކާއި ފޮޓޯތައް އޭނާގެ 1.4 މިލިއަން ފޮލޯވަރުންނާ ހިއްސާ ކުރަމުންދާއިރު، މީގެ ތިން ދުވަސް ކުރިން އޭނާ ވަނީ ރާއްޖެ ޓެގްކޮށް ސީ ޕްލޭނެއްގައި އިންދާ ނަގާފައިވާ ވީޑިއޯއެއް ހިއްސާ ކޮށްފައެވެ.

އަދި މީގެ އެއް ދުވަސް ކުރިން ފްރާންސްގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ލުއިސް ވިޓަން އިން ރާއްޖޭގައި ހިންގަމުންދާ ޝެވަލް ބްލޯން ރަންދެލި ރިސޯޓުގެ ސީ ޕްލޭނެއްގެ ކުރިމަތީގައި ނަގާފައިވާ ފޮޓޯއެއް އިންސްޓްގުރާމްއަށް ލާފައިވާއިރު ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓުގައި އޭނާ އުޅޭ ވިލާގެ ވީޑިއޯއެއް ވަނީ މިއަދު ހިއްސާ ކޮށްފައެވެ.

ޓީ-އަރާ ބޭންޑާ ގުޅުމުގެ ކުރިން ވެސް ހަޔޯމިން އަކީ އާއްމުންގެ ތެރޭގައި މަގްބޫލު މޫނެކެވެ. އެގޮތުން އުމުރުން އެންމެ އަށް އަހަރުގައި ކުޑަކުދިންގެ ރީތީގެ މުބާރާތެއް ކަމަށްވާ މިމި ޕްރިންސެސް މޮޑެލިން ކޮންސެޓް ކާމިޔާބު ކުރިއިރު، އޮންލައިން ޝޮޕިން މޯލްތަކަށް އޭނާ ވަނީ މޮޑެލް ކޮށްދީފައެވެ.

އޭގެ އިތުރުން ތިން ވެރައިޓީ ޝޯއެއްގައި ކާސްޓް މެމްބަރެއްގެ ގޮތުގައި އޭނާ އުޅެފައިވާއިރު ތިން ޓެލެވިޒަން ސީރީސްއެއްގެ ސަޕޯޓިން ރޯލް ކަމާއި އެއް ސީރީޒްގެ މެއިން ރޯލުން އޭނާ ވަނީ ފެނިގެން ގޮސްފައެވެ.

ހަޔޯމިންގެ އެކްޓު ކުރުމުގެ ހުނަރަށް އޭނާއަށް ވަނީ ކޮރެއާގެ މުހްވާ ބްރޯޑްކާސްޓިން ކޯޕަރޭޝަން އިން 2011 ވަނަ އަހަރު ދިން އެމްބީސީ ޑްރާމާ އެވޯޑްސްގެ އެންމެ މޮޅު އާ ބަތަލާގެ އެވޯޑް ހޯދާފައެވެ.

އަދި މިއަހަރު އޭނާ ވަނީ ޗައިނާގެ މަޝްހޫރު މިއުޒިކް ވީޑިއޯ ޝެއަރިން ސައިޓެއް ކަމަށްވާ ޔިންޔޫޓައިގެ ވީ ޗާޓް އެވޯޑްސް އިން ހޮވި ކޮރެއާގެ އެންމެ މޮޅު އަންހެން އާޓިސްޓުގެ އެވޯޑް ހޯދާފައެވެ.

އެ އެވޯޑް އޭނާއަށް ލިބުނީ، މިދިޔަ އަހަރު ނެރުނު އެކްސްޓެންޑެޓް ޕުލޭ، "ސްކެޗް" އިންނެވެ. އެއީ ހަޔޯމިން އަށް އެންމެ ބޮޑު މަގްބޫލު ކަމެއް ވެސް ލިބެމުން އަންނަ އެއް ލަވައެވެ.

A post shared by ʜʏᴏⓂ️ɪɴ (@hyominnn) on

comment ކޮމެންޓް